އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ފުލެޓުތަކުގެ މައުލޫމާތު ހޯދަމުން އަންނަ ކަމަށް ބުނެ، ސަމާލުވާން އެދިއްޖެ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި، އާންމުންނަށް ދޫކޮށްފައިވާ ފުލެޓުތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ބަޔަކު އޮޅުވާލައިގެން މައުލޫމާތު ހޯދަމުން އަންނަ ކަމަށް ބުނެ، އެކަމަށް ސަމާލުވާން އެ ކޯޕަރޭޝަނުން އެދިއްޖެއެވެ. އެޗްޑީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، އެޗްޑީސީގެ ނަމުގައި އާދައިގެ މެސެޖާއި ކޯލުތަކާއި ވައިބާ މެދުވެރިކޮށް އޮޅުވާލައިގެން މައުލޫމާތު ހޯދުމަށް ބަޔަކު މަސައްކަތްކުރަމުން އަންނަކަން އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ފުލެޓުތަކާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއް ކުރުމަށް އެ ކޯޕަރޭޝަނުން ވައިބާ މެދުވެރިކޮށް ވެސް އާދައިގެ ކޯލު މެދުވެރިކޮށް ވެސް ނުގުޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ. https://x.com/hdcmaldives/status/2015031172150305099 އެއާއެކު އެ ކޯޕަރޭޝަނުން ވަނީ އޮޅުވާލައިގެން ހިންގާ ސްކޭމްތަކަށް އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މީގެ ކުރިންވެސް ގެދޮރުވެރިޔާ ސްކީމްގެ ނަމުގައި ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވާން ފުލުހުން މީގެ ދެ މަހެއްހާ ކުރިން އިލްތިމާސްކުރިއެވެ. މަކަރާއި ހީލަތުން ސްކޭމަރުން ފައިސާ ހޯދަނީ، އެކި އުކުޅުތައް ބޭނުންކޮށްގެނެވެ. އަންނަ ބަދަލުތަކާ ގުޅިގެން އެ އުކުޅުތައް ވެސް ކުރިއަރައެވެ. https://sun.mv/216800 ފާހަގަކުރެވޭ ގޮތުގައި، ކެންސަރު ޖެހިފައިވާ މީހަކަށް އެހީވުމުގެ ނަމުގައި ސްކޭމެއް ހިންގާތީ އެކަމަށް ސަމާލުވުމަށް މީގެ ހަފުތާއެއް ކުރިން ފުލުހުން އެދިފައިވެއެވެ. މިދިޔަ މަހު ސްކޭމްތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް އެފަދަ މައްސަލަތައް ބަލާ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުން ވަނީ ދައްކާފައެވެ. https://sun.mv/216516 ރާއްޖޭގައި ގިނަ ބަޔަކު ސޯޝަލް މީޑިއާ ބޭނުންކުރާއިރު، އެފަދަ އެޕްތައް މެދުވެރިކޮށް އޮޅުވާލައި، ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ ވަރަށް ގިނަވެފައެވެ. މީގެ ކުރިން ފުލުހުން ވަނީ، ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ މާރިޗު 17 އާ ހަމައަށް، 6،000 މީހުންގެ އަތުން 110 މިލިއަން ރުފިޔާ ގެއްލުނުއިރު، އެންމެ ސްކޭމަރެއް ވެސް ނުހޯދޭ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ