ބޫޓާން އަތުން 3-1 އިން މޮޅުވެ، ސާފްގެ އަލަތު ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖެއިން މިއަދު ހޯދައިފި އެވެ.
ބެންކޮކްގައި ކުރިއަށްދާ މި މުބާރާތުގައި ކުރިއަށް އެއް މެޗު އޮއްވާ ރާއްޖެ ތަށި ކަށަވަރުކުރީ މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓް ހޯދައިގެންނެވެ. ސާފްގެ ހަތް ގައުމު ވާދަކުރާ މުބާރާތުގައި ދެން އެވަރަށް ޕޮއިންޓް ހޯދޭނެ އެއްވެސް ބަޔަކު ނެތެވެ.
ތާވަލްގެ ފުލުގައި އޮތް ބޫޓާނުގެ މައްޗަށް ރައްޖެއަށް ކުރި ހޯދުނީ ފުރަތަމަ ލަނޑު ޖަހައި، ބޫޓާނުން ލީޑް ވެސް ނަގާފައި އޮއްވަ އެވެ. އެކަމަކު ރާއްޖޭގެ ކުޅުންތެރިން ގޯލާ ދުރުގައި ބޭތިއްބޭނެ ގޮތެއް ބޫޓާނަކަށް ނުފެނުނެވެ. އެހެންކަމުން މެޗު ނިމުނީ ކެޕްޓަން މުހައްމަދު އިމްރާން އާއި އަބްދުﷲ ޖުނައިދު އަދި އަހުމަދު ހަމީދުގެ ލަނޑުތަކުން ކާމިޔާބު ހޯދައިގެންނެވެ.
ސާކް ސަރަހައްދުގައި ފުޓްސަލްގެ ފެންވަރު ރަނގަޅު ކޯޓެއް ނެތުމުން ތައިލެންޑްގެ ވެރިރަށުގައި ބާއްވާ މުބާރާތުގައި ރާއްޖެ އުޅެނީ ފައިދާ ލަނޑުގެ ގޮތުން ވެސް މާ ކުރީގަ އެވެ. އެގޮތުން ރާއްޖެއަށް ފައިދާ 19 ލަނޑު އެބަ އޮތެވެ.
މިއީ ސާކްގެ ފުޓްބޯލް ފެޑެރޭޝަން، ސާފްގެ ފަރާތުން ބާއްވާ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕެވެ. މިއަދު ރާއްޖެއިން މި ހޯދި ބޮޑު ކާމިޔާބީއާ އެކު ރާއްޖެއަކީ ރަސްމީ ފުޓްބޯޅައިގެ އިތުރުން ފުޓްސަލްގައި ވެސް މި ސަރަހައްދުގެ ވަރުގަދަ ގައުމެއްކަން ސާބިތުކޮށްދީފި އެވެ. މި މުބާރާތުގައި ރާއްޖެ ބަލިކުރެވޭ ވަރުގެ އެއްވެސް ޓީމެއް އަދި ނުފެނެ އެވެ.
ރާއްޖެއިން ސާފްގެ ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ