18 އަހަރަށް ފަހު އުކުޅަހާއި ރަސްދޫން އެމްޑީޕީ ކައުންސިލް ގެއްލިއްޖެ

ލޯކަލް ކައުންސިލް އިންތިހާބުގެ ތާރީހުގައި އަބަދު ވެސް އެމްޑީޕީން ހުރިހާ ގޮނޑިއެއްހެން ހޯދަމުން އަންނަ އއ. އުކުޅަހާއި ރަސްދޫން، ފުރަތަމަ ފަހަރަށް ރީނދޫ ކުލަ ފޮހެވިއްޖެ އެވެ.
ވީ ކިހިނެއް؟ - އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގައި އއ. އަތޮޅުގެ ވެރިކަން ކުރާ ރަށް ރަސްދޫގެ ހުރިހާ ގޮނޑިއެއް ވެސް ހޯދީ ޕީއެންސީންނެވެ. މިދިޔަ ދައުރުގައި އަންހެނުންގެ ކޮމިޓީގެ އެންމެ މެމްބަރެއް ފިޔަވައި ހުރިހާ އެންމެންނަކީ ވެސް އެމްޑީޕީގެ މެމްބަރުންނެވެ. ވޭތުވެ ދިޔަ 18 އަހަރު އެ ރަށުގައި ވެރިކަން ކުރީ އެމްޑީޕީއިންނެވެ.
ތަފްސީލް - އާބާދީގެ ނިސްބަތުން އެމްޑީޕީގެ އެންމެ ގިނަ ސަޕޯޓަރުން ތިބި ކަމަށް ބުނާ އުކުޅަހުން ވެސް މި ފަހަރު ދެއްކީ ހަމަ އެ މަންޒަރެވެ. އުކުޅަހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ނެގީ، ސަރުކާރު ހިންގާ ޕީއެންސީއިންނެވެ. އެކަމަކު މިދިޔަ ހުރިހާ ދައުރެއްގައި ވެސް އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް އެ ރަށަކުން ޖާގައެއް ނުދެ އެވެ.
"ވަރަށް ފުރުސަތުތައް ދެވިއްޖެ. އެކަމަކު ރަށަށް އައި ހަމަ އެންމެ ކުރިއެރުމެއް ވެސް ދައްކަބަލަ،" ރަސްދޫގެ މެދު އުމުރުފުރައިގެ މީހަކު އެހި އެވެ.
"އެބަޖެހޭތާ ރަށަށް މޮޅު ގޮތް ވެސް ހޯދައިދޭން."
މީގެ ކުރިން ރަސްދު އާއި އުކުޅަހަކީ ވެސް އެމްޑީޕީގެ މައި ދެ ހަބެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ދެއްވައި، ފަހުން ޕާޓީގެ ރައީސްގެ މަގާމަށް އައްޔަން ކުރެއްވީ ވެސް އުކުޅަހުގައި ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ދެ ބައްދަލުވުމެއްގަ އެވެ.
މީގެ ފަސް އަހަރު ކުރިން، ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ނިންމައި، އެމްޑީޕީގެ ވެރިންނާއި ގިނަ މެމްބަރުން އުފާ ފާޅުކުރުމަށް ބަނދަރުކުރީ ރަސްދޫގަ އެވެ. އެކަމަކު އެމްޑީޕީގެ ވެރިކަމުގައި މާބޮޑު ސަމާލުކަމެއް ނުލިބޭ ކަމަށް ބުނެ، އެ ވެރިކަމުގެ ފަހު ދުވަސްތަކުގައި ޕާޓީއާ މެދު ގިނަ ބަޔަކު ތިބީ މާޔޫސްވެފަ އެވެ.
އޭގެ ފަހުން ގިނަ ބައެއްގެ ފިކުރު ދިޔައީ މަޑުމަޑުން ރީނދޫ ކުލައާ ދުރަށެވެ.
"ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުންތަކެއް އެބަހުރި. ފަހުން އައިސް ރައްޔިތުންގެ ފިކުރު ހުރީ، [ކުރީގެ ރައީސް] މައުމޫން [އަބްދުލްގަޔޫމް]ގެ ބަދަލުގައި އެހެން ވެރިއަކު ބޭނުންވި ގޮތަށް، އެމްޑީޕީ ނޫން ގޮތެއް ހޯދަން،" އުކުޅަހު މީހަކު ބުންޏެވެ.
"ދެންވާ ގޮތެއް ބަލަމާ ހިނގާ. ކުލަ ބަދަލުކޮށްގެން ރަށަށް ކުރިއެރުމެއް ގެނެވޭތޯ."
އިއްޔެ ބޭއްވި އިންތިހާބުގައި ރަށްރަށުގެ ގިނަ ގޮނޑިތައް ހޯދީ ޕީއެންސީންނެވެ. އެކަމަކު މާލެ އާއި ސިޓީތަކުން ކުރި ހޯދީ އިދިކޮޅު އެމްޑީޕީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ