ތަމްރީނަށް ފުރި ދަރިވަރުންނަކީ ގައުމިއްޔަތު ދިރުވުމަށް ޝައުގުވެރިވާ، އުފެއްދުންތެރި ބަޔަކަށް ހަދަން އިސްކަންދޭނަން: ރައީސް
ގައުމީ ޚިދުމަތުގެ ތަމްރީނުގެ މުއްދަތުގައި، ތަމްރީނުގައި ބައިވެރިވުމަށް މިއަދު ފުރި ދަރިވަރުންނަކީ ގައުމިއްޔަތު ދިރުވައި އާލާކުރުމަށް ޝައުގުވެރިވާ، އަދި އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް އިސްކަންދެވޭނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު، ގައުމީ ޚިދުމަތުގެ ދެވަނަ ބެޗުގެ ދަރިވަރުން ވަނީ ތިން މަހުގެ ތަމްރީނަށް ޅ. މާފިލާފުށްޓަށް ފުރައިފައެވެ. އެމްއެންޑީއެފުން ބުނީ، 112 ރަށަކުން އެ ތަމްރީނު ޕްރޮގްރާމުގައި 286 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުން ބައިވެރިވި ކަމަށެވެ. ކަންދިމާކުރި ގޮތުން، ގައުމީ ޚިދުމަތުގެ ދެވަނަ ބެޗުގެ ދަރިވަރުން ތަމްރީނަށް ފުރި ދުވަސް ދިމާވީ ބައިނަލްއަގުވާމީ ތައުލީމުގެ ދުވަސް ފާހަގަކުރާ ދުވަހާއެވެ. ތަމްރީނުގައި ބައިވެރިވާ ދަރިވަރުންނަށް ކާމިޔާބީއަށް އެދި 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމުގައި ދަރިވަރުން ރޫހާނީ، ނަފުސާނީ، އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ވެގެން ދާނެ ކަމަށެވެ. https://x.com/MMuizzu/status/2015053474577453231 "ތަމްރީނުގެ މުއްދަތުގައި، މި ޒުވާނުންގެ ހިތްތަކުގައި ދީނުގެ ރުކުންތަކަށާއި އިސްލާމީ ޝިއާރުތަކަށް ލޯބި އިތުރުކޮށް، މި ޒުވާނުންނަކީ ގައުމިއްޔަތުގެ ރޫހާއި ފަޚުރު ދިރުވާ އާލާކުރުމަށް ޝައުޤުވެރިވާ، އަޚުލާޤާއި ސުލޫކު ރަގަޅު، ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެ،" ރައީސް ލިޔުއްވާފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި، މި މަހުގެ 15ވަނަ ދުވަހު، ވަތަނީ ޚިދުމަތުގެ ފަންނީ ތަމްރީނަށް 66 ދަރިވަރުން ބ. ކިހާދުއަށް ގޮސްފައިވެއެވެ. ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުން 344 ދަރިވަރުން ދަސްވެނިވީ މިދިޔަ މަހުގެ 28ވަނަ ދުވަހެވެ. https://sun.mv/215976 މާފިލާފުށީގައި ހުންނަ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ މަރުކަޒުގެ ޗީފް އިންސްޓްރަކްޓަރު ލެފްޓިނެންޓް ކާނަލް މުހައްމަދު ޝަފީއު ވިދާޅުވީ، އެ ތަމްރީނުގައި ދިވެހި ގައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަން، ލީޑާޝިޕް، އިސްލާމީ ތަރުބިއްޔަތު، ޖިސްމާނީ ތަމްރީނު، ވޯޓާމޭންޝިޕް ޑްރިލް، ފުރަތަމަ އެހީ، އަލިފާން ނިއްވުން، އަދި ސެލްފް-ޑިފެންސްގެ އިތުރުން ކޭމްޕު ހަރަކާތްތައް މާއްދާތަކުގެ ގޮތުގައި ކިޔަވައިދިން ކަމަށެވެ. https://sun.mv/217075 އެގޮތުން، ތަމްރީނުގެ ބައިވެރިންނަށް އެ މާއްދާތައް ކިޔަވައިދެއްވުމުގައި ސިފައިންގެ މުދައްރިބުންގެ އިތުރުން ކަމާ ބެހޭ ވުޒާރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިކަަން އޭނާ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ