ތަހުޒީބު މުޖުތަމައެއް ބިނާކުރެވޭނީ ލަދުހަޔާތުގެ މައްޗަށެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށް ބޭއްވި ބައްދަލުވުންތަކުން އުފަންވި އެއްކަމަކީ ސަރުކާރު މުވައްޒަފުންގެ ހެދުން އަޚުލާޤީ މިންގަނޑަށް ނުފެތޭކަމަށް ބައެއް ފަރާތްތަކުން ހުށަހެޅުމެވެ. އެއާއި ގުޅިގެން އެކަން ހަމަމަގަށް އަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޝާރާތް ކުރައްވާފައެވެ. މިއާއިވިދިގެން، ދިވެހި ސިވިލް ސާރވިސްގެ ގަވާއިދުގެ 145 ވަނަ މާއްދާގެ ފަހަތަށް ދެމާއްދާއެއް އިތުރުކުރުމަށް ސިވިލްސާރިވސް ކޮމިޝަނުންވަނީ ނިންމަވާ، އެދެމާއްދާ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވާފައެވެ. މީގެ ތެރެއިން ހޫނު ބަހުސުތަކެއް އުފެދިގެން އައީ އަންހެނުން މުވައްޒަފުންނަށް ނިސްބަތްވާ މާއްދާ 2-145 ގެ (ރ) "ހެދުމުގެ މަތީބައި، ގަމީސް އަދި ސޫޓު ޖެކެޓުގެ މަތީބައިގެ... ދިގުމިން ހުންނަންވާނީ، ބުޑުގެ ތިރީކައިރިން ފެށިގެން މައްޗަށް 2 (ދޭއް) އިންޗިއަށްވުރެ ހެދުން ކުރުނުވާ ވަރަށެވެ." މި އިބާރާތުގެ މައްޗަށެވެ. ދެން، އެމާއްދާގެ (ކ) ގެ (2) "... އިސްތަށިގަނޑު ކަޅުކުރުންފިޔަވައި، ފާލުކަން ބޮޑު ކުލައެއް ޖެއްސުމަކީ ނުވަތަ ކުލައިން ޝޭޑުކޮށް ހައިލައިޓް ކުރުމަކީ ހުއްދަކަމެއް ނޫނެވެ." މިދެންނެވި މާއްދާގެ (ރ) ދެތިންފަހަރު ކިޔާލީމާ، ދޭހަވާގޮތުން މިގޮތަށް ދިގުމިން ބަހައްޓަންޖެހޭނީ، ހަމައެކަނި މި އަކުރުގެ ފުރަތަމަ ޖުމްލައިގައި ބަޔާންކޮށްފައިވާ ހެދުމުގައެވެ. އެހެންކަމުން، ދަށަށްޖަހާފައި ހުންނަ ގަމީސް ނުވަތަ ހެދުމެއް ލާކަމުގައިވަނީނަމަ، ދިގުމިނުގެ އުސޫލު އެހާލަތަކަށް ނުފެތޭނެއެވެ. ސަބަބަކީ – ހެދުމުގެ ދިގުމިނުގެ އުސޫލު ހިނގާނީ، "އުނަގަނޑުން ތިރީބަޔާއި އުނަގަނޑުން މަތީބަޔާއި ދެމެދުން ހަށިގަނޑުގެ އެއްވެސް ތަނެއް ފެންނަ" ހެދުންތަކަށް ކަމަށްވުމެވެ. އަޅުގަނޑު ދެކޭގޮތުގައި، ބަހުސު އުފެދިގެން އުޅެނީ ތަރުޖަމާގެ މައްސަލައެއްގެ ތެރެއިންނެވެ. އަދި މިގަވާއިދު އުފަންވި ސަބަބާއި ގަވާއިދުން ހާސިލުކުރަންބޭނުންވާ މަގުސަދު ބަޔާންކޮށްފައި އޮތްނަމަ، މިހާރު އުފެދިގެން މިއުޅޭ ބަހުސް ކޮންމެވެސް ވަރަށް ފިނިވީސް ކަންނޭނގެއެވެ. އަނެއްކަމަކަށްވީ، ވަކިން ޚާއްޞަ ނަޒަރަކުން އަންހެނުންގެ ހެދުންއެޅުމާއި ޒީނަތްތެރިކަމަށް – އަލަށް މި ގެނެވުނު އިސްލާހުގައި ބަލާފައިވާތީ ކަމަށްވުން އެކަށީގެންވެއެވެ. ފިރިހެނުންގެ ޒީނަތްތެރިކަންވެސް މުޖުތަމަޢުގެ އަޚުލާޤީ މިންގަނޑުތަކުގެ ތެރެއަށް ގެނައުމަށް އެއާ އެއްވަރުގެ އިސްކަމެއް ދެވިފައި އޮންނަމަވެސް، މިބަހުސް ފިނިވީސްކަމަށް އަޅުގަނޑު ދެކެމެވެ. މިގޮތުން ބަލާއިރު، އާންމު އިޖުތިމާއީ މިންގަނޑާއި ޚިލާފުނުވާގޮތަށް ފިރިހެނުންގެ ބޮލުގެ އިސްތަށިގަނޑު ބަހައްޓަން ބުނެދިވާނެކަމުގައި އަޅުގަނޑަށް ގަބޫލު ކުރެވެއެވެ. އެހެނީ، މިދިޔަ އޮގަސްޓް މަހުގެ ހަތަރުވަނަ ހުކުރުދުވަހުގެ ޚުޠުބާގައި ބުނެފައިވަނީ، "މިހާރަކަށް އައިސް ... ދެޖިންސުގެ ޒުވާނުން ޓެޓޫ ޖެހުމާއި، ފިރިހެނުން އަންހެނުންނާ އެއްގޮތްވާގޮތަށް އިސްގަށިގަނޑު ދިގުކުރުން ފަދަކަންކަން އާދައިގެން ކަންކަން ކަމުގައި ހަދަމުން އެބަދެއެވެ. މިކަންކަމަކީ ލަޢުނަތް ލެއްވިގެންވާ ޙަރާމް ކަންކަމެވެ." ގަވާއިދު އިސްލާހުގެ ކުރުމުގެ ބޭނުމަކީ، އަޅުގަނޑު ދެކޭގޮތުގައި "ސިވިލްސާރވިސް ގަވާއިދުގެ، ސިވިލްސާރވިސް މުވައްޒަފުން ހެދުން ބަހައްޓަންވީގޮތް" އިތުރަށް ސާފުކޮށްދިނުން ކަމުގައިވާތީއެވެ. ސިވިލްސާރވިސް ގަވާއިދުގެ 143 ވަނަ މާއްދާއިން ކިތަންމެ ރަނގަޅަކަށްވެސް އެކަން އޮތީ ބަޔާންކޮށްދީފައެވެ. އޭގައި ބުނަނީ، "ސިވިލްސާރވިސް މުވައްޒަފުން ތިބެންވާނީ... ދިވެހިމުޖުތަމައު ގަބޫލުކުރާ އަޚުލާޤީ ހަމަތައް" ހިފަހައްޓާގޮތުގެ މަތީން އެކަށީގެންވާ ސާފުތާހިރުކަމާ، ހެދުމުގައި ކަމަށެވެ. މައްސަލަ އުފަންވެގެން މިއުޅެނީ މިމާއްދާ ތަންފީޒުކުރުމުގައި ފަރުވާކުޑަކުރެވިގެންނެވެ. އެކަން ކުރެވޭނީ އިތުރު ތަފްސީލު ފޮތެއްގައި ބަޔާންކޮށްގެންކަމަށްވާނަމަ، އަދި ނިޔަފަތީގައި ކުލަޖެއްސުމުގެ ވާހަކައަށްވެސް ވަކި މާއްދާއެއް ގެންނަންޖެހިދާނެވެ. އެކަމަކު ވެރިން އެމީހުންގެ ޒިންމާ ފުރިހަމަޔަށް އަދާކުރުމުން މިއިން އެއްވެސް ތަފްސީލަކަށް، އަޅުގަނޑު ދެކޭގޮތުގައި ބޭނުމެއް ނުވާނެއެވެ. އަޅުގަނޑު ދެކޭގޮތުގައި – އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ހެދުމުގެ މިންޖެހުމާއި އިސްތަށިގަނޑުގެ ކުލަޖެއްސުމުގެ މާއްދާއަކަށްވުރެ މާފުޅާ ފުން ބަހުސެކެވެ. އެއީ ވީދިކުދިކުދިވެފައިވާ މުޖުތަމައުގެ ފޭރާން ހެޔޮކުރުމުގެ ވާހަކައެވެ. އެއީ އަޅުގަނޑުމެންގެ ދީނުގައި އަންގަވާފައިވާފަދަ - ހަޔާތެއް ހުރިބަޔަކަށް އަޅުގަނޑުމެންވުމެވެ. މިކަމުގެ މިންގަނޑުތައް އިލްމުވެރިން ބަޔާންކޮށްދެއްވަނީ ކީރިތިޤުރުއާނުގެ ސޫރަތުލް އަހުޒާބުގެ 59 ވަނަ އާޔަތާއި ސޫރަތުއްނޫރުގެ 30-31 މި ދެއާޔަތުގެ އަލީގައެވެ. އޭގެ ތަފްސީރަކަށް މިތަނުގައި ދިޔުމަކަށް އަޅުގަނޑު ގަސްތެއް ނުކުރަމެވެ. އަޅުގަނޑު ބަލާލާހިތްއޮތީ، ތަހުޒީބު މުޖުތަމައެއް ބިނާކުރުމުގައި ލަދުހަޔާތުގެ މުހިންމުކަމުގެ މައްޗަށެވެ. އަދި އަޅުގަނޑުމެން އުޅުމާއި ގުޅުންތައް، "ދިވެހި މުޖުތަމައު ގަބޫލުކުރާ އަޚުލާޤީ ހަމަ" ތަކުގެ ތެރެއަށް ފެއްތުމަށް ކުރަން ޖެހިފައިވާ ފުޅާ ގައުމީ މަޝްރޫޢުގެ މައްޗަށެވެ. އަޅުގަނޑުމެން މިހާރު މިތިބި ހިސާބަށް ބަލާއިރު، އޮފީސްތަކަށް ޚިދުމަތްހޯދަން ދާމީހުންނާއި ޚިދުމަތްދޭންތިބޭ މީހުން މުއާމަލާތުކުރުމުގަޔާއި، އޮފީސްތަކުގެ ވެރިން މުވައްޒަފުންނާއި މުއާމަލާތު ކުރުމުގަޔާއި، މަސައްކަތަށް ފަރުވާތެރިވެ ކަމޭހިތުމުގަޔާއި، ދައުލަތުގެ އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުން އާންމުރައްޔިތުންނާއި މުއާމަލަތުކުރުމުގައި، އަދި ރައްޔިތުންގެ މަޖިލީހުގައި ގެންގުޅޭ ބަސްމަގާއި ސުލޫކީ ހަމަތައް – ދިވެހި މުޖުތަމައު ގަބޫލުކުރާ އަޚުލާޤީ މިންގަޑަށް ފެއްތުމުގެ މަސައްކަތް އެއީ އަޅުގަނޑުމެން ކުރަންވެއްޖެ މުހިންމު މަސައްކަތެކެވެ. އަޅުގަނޑުމެން ހަރުމީހުންނާއި އިސްކޮށްތިބިމީހުން ޒުވާނުންނާއި ކުޑަކުދިންނަށް މިކަންކަމުގައި ނަމޫނާއަކަށް ވާން އެބަޖެހެއެވެ. އޯގާތެރިކަމާއި އަޅާލުމާއި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ މައްޗަށް ބިނާކުރެވިފައިވާ މުޖުތަމައެއް ބިނާކުރުމަށެވެ. އޭރުން ހެދުން އެޅުމާއި ކުލަޖެއްސުމުގައި ވެސް - އާންމު ތަންތަނުގައި "ދިވެހި މުޖުތަމައު ގަބޫލުކުރާ އަޚުލާޤީ މިންގަޑުތައް" މަޖުބޫރު ކުރުމަކާއި ނުލައި ހިފެހެއްޓޭނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ