ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ދެއްވައިފި އެވެ.
ވަޒީރު އެކަމުގެ ޔަގީންކަން ދެއްވީ އިސްރާއިލުން މެދުކެނޑުމެއްނެތި ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ ހަމަލާތަކާ ގުޅޭގޮތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ އެގްޒެކެޓިވް ކޮމިޓީ އިން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހާރިޖީ ވަޒީރުންގެ ފެންވަރުގައި އިއްޔެ ބޭއްވި އެކްސްޓްރާ އޯޑިނަރީ އޯޕަން-އެންޑަޑް ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ އިސްރާއިލުން މެދުކެނޑުމެއްނެތި ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ގަވާއިދާ ހިލާފަށް ބިންތައް ފޭރުމާއި، އަދި ފަލަސްތީނުގެ އިދާރީ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ މައްޗަށް ބާރު ފޯރުވުމަށް ކުރާ މަސައްކަތްތަކާ ގުޅެގޮތުން ކުށްވެރިކޮށް އެޅިދާނެ ފިޔަވަޅުތަކާއިމެދު މަޝްވަރާ ކުރުމެވެ.
މި ބައްދަލުވުމުގައި ވަޒީރު ހަލީލް ދެއްވި ތަގްރީރުގައި، އިސްރާއީލުން ހިންގާ މިފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، އަދި ސަރަހައްދީ ސުލްހައަށް އޮތް ބޮޑު ހުރަހެއް ކަމުގައި ފާހަގަކުރެއްވި އެވެ. އަދި މިއީ ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ހައްގުތަކަށް އަރައިގަތުން ކަމަށް ސިފަކުރައްވައި، އެ އަމަލުތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރެއްވި އެވެ.
މީގެ އިތުރުން 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ބައިނަލްއަގްވާމީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަން ކުރާ ރަށްކަމުގައި ކަނޑައެޅުމަށާއި، މިނިވަން އަދި ފުރިހަމަ ސިޔާދަތީ ބާރު ލިބިގެންވާ މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރުމަށް ވަކާލާތު ކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިހުންނާނެ ކަމުގައި ވިދާޅުވި އެވެ.
މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރު ޑރ. ހަލީލް ވަނީ އިސްލާމީ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާ ބައްދަލުކުރައްވައި، މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެ: ޚަލީލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ