ވެނެޒުއޭލާއަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ގާނޫނާ ޚިލާފު ކަމެއް: ޗައިނާ

އެމެރިކާއިން ވެނެޒުއޭލާއަށް ހަމަލާދީ އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ ގެންދިއުމުން ސިހުން ލިބިފައިވާ ކަމަށް ޗައިނާއިން ބުނެފިއެވެ. ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާއިން ފާޅުކަން ބޮޑު ގޮތެއްގައި ބާރުގެ ބޭނުން ކުރުމާއި ވެނެޒުއެލާގެ ރައީސްއާ ދެކޮޅަށް އަޅާ ފިޔަވަޅު ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށެވެ. "އެމެރިކާގެ މިފަދަ ބާރުގަދަ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި ވެނެޒުއެލާގެ އިސްތިގުލާލާ ވަރަށް ބޮޑަށް ހިލާފު އަމަލުތަކެއް، ލެޓިން އެމެރިކާ އާއި ކެރިބިއަން ސަރަހައްދުގެ ސުލްހައާއި ސަލާމަތަށް ނުރައްކާވާ ކަމެއް. ޗައިނާއިން އެކަމާ ވަރުގަދައަށް ދެކޮޅު ހަދަން." ބަޔާނުގައިވެއެވެ. ވެނެޒުއޭލާއިން ތެޔޮ އެންމެ ގިނައިން ގަންނަ ގައުމު ކަމަށްވާ ޗައިނާއަކީ ބްރެޒިލް، ރަޝިޔާ، ކޮލަމްބިއާ، މެކްސިކޯ އަދި ކިއުބާ ފަދަ ދުނިޔޭގެ ވާތުފިޔައިގެ ގައުމުތަކުގެ ތެރެއިން އެންމެ ފަހުން އެމެރިކާއިން ވެނެޒުއެލާއާ ދެކޮޅަށް އަޅާފައިވާ އަސްކަރީ ފިޔަވަޅު ކުށްވެރިކުރި ގައުމެވެ. ހަމަލާދީ މަދޫރޯ ހައްޔަރުކުރުމުގެ ކުރިން ހުކުރު ދުވަހު މަދޫރޯ ވަނީ ކަރަކާސްގައި ޗައިނާގެ މަތީ ފެންވަރުގެ ވަފުދަކާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ލެޓިން އެމެރިކާގެ ކަންކަމާ ބެހޭ ޗައިނާ ސަރުކާރުގެ ހާއްސަ މަންދޫބު ކިއު ޝިއާއޯކީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ހަމަލާ ދިންއިރު ޑިޕްލޮމެޓުން ވެނެޒުއޭލާގައި ތިބި ކަމެއް ސާފެއް ނޫނެވެ. ޗައިނާގެ ޚާރިޖީ ވުޒާރާއާއި ވެނެޒުއެލާގައި ހުންނަ ޗައިނާ އެމްބަސީން ވަނީ ވެނެޒުއޭލާއަށް ދަތުރުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އެމެރިކާއިން ވެނެޒުއޭލާއަށް ދިން ހަމަލާތަކަށް ފަހު މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޮރެސް ހިފަހައްޓައިގެން ގެންގޮސް މިހާރު ބެއިތިއްބެވީ ނިއު ޔޯކްގެ ޖަލެއްގައި ބަންދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ