ކުޅުދުއްފުށީގެ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށްދީގެން ތިން އަހަރުވަންދެން އެއްވެސް މަޝްރޫއެއް ނުހިންގުނު: ދާއޫދު

ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކުޅުދުއްފުށި ސިޓީގެ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށްދީގެން ތިން އަހަރުވަންވެސް އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދެވުނު ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ދާއޫދު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ކުޅުދުއްފުށި ސިޓީގެ މާލެ ކެމްޕެއިން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ދާއޫދު ވަނީ ކައުންސިލްގައި އޭނާ މަސައްކަތް ކުރެއްވިއިރު، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ކުރިމަތިވި ކުރުވި ދަތިތަކުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ދާއޫދު ވިދާޅުވީ މިދިޔަ ވެރިކަމުގައި ކައުންސިލްގައި ތިން އަހަރު މަސައްކަތް ކުރެއްވި އިރު، އެމްޑީޕީން އެ ދައްކާ ލާމަރުކަޒީ ނިޒާމުގެ ފޮނި ރަހަ ނުލި ކަމަށެވެ. އެގޮތުން ގާނޫނުން މަތިކުރާ ލޭންޑް ޔޫސް ޕްލޭނާއި ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރަން އޮންނަނީ 90 ދުވަސް ކަމަށާއި، އެ މަސައްކަތްތައް ކުރުމުގައި ކައުންސިލްގެ މުވައްޒަފުން ހީވާގިކަމާއެކު މަސައްކަތް ކުރީ ރައްޔިތުންނާވެސް މަޝްވަރާކޮށްގެން ކަމަށް ދާއޫދު ވިދާޅުވިއެވެ. ނަމަވެސް އެލްޖީއޭއަށް އެ ޕްލޭންތައް އެތައް ފަހަރަކު ފޮނުވައިގެން ވެސް ޕްލޭންތައް ފާސްނުކޮށްދިން ކަމަށް ދާއޫދު ވިދާޅުވިއެވެ.
”އެތައް ފަހަރަކު އަޅުގަނޑުމެން ފޮނުވިން. ފޮނުވީމާ އަންނަނީ ގޭގެ ކަނެއް ނޫނީ ރުކެއްގެ ފަނެއް ނެތިގެން، ނޫނީ އެ ނޫންވެސް ކޮންމެވެސް އެއްޗެއް ކިޔައިގެން މުޅިން އެއްކޮށް ލޭންޑް ޔޫސް ޕްލޭން، އެލްޔޫޕީ އޮބި އަޅުވައި ހިފަހައްޓަން.“ ދާއުދު ވިދާޅުވިއެވެ.
އޭގެ ސަބަބުން ވަރަށް ގިނަ ތަކުލީފުތައް ކުރިމަތިވި ކަމަށާއި، ތިން އަހަރު ވަންދެން މަޝްރޫއުތައް ނުހިންގި ހުއްޓިފައި އޮތް ކަމަށް ދާއޫދު ވިދާޅުވިއެވެ.
އަދި މަޝްރޫއުތައް ނުހިންގުމުގެ ސަބަބުން ކައުންސިލަށް ލިބޭ ގްރާންޓުވެސް ދިޔައީ ”ކެރީ ފޯވާޑް“ ވަމުން ކަމަށް ދާއޫދު ވިދާޅުވިއެވެ. އެއާއެކު ކައުންސިލަށް ކުރެވެމުން އައީ ވަރަށް ކުދިކުދި މަސައްކަތްތައް ކަމަށް ދާއޫދު ވިދާޅުވިއެވެ.
ނަމަވެސް 2023 ވަނަ އަހަރުގެ ނޮވެންބަރު 17 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު ކައުންސިލްތަކަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ލޭންޑް ޔޫސް ޕްލޭނުގައި އެލްޖީއޭއިން އޮބި އަޅުވާފައި އޮތް އޮތުންކަން އެމަނިކުފާނަށް އެނގިވަޑައިގެންނެވި ކަމަށް ދާއޫދު ވިދާޅުވިއެވެ.
އެގޮތުން ލޭންޑް ޔޫސް ޕްލޭންތައް ވީހާވެސް އަވަހަކަށް ތަންފީޒުކުރުމަށް އެލްޖީއޭއަށް އެމަނިކުފާނު އެންގެވި ކަމަށާއި، އެއާއެކު ހުރިހާ ރަށެއްގެ ލޭންޑް ޔޫސް ޕްލޭންތައް ފާސްވެގެން ދިޔަ ކަމަށް ދާއޫދު ވިދާޅުވިއެވެ. އަދި އެއާއެކު އެލްޖީއޭ އޮތޯރިޓީގެ ކުންފުނިތައް ހެދުމުގެ ހުއްދަވެސް ލިބިގެން ދިޔަކަން ފާހަގަކުރައްވާ ދާއޫދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަގީގަތުގައި ”ޗެމްޕިއަން“ ކުރުމަކީ މިއީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ