ވަޒީފާ ދެއްވުމުގައި އިސްކަންދެއްވާނީ މެރިޓާއި ތަޖުރިބާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ޤާނޫނު އަސާސީ އިޞްލާޙުކުރުމާ ބެހޭގޮތުން މި މަހު ނެގި ފެންނަ ނުފެންނަ ވޯޓަށް އިޝާރާތްކުރައްވައި، އެ ނަތީޖާއަށް ބިނާކުރައްވައި ސަރުކާރު ހިންގުމުގެ ނިޒާމަށް އިޞްލާޙީ ބަދަލުތަކެއް ގެންނަވާނޭކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އެގޮތުން، ސަރުކާރުގެ ސައިޒާއި ޚަރަދުތައް ކުޑަކޮށް، މީހުން ޢައްޔަންކުރުމުގައި މެރިޓަށް އިސްކަންދިނުމަކީ ރައްޔިތުން އެދޭ ގޮތްކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި އެ ކަންކަމަށް އިސްކަން ދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ޚާއްޞަކޮށް މީގެ ފަހުން، ސަރުކާރުގެ އެއްވެސް ކުންފުންޏެއްގައި ސިޔާސީ ވިސްނުމެއްގައި، ވަކި މީހަކު ބުނެގެން ޢައްޔަންކުރެވޭ މަޤާމުތައް ހުރެގެން ނުވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ވުޒާރާތަކަށް މީހުން ޢައްޔަންކުރުމުގައި ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިޚުތިޔާރު ތަންފީޒުކުރެއްވުމުގައިވެސް ކުރިއަށްއޮތްތަނުގައި ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބައްލަވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ކޮންމެހެން ޢައްޔަންކުރައްވަން ޖެހިވަޑައިގެންފި ޙާލަތެއްގައިވެސް، ސްޓޭޓް މިނިސްޓަރުންނަކީ ކަމާބެހޭ ދާއިރާއިން މާސްޓަރސް ފެންވަރުގެ، އަދި ޑެޕިއުޓީ މިނިސްޓަރުންނަކީ ކަމާ ބެހޭ ދާއިރާއިން ޑިގްރީ ފެންވަރުގެ ސަނަދެއް އޮތް މީހެއް ކަމުގައި ހެދުމަށް، މިންގަނޑުތަކެއް ގެންގުޅުއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ފެށުނީއްސުރެވެސް އެމަނިކުފާނު އިސްކަންދެއްވާފައިވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށްކަމުގައި ވިދާޅުވެ، ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ އަޑުއައްސަވައިގެން މަސައްކަތްކުރެއްވުމުގައި ދެމިހުންނަވާނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ވަޒީފާ ދެއްވުމުގައި އިސްކަންދެއްވާނީ މެރިޓާއި ތަޖުރިބާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ