ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭގައި ރެޒިޑެންޝަލް އިމާރާތެއް އަޅަން ބަޔަކު ހޯދަނީ

ހައްޖު ކޯޕަރޭޝަނުން ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކުރާ ރެޒިޑެންޝަލް އިމާރާތުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ. ހައްޖު ކޯޕަރޭޝަންގެ އިއުލާނުގައިވާ ގޮތުން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓަރީ ކުރަންވާނެއެވެ. މި ބީލަމުގައި ރަޖިސްޓްރީވުމަށް 30,000 ރުފިޔާ ނުވަތަ 2,000 ޑޮލަރުގެ ފީއެއް ދައްކަން ޖެހެއެވެ. އަދި ބިޑް ސެކިއުރިޓީގެ ގޮތުގައި ދެ މިލިއަން ރުފިޔާ ނުވަތަ އެއާ އެއްވަރަށް ޑޮލަރު ހުށަހަޅަން ޖެހޭނެއެވެ. 'ނިއަމް ރެސިޑެންސް' ގެ ނަމުގައި ހިންގާ މި މަޝްރޫއުގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތްތައް ކުރާނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިންނެވެ. މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، އެފްޑީސީން މި މަޝްރޫއަށް ބޭނުންވާ ކުރެހުންތައް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން މި މަސައްކަތްކުރާނެ ބަޔަކު ހޯދަން އިއުލާނުކުރިއިރު، 21 މިލިއަން ރުފިޔާއަށް ހުޅުމާލޭން 5,700 އަކަފޫޓުގެ ބިމެއް ހައްޖު ކޯޕަރޭޝަނުން ވަނީ މިދިޔަ ނޮވެމްބަރު މަހު ގަނެފައެވެ. މި ބިން ގަނެފައި ވަނީ ހުޅުމާލެ ފޭސް އެކަކުންނެވެ. ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް 21.5 މިލިއަން ރުފިޔާ ދައްކައިގެން އެ ކޯޕަރޭޝަނުން މި ބިން ގަނެ، މިހާރު ވަނީ ޝަރީއަތް މެދުވެރިކޮށް ބިމުގެ މިލްކުވެރިކަން ވެސް ހޯދާފައެވެ. މިއީ ކީއްކުރަން ގަތް ބިމެއްކަން ހާމަނުކުރި ނަމަވެސް ބެލެވެނީ އެއީ އެ ކޯޕަރޭޝަންގެ އޮފީސް އިމާރާތް އެޅުމަށް ގަތް ބިމެއް ކަމަށެވެ. އެ ކޯޕަރޭޝަނުން އަންނަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ވަނުމަށް ވެސް މަސައްކަތް ކުރަމުންނެވެ. ހައްޖު ކޯޕަރޭޝަނުން ހަލާލް ޓޫރިޒަމް ފަށާނެކަން އިއުލާނުކުރީ ނޮވެންބަރު 6، 2024 ގައެވެ. އެގޮތުން ފަތުރުވެރިކަމަށް ވަނުމަށް ޓަކައި އެ ކޯޕަރޭޝަނުން ވަނީ މާލެ އަތޮޅު މާފުށީގައި ސިޓީ ހޮޓަލެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދުމަށް ވެސް އިއުލާންކޮށްފައެވެ. https://sun.mv/209599 މާފުށީގައި ހޮޓަލެއް އެޅުމަށް ތައްޔާރުވަމުން އަންނަކަމަށް މިދިޔަ އަހަރު ހައްޖު ކޯޕަރޭޝަނުން ހާމަކުރިއިރު އެކަމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ