ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައު ޑައިލިސިސް ސެންޓަރު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުއްވައިދެއްވައިފިއެވެ.
މިކަމަށްޓަކައި ކުޅުދުއްފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބްދުއްﷲ ނާޒިމް އިބްރާހިމްއާއި ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި ކުޅުދުއްފުށީ ހޮސްޕިޓަލްގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައިވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑައިލިސިސް ސެންޓަރ ހުޅުވައިދެއްވުމަށްފަހު ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ޑައިލިސިސް ސެންޓަރު ބައްލަވާލައްވާފައެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ދޭ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން 2013 ވަނަ އަހަރު 4 އެނދާއެކު ހުޅުވުނު ޑައިލިސިސް ޔުނިޓު 9 އެނދުގެ ޑައިލިސިސް ސެންޓަރަކަށް ބަދަލުވެ މިޚިދުމަތް މިވަނީ ފުޅާވެ ތަރައްޤީވެފައެވެ. މި ޑައިލިސިސް ސެންޓަރުގެ ޚިދުމަތާއެކު ޚާއްސަ އައިސޮލޭޝަން އެނދަކާއި އައިސީޔޫގައި ޑައިލިސިސްގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
މިޚިދުމަތާއެކު ޑައިލިސިސް ހަދާ ބަލިމީހުންނަށް ކިއުގައި މަޑުކުރަން ނުޖެހި ފަސޭހަކަމާއި ރައްކާތެރިކަމާއެކު އެމީހަކަށް ޚާއްސަވާ ފަރުވާ ލިބޭނެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.
ޑައިލިސިސް ހެދުމަކީ، ބަލި މީހާއަށް އިތުރު ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމެކެވެ. ހަފްތާއަކު 2 ދުވަސް ނުވަތަ 3 ދުވަހު ޑައިލިސިސް ހަދާ މީހުން މަދެއް ނޫނެވެ. ޒަމާނާއި އެއްގޮތަށް ބަލި މީހުންނަށް އިތުރު ތަކުލީފުތަކާއި ނުލާ ޑައިލިސިސް ހެދުމުގެ މަގު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިވަނީ ފަހިވެގެން ގޮސްފައެވެ. އެގޮތުން ރާއްޖޭގައި ޕެރިޓޯނިއަލް ޑައިލިސިސް ނުވަތަ ޑިވައިސެއްގެ އެހީގައި އަމިއްލައަށް ހެދޭ ޑައިލިސިސްގެ ޚިދުމަތް ވަނީ ދޭން ފަށާފައެވެ.
ސަރުކާރުން ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތުގެ ދަށުން ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ 10 ރަށެއްގައި އަލަށް ޑައިލިސިސްގެ ޚިދުމަތް ވަނީ ފަށާފައެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލްގެ އައު ޑައިލިސިސް ސެންޓަރު ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ