ފިލްމު 'ދުރަންދަރު 2'އާ ހެދި އަކްޝޭޣެ ފިލްމު ރިލީޒްކުރަން ފަސްކޮށްފި

ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު "ބޫތު ބަންގްލާ" އަންނަ މަހުގެ ކުރީކޮޅު ރިލީޒްކުރާނެކަން އިއުލާނު ކުރުމަށްފަހު ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚަށް އަނެއްކާ ވެސް ބަދަލު ގެނެސްދިއެވެ. މި ފިލްމު އެންމެ ފުރަތަމަ އިއުލާނުކުރީ މި އަހަރުގެ މެއި މަހު ސިނަމާތަކަށް ގެންނާނެ ކަމަށް ބުނެއެވެ. އެހެންނަމަވެސް ފަހުން ފިލްމު ރިލީޒްކުރުން އަވަސްކޮށް ކުރިއަށް އޮތް އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެކަން ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް ފަހުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މިހާރު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ޑައިރެކްޓަރު އަދިތިޔަ ދާރްގެ ފިލްމު "ދުރަންދަރު 2"އަށް ލިބެމުން އަންނަ މަގުބޫލުކަމާ ގުޅިގެން އަކްޝޭގެ ފިލްމު "ބޫތު ބަންގްލާ" ވަނީ އޭޕްރީލް މަހުގެ 17ގައި ރިލީޒްކުރަން ފަސްކޮށްފައެވެ. ފިލްމު "ބޫތު ބަންގްލާ"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ ޖިއޯ ސްޓޫޑިއޯސްގެ ހެޑް އޮފް ޑިސްޓްރިބިއުޝަން ދީޕަކް ޝަރުމާއާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ "ދުރަންދަރު 2"ގެ ހަތަރު ވަނަ ހަފްތާގައި އެ ފިލްމުގެ 10،000 ޝޯ އެކި މަލްޓިޕްލެކްސްތަކުގައި ދައްކަން ޑިސްޓްރިބިއުޓަރުންނާ މާކުރިން މަޝްވަރާކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެ ހަފްތާގައި ރިލީޒްކުރާ އިތުރު އެއްވެސް ފިލްމެއްގެ ޓިކެޓް އޯޑިއަންސްއިން ނުގަންނާނެ ކަމަށް ބަލައި އަކްޝޭގެ ފިލްމު "ބޫތު ބަންގްލާ" ރިލީޒްކުރުން ފަސްކުރީ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އެހެންނޫނަސް ފިލްމު "ދުރަންދަރު 2"ގެ ހިޔަނި މިދުވަސްވަރު ރިލީޒްކުރާ އެއްވެސް ފިލްމަކަށް އެޅުމަކީ އެ ފިލްމެއްގެއް ޕްރޮޑިއުސަރަކު ބޭނުންވާނެ ގޮތް ނޫން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ފިލްމު "ބޫތު ބަންގްލާ" ރިލީޒްކުރާ ތާރީޚު ވެސް އަނެއްކާ ބަދަލުކޮށްފައި މިވަނީ އެ ފިލްމަށް މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ނިންމުމަށްފަހު އެންމެފަހު ވަގުތު ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. މި ފިލްމަކީ މީގެކުރިން އަކްޝޭ އެކީގައި މަސައްކަތްކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރު ޕްރިޔާދަރުޝަން ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. އެ ދެ މީހުން އެކީގައި އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2012 ގެ ކޮމެޑީ "ބާގަމް ބާގް"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ