އައިފޯން 20ގެ ޑިސްޕްލޭ ހުންނާނީ ގިނަ ބަޔަކު އުއްމީދުކުރި ގޮތަކަށް ނޫން؟

އެޕަލްއިން އައިފޯނުގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ނެރެން ތައްޔާރުވަމުންދާ "އައިފޯން 20" ގައި، ގިނަ ބަޔަކު އުންމީދުކުރި ފަދަ އޯލް-ސްކްރީން (މުޅި ސްކްރީން) ޑިސްޕްލޭއެއް ނުހިމެނޭނެކަމަށް ޗައިނާގެ ލީކުތަކަކުން ހާމަވެއްޖެއެވެ. އައިފޯން 20 ވާނީ ސްކްރީނުގައި އެއްވެސް ކަޓްއައުޓެއް ނުވަތަ ލޯވަޅެއް ނުހިމެނޭ، އަދި ސެލްފީ ކެމެރާ ސްކްރީނުގެ އަޑީގައި ހުންނަ ފޯނަކަށް ކަމަށް ކުރިން އޮތީ އަޑުފެތުރިފައެވެ. މިއީ އެންޑްރޮއިޑްގެ ބޮޑެތި ފޯނުތަކުން ވެސް އަދި މިހާތަނަށް ފުރިހަމައަށް ތައާރަފުކުރެވިފައި ނުވާ ފީޗާއެކެވެ. https://sun.mv/213211 ނަމަވެސް ޗައިނާގެ ވީބޯގައި ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ފަރާތަކުން ބުނެފައިވާ ގޮތުގައި، ސްކްރީނުގެ އަޑީގައި ކެމެރާ ހަރުކުރުމުގެ ޓެކްނޮލޮޖީ ތަރައްޤީކުރުމުގައި އެޕަލްއަށް ދަނީ ދަތިތަކަކާ ކުރިމަތިވަމުންނެވެ. އެހެންކަމުން، މުސްތަގުބަލުގައި އެޕަލް އިން ނެރޭ ފޯނުތައް ފަރުމާގެ ގޮތުން ކުޑަވެފައި ޗާލުވި ނަމަވެސް، އެއްވެސް ކަޓްއައުޓެއް ނުހިމެނޭ ފުރިހަމަ ސްކްރީނެއް އައިފޯނުން ފެނުމަކީ އަދި ގާތްކަމެއް ނޫންކަމަށް އޭނާ ވަނީ ބުނެފައެވެ. އެންމެ ފަހުގެ މައުލޫމާތުތައް ބުނާގޮތުން، އައިފޯން 14 ޕްރޯ އިން ފެށިގެން އެޕަލްއިން ބޭނުންކުރަމުން އަންނަ "ޑައިނަމިކް އައިލެންޑް" ނުވަތަ ބޭސްގުޅައެއްގެ ބައްޓަމަށް އިންނަ ސެލްފީ ކެމެރާ ކަޓްއައުޓް އައިފޯން 20 ގައިވެސް އިންނާނެއެވެ. އެހެންނަމަވެސް، މި އަހަރު ފަހުކޮޅު ނެރޭ އައިފޯން 18 ޕްރޯ ސީރީޒްގައި ސްކްރީން އަޑީގައި ފޭސް އައިޑީ ސިސްޓަމް ހިމެނުމަށް އެޕަލްއިން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ބަދަލާއެކު، އައިފޯން 20ގެ ކުރީކޮޅުގައި އިންނަ ކެމެރާ ކަޓްއައުޓް މިހާރަށްވުރެ ކުޑަވާނެކަމަށް ބެލެވެއެވެ. މިއީ އޯލް-ސްކްރީން ޑިޒައިނަކާ ދިމާލަށް އެޕަލްއިން އަޅާނެ ފިޔަވަޅެއްކަމަށް ލަފާކުރެވެއެވެ. އައިފޯނަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އައިފޯން 20 ނެރުމަށް އެޕަލް އިން އަމާޒުހިފާފައިވަނީ 2027 ވަނަ އަހަރެވެ. އާންމުކޮށް އެޕަލް އިން އައިފޯން ނެރެނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހު ކަމަށްވިޔަސް، މި ޚާއްސަ މޮޑެލް ނެރޭނީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އަދި މި ފޯނު ނެރޭނީ "އައިފޯން 18އީ" އާއެކު ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އައިފޯން 20 ޕްރޯ އަދި ޕްރޯ މެކްސް މޮޑެލްތައް ނެރޭނެކަމަށް ލަފާކުރެވެނީ 2027 ގެ ފަހުކޮޅުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ