އުމުރުން 60 އަހަރުވާއިރު ވެސް ސަލްމާން ބޭނުންވަނީ ދުޅަހެޔޮކޮށް ޒުވާންކޮށް ހުންނަން ކަމަށް ބުނެފި
މި އަންނަ ހޮނިހިރު ދުވަހު އުމުރުން 60 އަހަރުފުރޭ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ސަލްމާން ޚާން ބޭނުންވަނީ އަދިވެސް ދުޅަހެޔޮކަންމަތީ ހަށިގަނޑު ޒުވާންކޮށް ހުރުން ކަމަށް ބުނެފިއެވެ. އިއްޔެ ސޯޝަލް މީޑިއާގައި ސަލްމާން ހިއްސާކުރި ފޮޓޯތަކުގައި އެކްޓަރު ފެންނަނީ ޖިމްގައި ކަސްރަތުކުރަން އުޅެނިކޮށެވެ. އެ ފޮޓޯތަކުން ސަލްމާން ފެންނަނީ އެކްޓަރުގެ އުމުރުށްވުރެ މާ ޒުވާންކޮށް ހަށިގަނޑު ވެސް ވަރަށް ބިޔަކޮށް ވަރުގަދަކޮށް ހުއްޓައެވެ. އެ ފޮޓޯތައް ސަޕޯޓަރުންނާ ހިއްސާކުރަމުން ސަލްމާން ކެޕްޝަންއަކަށް ލިޔެފައި ވަނީ އުމުރުން 60 އަހަރުވާއިރު ވެސް އެ ފޮޓޯތަކުން ފެންނަގޮތަށް ހުރުމަށް އޭނާ އެދޭ ކަމަށެވެ. އެކަމަށް އަދި ހަ ދުވަސް ކުރިއަށް އެބައޮތްކަމަށާއި އެކްޓަރު އަންނަނީ ދުވަސްތައް ގުނަމުން ކަމަށް މި ޕޯސްޓުގައި ލިޔެފައިވެއެވެ. ސަލްމާން ޚާން އުފަންދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއް--ފޮޓޯ/އިންޑިއާޓުޑޭ ސަލްމާންގެ މި ޕޯސްޓާ އެކު ވަރަށް ގިނަ ބަޔަކު ވަނީ އެކްޓަރު އަދިވެސް ފެންނަނީ އުމުރުން 30 އަހަރުގެ ޒުވާނެއްގެ ގޮތުގައި ކަމަށާއި ސަލްމާނަށް 60 އަހަރުވާކަން ގަބޫލު ވެސް ނުކުރެވޭ ކަމަށެވެ. ސަލްމާންގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނެސް އިހުނަށްވުރެ ބިޔަކޮށް ވަރުގަދަކޮށް ހަށިގަނޑު ހުންނަނީ އެކްޓަރު މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ބެޓްލް އޮފް ގަލްވާން"ގައި ކުޅޭ ކެރެކްޓާއަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެ ފިލްމުގައި ސަލްމާން ކުޅޭ އަސްކަރީ އޮފިސަރުގެ ރޯލަށް ފިޓުވުމުގެ ގޮތުން ހެދި ތަމްރީނުތަކަކީ މިހާތަނަށް ކެރިއަރުގައި ފުރިހަމަކުރި އެންމެ އުނދަގޫ ޗެލެންޖިންގް ތަމްރީނުތައް ކަމަށް ސަލްމާން ވަނީ ބުނެފައެވެ. ސަލްމާނަށް 60 އަހަރުފުރޭ އުފަންދުވަހާ ދިމާކޮށް އެއްވެސް ހަރަކާތެއް ބާއްވަން ނިންމާފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ. ބައެއް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ސަލްމާންގެ އުފަންދުވަހު އޭނާގެ ކުރިއަށް އޮތް ފިލްމު "ބެޓްލް އޮފް ގަލްވާން"ގެ ޓީޒާއެއް ބެލުންތެރިންނަށް ދައްކާލުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް އެކަން ފިލްމާ ގުޅުންހުރި އެއްވެސް ޓީމަކުން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ