ފައްޔާޒު ތާއީދުކުރައްވަނީ މަޖިލިސް އިންތިހާބު 2 ބައިކޮށް، 1 ބައި ރިޔާސީ އިންތިހާބާ އެކު ބާއްވަން

ރިޔާސީ އިންތިހާބާ އެކު ރައްޔިތުންގެ މަޖިލީހުގެ މުޅި އިންތިހާބު ބޭއްވުމުގެ ބަދަލުގައި އެ އިންތިހާބު ދެ ބައި ކޮށްލަން މާ ރަނގަޅު ވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ. 
ވީކިހިނެއް؟ - ސަރުކާރުގެ ފަރާތުން މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ހުށަހެޅުއްވި ބިލުގައި ވަނީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ވެސް 2028ގައި ބާއްވާ ގޮތަށް، މިހާރުގެ މަޖިލީހުގެ ދައުރު ކުރުކޮށްލުމަށެވެ. 
ތަފްސީލް - އެކަމާ ގުޅޭ ގޮތުން ފައްޔާޒު މިރޭ އެކްސްގައި ލިއުއްވީ ދެ އިންތިހާބު އެއްކޮށްލުމުން ލިބޭނެ ފައިދާތަކެއްގެ އިތުރުން ގެއްލުންތަކެއް ވެސް އެބަހުރި ކަމަށެވެ. 
އެހެންވެ ފައްޔާޒު ގަބޫލުކުރައްވަނީ މި ކަން ފުޅާ ދާއިރާއެއްގައި ބަހުސް ކުރުމުގެ ފުރުސަތު ދިނުމަށެވެ. އަދި ހަމައެކަނި ދެ އިންތިހާބު އެއްކޮށްލުމަށް ބަހުސް ކުރުމުގެ ބަދަލުގައި އިތުރު އިހުތިޔާރުތަކެއް ވެސް ދޭން ޖެހޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. 
އޭނާ ހުށަހަޅުއްވާ ކަންކަމަކީ:
5,000 މީހުންގެ އާބާދީއަކަށް މަޖިލިސް ދާއިރާ އޮންނަ އުސޫލު އުވާލައި ކޮންމެ އަތޮޅަކުން މެންބަރުންތަކެއް އިންތިހާބުކުރާ ގޮތަށް ބަދަލުކުރުން
މަޖިލިސް އިންތިހާބު ދެ ބަޔަކަށް ބަހާލުން؛ ރިޔާސީ އިންތިހާބާ އެކު ދެ ބައިކުޅަ އެއް ބައި އަދި އަނެއް ބައި ރިޔާސީ ދައުރުގެ މެދުތެރެއިން
ހެޔޮ ނިޔަތުގައި ހަރަދުކުޑަ ކުރާ ނަމަ ރިޔާސީ އިންތިހާބާއި ކައުންސިލް އިންތިހާބު އެއް ކުރަން ޖެހޭ
ބުނީ ކީކޭ؟ - "މަޖިލިސް ޗުއްޓީގައި ކުއްލިއަކަށް މެންބަރުން އެއްކޮށް، ދައުރުން ބޭރުން ގާނޫނުއަސާސީއަށް ބަދަލު ގެންނަން އުޅުމާ މެދު ފުންކޮށް ވިސްނައި ފިކުރުކުރަން ޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ. 
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ ބާރުވެރިކަމަށް ސީދާ ގޮތުން އަސަރުކުރާނެ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާކުރަން ފުރުސަތު ދޭން ވާނެ ކަމަށެވެ. 
"މި ބަހުސްގައި މަތީގައި ލިޔެވިދިޔަ ފަދަ އިތުރު އޮޕްޝަންތައް ރައްޔިތުންނާ ހިސާބަށް ގެންދަން ރައީސް މުއިޒުއަށް ކެރިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރަން،" ފައްޔާޒު ވިދާޅުވި އެވެ. 
ފާހަގަކޮށްލެވޭ - ފައްޔާޒާ އެކު އެމްޑީޕީގައި އެއް ފެކްޝަނެއްގައި މަސައްކަތްކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ދެ އިންތިހާބު އެކުގައި ބޭއްވުމަކީ ރަނގަޅު ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ