ރޭސިން އެސޯސިއޭޝަންގެ ހިތްހަަަމަނުޖެހުން ސަރުކާރަށް ރޭސިން އެސޯސިއޭޝަންގެ ހިތްހަަަމަނުޖެހުން ސަރުކާރަށް

ސަރުކާރުގެ ނިންމުމެއްގެ ސަބަބުން ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
ރޭސިން އެސޯސިއޭޝަނުން މި މަހުގެ 12 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފާއިތުވި ހަތް އަހަރު އެ އެސޯސިއޭޝަނުން ރާއްޖޭގައި މޮޓޯސްޕޯޓްސް ކުރިއެރުވުމަށް ގިނަ ހިދުމަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި، 2024 ވަނަ އަހަރު ޑިސެމްބަރު މަހު ބޭއްވުނު ރޭސިންގެ ބައިނަލްއަގުވާމީ ފެޑެރޭޝަން، FIA ގެ ޖެނަރަލް އެސެމްްބްލީގައި ރޭމް އަށް އެ ޖަމިއްޔާގެ މެމްބަރުކަން ލިބިފައިވާ ކަމަށެވެ.
އަދި، އޭގެ ފަހުން ރޭމް އިން މަސައްކަތް ކުރީ، FIM ގެ މެމްބަރުކަން ހޯދުމަށް ކަަމަށާއި އެކަމަށް ލިޔެކިއުންތައް ފޮނުވައި، ޑިސެމްބަރު މަހު، ބޭއްވުމަށް ހަމަޖެހިފައިވާ FIM ގެ ޖެނެރަލް އެސެމްބްލީ އަށް ދިއުމަށް އޮކްޓޫބަރު މަހު ރޭމް އަށް ދައުވަތު ލިބިފައިވަނީ، މެމްބަރުކަން ލިބުމުގެ އެންމެ ފަހު މަރުހަލާގެ ގޮތުގައި ކަމަށެވެ.
އެހެން ނަމަވެސް އެތައް އުންމީދެއްގައި ތިއްބާ، ސްޕޯޓްސް މިނިސްޓަރު ރާފިއު ސޮއިކުރައްވައި، މި ދެ ޖަމިއްޔާ އަށް ފޮނުވާފައިވާ ސިޓީއަކާ އެކު، FIA އިން ކުއްލި އީމެއިލެއް ލިބުނު ކަމަށް ރޭމް އިން ވަނީ ބުނެފަ އެވެ. އެ ސިޓީތަކުގައި ބަޔާންކޮށްފައިވަނީ ރާއްޖޭގައި މޮޓޯސްޕޯޓްސް ހިންގަނީ އެމްއެމްއާރްއޭ ނަމަކަށް ކިޔާ އެސޯސިއޭޝަނެއް ކަމަށާއި އެ ޖަމިއްޔާ، FIA އާއި FIM ގައި އެންޑޯސްކޮށްދިނުމަށް މިނިސްޓްރީން އެދޭ ކަމަށެވެ.
ރޭމްގެ ބަޔާނުގައި ބުނެފައިވަނީ، އެމްއެމްއާރޭ އަކީ 2016 ވަނަ އަހަރުގެ ކުރިން ބައެއް ރޭސިން ހަރަކާތްތައް ބާއްވާފައިވީ ނަމަވެސް، އެ ކުޅިވަރު ކުރިއެރުވުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތެއް ކޮށްފައިވާ ޖަމިއްޔާއެއް ނޫން ކަމަށެވެ. އަދި، 2016 ވަނަ އަހަރުގެ ފަހުން މޮޓޯ ސްޕޯޓްސްގެ އެއްވެސް ހަރަކާތެއް އެމްއެމްއާރްއޭ އިން ހިންގާފައިނުވާއިރު، މިނިސްޓްރީން އެ ވަރުގެ އެސޯސިއޭޝަނެއްގެ ނަން ބައިނަލްއަގުވާމީ ޖަމިިއްޔާ އަކަށް ފޮނުވުމުން ސުވާލު އުފެދޭ ކަމަށް ރޭމް އިން ވަނީ ބުނެފަ އެެވެ.
"އެ ސިޓީގައި މި ސަރުކާރުން އެ ޖަމިއްޔާ (އެމްއެމްއާރްއޭ)އާ ގުޅިގެން މޮޓޯސްޕޯޓްސްގެ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި ކުރަމުންދާ ކަމަށާއި، އަދި ދިވެހި ރާއްޖޭގެ މޮޓޯސްޕޯޓްސްގެ ކަންކަން ހިންގަނީ ހަމައެކަނި އެމްއެމްއާރްއޭ އިން ކަމަށް ބަޔާންކޮށް އެންޑޯސްމަންޓް ސިޓީއެއް ދެއްވާފައިވަނީ ކޮން އުސޫލަކުން ކޮން ސަބަބަކަށްޓަކައިކަން ރޭމް އަށް ސާފުވެފައެއް ނުވެ އެވެ. މި ފަދަ ގޮތަކަށް މިނިސްޓަރު އަމަލުކުރެއްވި ސަބަބު އެއްގޮތަކަށް ވެސް ވިސްނައިގަނެވިފައިނުވެ އެވެ." ރޭމްގެ ބަޔާނުގައި ބުނެފަ އެވެ.
މި މައްސަލައިގައި، ރޭމް އިން ވަނީ މިހާރު FIA އަށް ކަމުގެ ތަފްސީލް ހުށަހަޅައިފަ އެވެ. ޖަވާބުގައި، FIA އިން ބުނެފައިވަނީ، މި މައްސަލަ ދަނީ ކޮމިޓީ އަކުން ދިރާސާކުރަމުން ކަމަށް ބުނެފަ އެވެ. އަދި، މިހާރު ރޭމް އަށް ވަނީ، ޑިސެމްބަރު މަހުގެ FIM ގެ ޖެނެރަލް އެސެމްބްލީން އިން ރޭމް އުނިކުރެވިފައިވާ ކަމަށް އަންގައިފަ އެވެ.
"FIM އިން ރޭމް އަށް ދެއްވާފައިވާ މައުލޫމާތުގައި މި ސިޓީގެ ސަބަބުން އަލުން އިވެލުއޭޝަން ޕްރޮސަސް އަކަށް ދާން ޖެހޭ ކަމަށާއި މި ކަމާ ގުޅޭގޮތުން އިތުރު ތަފްސީޅް ހޯދުމަށް FIM އިން މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީ އަށް ވެސް މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައިނުވާކަން ފާހަގަކުރަމެވެ." ރޭމް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެެވެ.
ރޭމް އިން ބުނީ އެ އެސޯސިއޭޝަނަކީ، ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރެވި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވެސް ގަބޫލުކުރާ ޖަމިއްޔާއެއް ކަމަށެވެ. އަދި، 19 ނޮވެމްބަރު 2023 ގައި އޮލިމްޕިކް ކޮމިޓީން ދީފައިވާ ސިޓީއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރޭމް އަކީ ރާއްޖޭގައި މޮޓޯސްޕޯޓްސް އިވެންޓްތައް އިންތިޒާމްކޮށް ހިންގުމަށް ހުއްދަ ލިބިފައިވާ FIA އާއި FIM ގައި ރާއްޖެ ތަމްސީލްކުރުމަށް އެންމެ އެކަށީގެންވާ ޖަމިއްޔާ ކަމަށް ރޭމް އިން ވަނީ މައުލޫމާތު ދީފަ އެވެ. އަދި، ރޭމް އިން ބުނީ މިދިޔަ އަހަރުގެ ޖެނުއަރީ 7 ވަނަ ދުވަހު ސްޕޯޓްސް މިނިސްޓްރީން ކަަށަވަރުކޮށްދީފައިވާ ގޮތުގައި މޮޓޯ ރޭސިން އިން ރާއްޖެ ތަމްސީލް ކުރުމަށް ހުއްދަ ދީފައިވާ ޖަމިއްޔާއެއް ގޮތަށް ވަގުތީ ދަރަޖަ (ޕްރޮވިޝަނަލް ނެޝަނަލް ސްޓޭޓަސް) ވެސް ލިބިފައިވާ ކަމަށެވެ.
ރޭމް އަށް މި އަހަރު އެއްވެސް އިވެންޓެއް ބޭއްވޭ ގޮތް ނުވެފައިވަނީ، މިދިޔަ އަހަރު ޑިސެމްބަރު މަހު ސަރުކާރުން އެ ކުޅިވަރާ ނުގުޅޭ ސަބަބަކާ ހުރެ އިވެންޓްތައް ހުއްޓުވުމަށް ފަހު އަލުން ހުއްދަދީފައިނުވާތީ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެެވެ. ލިބުނު ގެއްލުމުގެ ބަދަލު ދޭނެ ކަމަށް ބުނެފައިވީ ނަމަވެސް އެކަން ވެސް ކޮށްނުދޭ ކަމަށް ރޭމް އިން ވަނީ ބުނެފަ އެެވެ.
"އިވެންޓްތައް ހުއްޓުވާލި ސަބަބު ބަޔާންކޮށް ސަރުކާރުގެ އެއްވެސް ވުޒާރާ އަކުން ލިޔުމެއް ލިބިފައިނުވާހިނދު، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށް އެދުނު ސިޓީ އަށް ވެސް ޖަވާބެއް ލިިބިފައިނުވާކަން ފާހަގަކުރަމެވެ،" ރޭމްގެ ބަޔާނުގައިވެ އެވެ.
ރޭމް އިން ބުނީ އަހަރަކު މަދުވެގެން ހަތް އިވެންޓް ބާއްވަމުން އައި އެ އެސޯސިއޭޝަނަށް މި އަހަރު އެއްވެސް އިވެންޓެއް ނުބޭއްވިދިއުމަކީ މާޔޫސްކަމެއް ކަމަށެވެ.
ރޭމްގެ އިލްތިމާސަކީ، މިނިސްޓަރުންގެ އަމަލުތަކުންނާއި ސިޔާސީ ބޭނުންތަކުގައި ކުޅިވަރުތައް ހަލާނުކުރުމަށެވެ. އަދި، ރޭމް އަށް ދިމާވެފައިވާ މައްސަލަ އަށް ހައްލެއް ހޯދުމަށް ސްޕޯޓްސް މިނިސްޓްރީ އަށް މިދިޔަ މަހު 26 ވަނަ ދުވަހު ސިޓީއެއް ފޮނިުވިފައިވާނެ ކަމަށާއި މި ކަމަށް އަދި އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާ ކަމަށް ރޭމް އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ