ބާރުތަކުގެ ވާދަވެރިކަން އިތުރުވެ، މިނިވަންކަން ކަށަވަރު ނޫން ކަމަށް ޖަރުމަނުގެ ޗާންސެލާ ވިދާޅުވެއްޖެ

ގަވާއިދުތަކަށް ބިނާވެފައިވާ ދުނިޔޭގެ ނިޒާމު މިހާރު ނެތް ކަމަށާއި ބޮޑެތި ބާރުތަކުގެ ސިޔާސީ ވާދަވެރިކަން އިތުުވެފައިވާއިރު، މިނިވަންކަން ކަށަވަރު ނޫން ކަމަށް ޖަރުމަނުގެ ޗާންސެލާ ފެޑްރިކް މޭޒް ވިދާޅުވެއްޖެއެވެ. އެހެންވެ، ޔޫރަޕްގެ ގައުމުތަކުން ގުރުބާނީތަކެއްވާން ތައްޔާރަށް ތިބެންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަހަރަކު އެއް ފަހަރު ބާއްވާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސް ހުޅުއްވައިދެއްވަމުން މޭޒް އިތުރަަށް ވިދާޅުވި ގޮތުގައި އެމެރިކާއާއި ޔޫރަޕާ ދެމެދު މިހާރު ވަނީ ބައިބައިވުން އުފެދިފައެވެ. ޔޫރަޕާއި އެމެރިކާއާ ދެމެދު ބައިބައިވުން އުފެދޭ ކަމަށް އެ ގައުމުގެ ނައިބު ރައީސް ޖޭޑީ ވެންސް މީގެ އަހަރެއްހާ ދުވަސް ކުރިން ދެއްކެވި ވާހަކަފުޅަށް އަލިއަލުއްވާލައްވައި މޭޒް ވިދާޅުވީ، އެއީ ތެދެއް ކަމަށާއި [މޭކް އެމެރިކާ ގްރޭޓް އެގެއިން] ހަރަކާތުގެ ސަގާފަތުގެ ހަނގުރާމައަކީ ޔޫރަޕްގެ ހަނގުރާމައެއް ނޫން ކަމަށެވެ. ޔޫރަޕުން ތާއީދުކުރަނީ ޓެކްސްއާއި ޕްރޮޓެކްޝަނިޒަމްއަކަށް ނޫން ކަމަށާއި މިނިވަން ވިޔަފާރިއަށް ކަމަށް ވެސް މޭޒް ވިދާޅުވިއެވެ. އެމެރިކާގެ ގައުމީ ސަލާމަތަށް ގްރީންލޭންޑަކީ މުހިންމު ތަނެއް ކަމަށާއި ގްރީންލޭންޑް ބޭނުންފުޅުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެފައިވާތީ، އެއީ ޔޫރަޕާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވާ ކަމެއް ކަމަށް ޔޫރަޕްގެ ގިނަ ލީޑަރުން ދެކިވަޑައިގަންނަވައެވެ. މި އަހަރުގެ ކޮންފަރެންސްގައި ދުނިޔޭގެ 50 އެއްހާ ލީޑަރުން ބައިވެރިވާނެ ކަމަށް ބެލެވޭއިރު، އެ ކޮންފަރެންސްގައި ޔޫރަޕްގެ ދިފާއީ ނިޒާމާއި އެމެރިކާއާއި ޔޫރަޕްގެ ގުޅުމުގެ މުސްތަގުބަލާ ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ. ރަޝިޔާއާއި ޔޫކްރޭން ހަނގުރާމައާއި ހުޅަނގާއި ޗައިނާއާ ދެމެދު އުފެދިފައިވާ ފިތުނަތަކުގެ އިތުރުން އީރާނާއި އެމެރިކާއާ ދެމެދު ނިއުކްލިއާ އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދެއްކުމަށް ވެސް އަހަރީ ޖަލްސާގައި އެޖެންޑާކޮށްފައިވެއެވެ. އަދި، ޔޫރަޕްގެ ޖޮއިންޓް ނިއުކްލިއާ ޑިޓަރެންޓެއް އުފެއްދުމާ ގުޅޭ ގޮތުން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންއާ އެކު "ސިއްރު މަޝްވަރާތައް" ކުރިއަށްދާކަން ވެސް ޖަރުމަނުގެ ލީޑަރު ހާމަކުރެއްވިއެވެ. ނަމަވެސް، އެ ކަމާ ބެހޭ އިތުރު ތަފުސީލެއް ނުދެއްވައެވެ. މި މަހުގެ 13 ން 15 އަށް ކުރިއަށް ގެންދާ އެ ކޮންފަރެންސްގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ވެސް ބައިވެރިވަޑައިގަންނަަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ