ލަންކާއަށް ދާ ދިވެހީންނަށް ވިސާ ލިބުން ދަތިވެ، ހައި ކޮމިޝަނަރުގެ ނުރުހުން
އަވައްޓެރި ސްރީލަންކާއަށް ދަތުރުކުރާ ދިވެހީންނަށް ވިސާ ލިބުން ދަތިވެ، އެތައް އިރަކު މަޑުކުރަން ޖެހުމުން އެ ގައުމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މަސްއޫދު އިމާދު ނުރުހުން ފާޅުކުރައްވައިފިއެވެ. ލަންކާއަށް ގިނަ އަދަދެއްގެ ދިވެހީން ޗުއްޓީ ހޭދަކުރާށާއި ބޭސް ފަރުވާ އަދި ކިޔެވުމުގެ ކަންކަމަށް ވެސް ދަތުރުކުރެއެވެ. އެންމެ ގިނަ ދިވެހީން ދިރިއުޅޭ އެއް ބޭރު ގައުމަކަށް ވެސް ލަންކާ ވާނެއެވެ. ލަންކާގެ ޑެއިލީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި މަސްއޫދު ވަނީ ލަންކާއަށް ޒިޔާރަތްކުރާ ދިވެހީންނަށް 'ދޮން މަންމަ'އިންގެ އުސޫލުން ކަންކުރަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، ލަންކާއަށް ދާ ދިވެހީން ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ވިސާ ހޯދަން މަޑުކުރަން ޖެހޭ ކަމަށެވެ. "އެއްގޮތަކަށް ވެސް ނޭނގޭ ލަންކާއަށް އަންނަ ދޮން މީހުން އެކަނި ޒިޔާރަތްކުރާ މީހުންގެ ގޮތުގައި ބަލަނީ ކީއްވެ ކަމެއް،" މަސްއޫދު ވިދާޅުވި ކަމަށް އެ ނޫހުގައި ލިޔެފައިވެއެވެ. ފުރަމާނަ ދަތުރުފުޅުގައި ލަންކާގެ ރައީސް ރާއްޖެ ވަޑައިގަތުން: އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް އެކަމަކު، ޓްރެވެލް އެޖެންޓުން މެދުވެރިވެގެން ވިސާއަށް ކުރިމަތިލުމުން އެއްވެސް ލަސްކަމެއް ނެތި އެޕްރޫވްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ދިމާވަނީ ވިސާ ދޭން ތިއްބަވާ ބޭފުޅުން ޓްރެވެލް އެޖެންޓުންގެ އަތުން ފައިސާ ނަގާތީތޯ އޭނާ ސުވާލު އުފެއްދެވިއެވެ. "ޓްރެވެލް އެޖެންޓުން މެދުވެރިކޮށް ވިސާ ނަގާ ދިވެހީން އިތުރަށް ފައިސާ ދައްކަން ވެސް ޖެހޭ،" މަސްއޫދާ ހަވާލާދީ އެ ނޫހުގައިވެއެވެ. ލަންކާގެ އިމިގްރޭޝަން އޮފިސަރުން ދިވެހީންނާ ދޭތެރޭ މެހުމާނުންނާ މެދު ކަންކުރާ އުސޫލުން އަމަލުނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މަސްއޫދު ވަނީ ލަންކާއަކީ ޒަމާނުއްސުރެ ބޭސް ފަރުވާއާއި ތައުލީމީ ކަންކަމަށް ވެސް ދިވެހީންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލުކަން ފާހަގަކޮށްފައެވެ. އެކަމަކު، އެ ހާލަތު މިހާރު ހަލުވިކަމާ އެކު ބަދަލުވަމުން އަންނަކަމުގެ ކަންބޮޑުވުން އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު، ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތަށް ދިވެހި ސަރުކާރުގެ އެހީ ހަދިޔާކުރަނީ --- ފޮޓޯ/ ވިޖިތާ ހެރަތު / އެކްސް މި މައްސަލަ ހައްލު ނުވާނަމަ، ރާއްޖެއިން ލަންކާ މީހުންނަށް ވިސާ ދިނުމުގައި ގެންގުޅޭ އުސޫލު ވެސް މުރާޖާކުރަން ޖެހިދާނެކަމުގެ އިންޒާރު ހައި ކޮމިޝަނަރު ވަނީ ދެއްވާފައެވެ. އޭނާ ވަނީ ސިއްހީ އަދި ތައުލީމީ ކަންކަމުގައި ރާއްޖެއިން ލަންކާއަށް ދަތުރުކުރާ މީހުންގެ އަދަދު 8،000 އިން މިހާރު 1،500 އަށް މަދުވެފައިވާ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ. ހައި ކޮމިޝަނަރު ވަނީ ދެ ގައުމަކީ ޒަމާންވީ ރަހުމަތްތެރިންކަމާއި ރާއްޖެއިން އަބަދު ވެސް ލަންކާއާ އެކު މަސައްކަތްކުރާކަން ވެސް ފާހަގަކުރައްވާފައެވެ. ބޭސް ފަރުވާއާއި ތައުލީމީ ކަންކަމަށް ވެސް ގިނަ އަދަދެއްގެ ދިވެހީން ލަންކާއަށް ދަތުރުކުރެއެވެ. އަދި، ވަރަށް ގިނަ އަދަދެއްގެ ދިވެހީން ލަންކާގައި ދިރިއުޅޭ ވެސް މެއެވެ. އެހެންވެ، ލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނުން ދިވެހި އައިޑީކާޑު ހެއްދޭ ގޮތް ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ހަދާފައިވެއެވެ. މިދިޔަ އަހަރުގެ ތެރޭގައި ލަންކާގެ ރައީސް އަނޫރާ ޑިސެނަޔަކަ ވެސް ރާއްޖެ ވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ