މި ތިން ސިފަ އެމީހެއްގެ ކިބައިން ފެންނާނީ އެމީހެއްގެ ހިތާ ސިކުނޑީގަ ޝައިޠޯނާ ޖަގަހަ ހެދީމަ!

އިންސާނަކަށް ކުރިމަތިވާނެ އެންމެ ނުރައްކާތެރި އެއް ޙާލަތަކީ އެމީހާގެ ހިތާއި ސިކުނޑީގައި ޝައިޠޯނާ ޖގަހަ ހެދުމެވެ. އެހެންކަމުން މިބަލައިލަނީ ޝައިޠޯނާއަށް އިންސާނާގެ ހިތާ ސިކުނޑީގައި ޖަގަހަހެދުމުގެ ފުރުޞަތު ދެވިއްޖެނަމަ އެމީހާގެ ކިބައިން ފެންނާނެ އެންމެ ޢާންމު ނުބައި 3 ސިފަ އަށެވެ. 
އެސިފަތަކަކީ ދުލުން ނުބައިބަސްތައް ބުނުން ގިނަވުމާއި ނުބައި ޢަމަލުތައް ކުރެވުމާއި ރުޅި ކޮންޓްރޯލް ނުކުރެވުމެވެ. މި 3 ސިފައަކީ އާޚިރަތް ގެއްލިގެން ހިނގައިދާނެ 3 ސިފައިގެ އިތުރުން ދުނިޔޭގައިވެސް އެމީހާގެ އަގުވެއްޓި މީސްތަކުންގެ ނުރުހުން އެންމެ ފަސޭހައިން ލިބެންފަށާނެ ސިފަތަކުގެ ތެރޭގައި ހިމެނޭ 3 ސިފައެވެ.  
މީހުންނާއިއެކު އެމީހާ މަގުފުރައްދާނެ ޝައިޠޯނުން ލައްވަވަނީ އެމީހާގެ ޢަމަލުތައް ނުބައިވުމުންނެވެ. ރަނގަޅު އެކުވެރިން ދޫކޮށް ޝައިޠޯނާ އާއިއެކުގައި އުޅޭ މީހުންނާއި އެކުގައި އުޅޭތީއެވެ. ޝައިޠޯނާގެ މަގުން ކުރިއަށްދާތީއެވެ.  
އެއިގެ ބަދަލުގައި އެމީހާ ހެޔޮ ޢަމަލުތައްކޮށް، ރަނގަޅު ތަޤްވާވެރި މީހުންނާއި ގުޅި އެކުވެރިވެގެން އުޅޭނަމަ އެމީހަކަށް މަގުދައްކާނޭ މަލާއިކަތުން ލައްވަވާނެތެވެ. އެއިރުން ޝައިޠޯނާއަށް އެމީހާގެ މައްޗަށް އެއްވެސް ބާރެއް ނުދެއްކޭނެއެވެ.  
ބައެއް މީހުން، ނުބައިބަސްތައް ބުނުމާއި ނުބައި ޢަމަލުތައް ކުރުމާއި އަދި އިންތިހާއަށް ރުޅިގަދަވެގެން ކުރެވޭ ނުކުރެވޭ ކަމެއް ނުއެނގޭ ޙާލުގައި އުޅޭތަން ފެންނާނެއެވެ. އެފަދަ މީހުންގެ ޢަމަލުތައް ދިރާސާކުރާށެވެ. އެމީހުން ވާނީ ނުބައި ޢަމަލުތައް ކުރުމުގައި ހައްދުފަހަނައަޅައިފައެވެ. އެކުވެރިންގެ ގޮތުގައި ތިބޭނީ ނުބައި ޢަމަލުތައްކުރާ މީހުންނެވެ.  
އެހާލަތުގައި ހުންނަ މީހާ އެވަނީ އޭނާ އާއިއެކުގައިވާ ޝައިޠޯނާގެ ކަސްތޮޅުގައެވެ. ޝައިޠޯނާގެ ބާރުގެދަށުގައެވެ. އެއިރުން އޭނާއަށް ކުރެވޭނީ ޝައިޠޯނާ ބުނާކަންކަމެވެ. އެއިރު އޭނާގެ ހިތާއި ސިކުނޑީގައި ހާލިހަދައިގެން ޝައިޠޯނާ އިންނާނެއެވެ.  
ވީމާ އަހަރެމެންނަށް އޮތީ އެޙާލަތަށް ދއުމުގެ ކުރިން ވިސްނައި އެޙާލަތުން ސަލާމަތްވުމެވެ. އެކަންކަން ޙާޞިލުކުރެވޭނީ ހެޔޮޢަމަލުކުރުންމަތީގައި ދެމިހުރެގެންނެވެ. ރަނގަޅު އެކުވެރިންނާއިއެކުގައި އުޅެގެންނެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ