މެދުއިރުމަތީ ހަނގުރާމައިގެ ނުރައްކަލުން އެއްވެސް ޤައުމަކަށް ރައްކަލެއް ނެތް

ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ އިޤުތިސާދަށް ކުރިމަތިވެފައިވާ ނުރައްކަލުގެ އިންޒާރު، ބައިނަލްއަޤުވާމީ ހަކަތައާ ބެހޭ އިދާރާއިން (އައިއީއޭ) އައުކޮށްފައެވެ. އެ އިދާރާގެ ވެރިޔާ ފާތިޙް ބިރޯލް ވިދާޅުވީ، މި ކާރިސާގެ ސަބަބުން އެއްވެސް ޤައުމަކަށް ރައްކާތެރިކަމެއް ނެތް ކަމުގައެވެ.
"މި މައްސަލަ މި މިސްރާބަށް ކުރިއަށްދާ ނަމަ، މި ކާރިސާގެ އަސަރުތަކުން އެއްވެސް ޤައުމަކަށް ބަރީއަވެގެން ނުތިބެވޭނެ. މި ކަން ހުއްޓުވަން ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަންޖެހޭ،" އޮސްޓްރޭލިއާގެ ނޭޝަނަލް ޕްރެސް ކްލަބުގައި ވާހަކަފުޅު ދައްކަވަމުން ބިރޯލް ވިދާޅުވިއެވެ. އޭނާ އިޝާރާތް ކުރައްވާފައި އެ ވަނީ، ހުރްމުޒް ކަނޑުއޮޅިން ތެލާއި ގޭސް އުފުލުމަށް އޮތް ހުރަސްތަކަށެވެ.
މެދުއިރުމަތީގައި އެމެރިކާއިން އުފައްދާފައިވާ ކާރިސާއަކީ "އިންތިހާއަށް ނުރައްކާތެރި" ޙާލަތެއްގެ ގޮތުގައި ސިފަކުރައްވައި ބިރޯލް ވިދާޅުވީ، މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތަކީ 1970 ގެ އަހަރުތަކުގައި ކުރިމަތިވި ހަކަތައިގެ ދެ ކާރިސާއަށްވުރެ ވެސް ބިރުވެރި ޙާލަތެއް ކަމުގައެވެ. އަދި، މި ކާރިސާއަށް އޮތް އެންމެ ބޮޑު ޙައްލަކީ ހުރްމުޒް ކަނޑުއޮޅި ހުޅުވައިލުން ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ވަނީ އެމެރިކާއާއި ޔަހޫދީންގެ މަޞްލަޙަތު އޮތް ކުންފުނިތަކުން ބޭނުންކުރާ އާގުބޯޓުފަހަރަށެވެ.
ހުރްމުޒް ކަނޑުއޮޅި ހުޅުވުމަށް އީރާނުން އިންކާރުކޮށްފި ނަމަ، އެ ޤައުމުގެ ހަކަތައިގެ ބިނާރުތައް ސުންނާފަތިކޮށްލާނެ ކަމުގައި ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިންޒާރު ދެއްވާފައެވެ. އަދި، އެ ކަމަށް މުހުލަތެއް ދެއްވާފައެވެ. މި އިންޒާރުގެ ރައްދުގައި އީރާނުން ބުނީ، އެ ޤައުމުގެ ހަކަތައިގެ ނިޒާމަށް ޙަމަލާދީފި ނަމަ، މެދުއިރުމަތީގައި އެމެރިކާގެ މަޞްލަޙަތު އޮތް ހަކަތައިގެ ހުރިހާ ބިނާރަކަށް ވަރުގަދަ ޙަމަލާތަކެއް ދިނުމަށް ތައްޔާރަށް އޮތް ކަމުގައެވެ. އީރާނުން ޤަބޫލުކުރާ ގޮތުގައި އެއީ ޙައްޤު ރައްދަކަށް ވެގެންދާނެއެވެ.
ބިރޯލް ސިފަކުރެއްވި ގޮތުގައި، މިއަދު ދުނިޔޭގެ އިޤުތިޞާދަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކާރިސާއަކީ، 1970 ގެ އަހަރުތަކުގައި ކުރިމަތިވި މި ފަދަ ކާރިސާގެ އިތުރުން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ކުރިމަތިވި ޙާލަތަށްވުރެ ނުރައްކާތެރި ޙާލަތެކެވެ. "މިއަދު ކަން އޮތްގޮތަށް ބަލާއިރު، މި ކާރިސާއަކީ ތެލުގެ ދެ ކާރިސާއާއި ގޭހުގެ ބާޒާރު އިނދަޖެހުން އެކުވެގެން ކުރިމަތިވެފައިވާ ކާރިސާއެއް،" އޭނާ ވިދާޅުވިއެވެ. "ދުނިޔޭގެ އިޤުތިސާދަށް މިއަދު މި ވަނީ ވަރަށް ބޮޑު، ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައި. އަދި، މި މައްސަލަ ވީހާވެސް އަވަހަކަށް ޙައްލުކުރެވުމަކީ އަޅުގަނޑުގެ އުންމީދު."
ޞަހްޔޫނީ ދައުލަތާ ގުޅިގެން ޓްރަމްޕް ފަށްޓަވާފައިވާ ހަނގުރާމައިގެ ސަބަބުން އީރާނާއި ގަލްފް ޢަރަބި ޤައުމުތައް، އަދި ޔަހޫދީ ދައުލަތް ހިމެނޭ ގޮތުގައި، ހަކަތައިގެ ދާއިރާގެ 40 އެއްހާ ބިނާރާއި ވަސީލަތްތަކަށް ޙަމަލާތައް އަމާޒުވެ، ގެއްލުންތައް ލިބިފައިވާ ކަން ބިރޯލް ފާހަގަކުރެއްވިއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓުރޯލުކުރުމަށް ޓަކައި އައިއީއޭގެ މެންބަރު ޤައުމުތަކުން، އެ ޤައުމުތަކުގެ އިސްތިރާތީޖީ ރިޒާވުން 400 މިލިޔަން ފީފާގެ ތެޔޮ ބާޒާރަށް ނެރުމަށް މިހާރު ވަނީ އެއްބަސްވެފައެވެ. ނަމަވެސް، މިއީ ވަގުތީ ޙައްލެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ