މުއައްސަސާތަކުގެ ވެރިންނަށް ޣަފޫރުގެ އިންޒާރެއް؛ "އިންސާފުގެ ކުރިމައްޗަށް ގެންނާނަން" މުއައްސަސާތަކުގެ ވެރިންނަށް ޣަފޫރުގެ އިންޒާރެއް؛ "އިންސާފުގެ ކުރިމައްޗަށް ގެންނާނަން"

ސަރުކާރުން މިނިވަން މުއައްސަސާތައް މުށުތެރެއަށް ލައިގެން ހިންގަމުންދާ ނުފޫޒުތަކަށް ދޫނުދިނުމަށާއި، ގާނޫނީ ޒިންމާ އަދާނުކުރާ މުއައްސަސާތަކުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ޣަފޫރު ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެންނަމުންދަނީ މުއައްސަސާތަކެއްގެ މިނިވަންކަން ގެއްލުވާލައި، ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރަމުންދާ މަންޒަރު ކަމަށެވެ.
މުއައްސަސާތަކުގެ ވެރިންނަށް ތިއްބެވި ބޭފުޅުންނަށް އިޝާރާތް ކުރައްވައި ޣަފޫރު ވިދާޅުވީ، އެ ބޭފުޅުންނަށް މުސާރަ ދެނީ ވަކި މީހެއްގެ އަމިއްލަ ޖީބުން ނުވަތަ ގެއަކުން ނޫން ކަމަށާއި މުސާރަ ދެނީ ރައްޔިތުންކަމަށެވެ.
"ތިޔަ ބޭފުޅުންނަށް މުސާރަ ދެނީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން. އެކަން އޮޅި ތިބެގެން ވަޒީފާގައި ތިބެގެން ނުވާނެ. ސަރުކާރު ރުއްސުމަށްޓަކައި މުއައްސަސާތަކުން އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެ،" ޣަފޫރު ވިދާޅުވިއެވެ.
އެމްޑީޕީން އެނބުރި ވެރިކަމަށް އަންނާނެ ކަމަށާއި ރައްޔިތުން ހަވާލުކޮށްފައިވާ ގާނޫނީ ޒިންމާއަށް އިހުމާލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. ނަމަވެސް އެއްވެސް ބޭފުޅެއް ނަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ޣަފޫރު މިފަދަ އިންޒާރެއް ދެއްވިއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅި މައްސަލަ މުއިއްޒު އައްޔަން ކުރި ސުޕްރީމް ކޯޓުން ވަނީ ޕާކުކޮށްފަ އެވެ.
މި މައްސަލަ ބަލަން ކުރީގެ ބެންޗުން ނިންމުން، ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރީ އެ ފަނޑިޔާރުންގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އޭސީސީން ފޮނުވި ސިޓީއަކަށެވެ. ނަަމަވެސް އެ މައްސަލަ އަދިވެސް އޭސީސީން ނުނިންމަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ނިމުނުތާ ހަ މަސް ވަނީ ވެފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެ ޝަރީއަތް ކުރިއަށް ގެންދާން ބޭނުމެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ އަމަލުތައް މިފަދަ ގޮތަކަށް ހުރި ނަަމވެސް، ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަނީ އެ މަނިކުފާނު ކޯޓަށް ނުފޫޒު ނުފޯރުއްވާ ކަމަށެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ ބަދަލުކުރުމުގެ ބިލް މަޖިލީހަށް ހުށަހެޅުމުގެ ކުރިން މުއިއްޒު އާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު "ސިއްރު ބައްދަލުވުމެއް" ރައީސް އޮފީހުގައި ބޭއްވިކަން ވަނީ ފަޅައި އަރައިފަ އެވެ.
އެ ބައްދަލުވުމުގެ ވާހަކަ އަދަދު ނޫހުން ގެނެސްދީފައި ވާއިރު، އެކަމާ ގުޅޭ ގޮތުން ސަރުކާރުން އަދި އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ބަހެއް ބުނެފައެއް ނުވެ އެވެ.
މި ސަރުކާރުގެ މައްޗަށް ކުރެވޭ ހިޔާނާތާއި ވައްކަމުގެ ތުހުމަތުތައް އިތުރުވެފައި ވާއިރު، ބައެއް މައްސަލަތައް ބަލާކަން ވެސް އޭސީސީން ހާމައެއް ނުކުރެ އެވެ. އަދި ބަލަމުންދާ މައްސަލަތަކުގެ އަދާހަމައެއް ހާމައެއް ނުކުރެ އެވެ. އޮޑިޓަ ޖެނެރަލް ވެސް، މުއައްސަސާތަކާއި ބޮޑެތި މައްސަލަތައް އޮޑިޓުކޮށް ފިޔަވަޅު އެޅުން ހަލުއި މިނެއްގައި ނުގެންދެ އެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި ޕާޓީގެ އެތެރޭގައި ހުރި ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، ގައުމާއި ޕާޓީގެ ހައްގުގައި އެކުގައި މަސައްކަތް ކުރުމަށް އޭނާ ގޮވާލެއްވިއެވެ.
"ތިބޭފުޅުންނަށް އަޅުގަނޑު މިދޭ ޔަގީން ކަމަކީ އަތުން ލޮނދި ހިކައިއެއް ބީވެގެން ދާ އުސޫލުން މި އިންތިހާބު އަޅުގަނޑުމެން ޖަހައިގަންނާނަން މި ސަރުކާރުން،" އިންތިހާބު ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ އިތުބާރާއެކު ޣަފޫރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ