ބަނދަރު 'ވިއްކަން' އުޅޭ ކަމަށް އަނެއްކާވެސް ޔާމީންގެ ތުހުމަތު: ''ހުއްޓުވަން މަޖުބޫކުރަން ޖެހޭ''

މާލޭ ވިޔަފާރި ބަނދަރަށް ބާރު ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް ތިލަފުށީގައި ހަދާ ބަނދަރު، ދުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް)އަށް ވިއްކަން އުޅޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތުހުމަތުކުރައްވައި، އެކަން ހުއްޓުވަން ގޮވާލައްވައިފިއެވެ. ތިލަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މޯލްޑިވްސްް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ވަނީ އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިންމޭނީ އަންނަ އަހަރު ކަމަށް ލަފާކޮށްފައެވެ. އެ ފިޔަވައްސަށް އެކަނިވެސް 60 މިލިއަން ޑޮލަރު ޚަރަދު ވާނެއިރު، ހުރިހާ މަސައްކަތެއް ނިންނަން 10 އަހަރު ނަގާނެ ކަމަށް އެ ކުންފުނިން، ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެެއެވެ. އެ މަޝްރޫއާ ގުޅުވައި ޔާމީން މީގެ ކުރިން ވެސް ވަނީ، ސަރުކާރުން ޑީޕީ ވޯލްޑަށް ބަނދަރު ވިއްކަން އުޅޭ ކަމަށް ތުހުމަތު ކުރައްވައި، އެއީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. ގެކޮޅުގައި ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން އެ މަނިކުފާނު ރޭ ވިދާޅުވީ، ބަނދަރު ވިއްކާލާ ވާހަކަ ސަރުކާރުން ނުދެއްކި ނަމަވެސް އެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ. ޑީޕީ ވޯލްޑަކީ ޔޫއޭއީގައި މަރުކަޒުކޮށްފައިވާ ކުންފުންޏެއް ކަމަށްވާއިރު، ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގައި އަބޫދާބީގެ އިސް ބޭފުޅުންނާއި ސީދާ އެ ކުންފުނިން ވެސް އެ މަނިކުފާނުގެ އަރިހަށް އައި ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި، އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު: މި ސަރުކާރުން، ތިލަފުށީ ބަނދަރު ބޭރު ކުންފުންޏަކަށް ދޭން އުޅޭ ކަމަށް ޔާމީން ތުހުމަތު ކުރެއްވި -- ފޮޓޯ/ ރައީސް ޔާމީން އޭރު ވެސް އެ މީހުން އެދުނީ ބަނދަރު ހޯދަން ކަމަށާއި ނަމަވެސް އެކަމަށް ދެކޮޅު ހެއްދެވީ ކަމަށް ޔާމީން ވިދާޅުވިއެވެ. އެ މަނިކުފާނު ދެން ފާހަގަކުރެއްވީ، ރާއްޖެ މި އޮތް ސަރަހައްދާއި، މިހާރު މި ސަރަހައްދަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޯޓު ދަތުރުފަތުރަށް ރާއްޖޭގެ ބަނދަރު މުހިންމު ވާނެ ސަބަބެވެ. އެގޮތުން، ތޮއްޖެހި، ބާރު ބޮޑުވެފައިވާ މަލާކާ ސްޓްރެއިޓްގެ ބަދަލުގައި ބޭނުންކުރުމަށް، ތައިލެންޑުން ބޯޓު ދަތުރުތަކަށް ކެނަލްއެއް ހަދަން އުޅޭކަން ޔާމީން ފާހަގަކުރެއްވިއެވެ. އެ ކެނަލް ހެދުމުން، މުޅި މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ބަނދަރަކަށް ރާއްޖޭގެ ބަނދަރު ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މިއީ އިނގޭތޯ އަޅުގަނޑުމެންގެ ވެރިންނަށް އަންނަ މީހުންގެ އެއްވެސް ވިޝަންއެއް ނެތި ބަލައިނުލާ، ދުނިޔެއަށް އަންނަނީ ކޮން ކަހަލަ ބަދަލެއްތޯ ބަލައިނުލާ، މި ދާއިރާއަށް އަންނަނީ ކޮން ކަހަލަ ބަދަލެއްތޯ ބަލައިނުލާ، ހަމަ މިކުރާ ދިވެހި ރައްޔިތުންގެ ހަރު މުދާ ވިއްކާލަނީ، މިއީ ހަމަ ބޮޑު ޖަރީމާއެއް، މިކަން ހުއްޓުވަން ޖެހޭކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ޔާމީން ވިދާޅުވީ، ތިލަފުށީ ބަނދަރު ޑީޕީ ވޯލްޑަށް ދިނުމަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް 25 އަހަރަށް އިންޑިއާގެ ޖީއެމްއާރަށް ދިނުން ފަދަ ކަމެއް ކަމަށެވެ. އަދި އެއީ، ސިފައިންގެ ބަޑި ގުދަން ތަޅުލުމަށް ތަޅުދަނޑި ޑީޕީ ވޯލްޑަށް ދިނުމުގެ ގޮތުގައި ވެސް އެ މަނިކުފާނު ސިފަކުރެއްވިއެވެ. "މިއީ ބޮޑުބަނޑޭރިގޭ ތަޅުލާއި ތަޅުދަނޑި އެ މީހުންނަށް ދިނުން ކަހަލަ ކަމެއް ނޫންތޯ، ސިފައިންގެ އާމަރީ، އެހެންވީމަ މިއީ ގައުމީ ސަލާމަތަށްޓަކައި ސިފައިންނާއި ފުލުހުން ވެސް ވިސްނަން ޖެހޭ ކަމެއް،" ޔާމީން ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ބޭރު ބަޔަކާ ބަނދަރު ހަވާލުކުރުމުން އެ މީހުން ރާއްޖެ ގެނެސް ބޭރުކުރާ އެއްޗެއް ވެސް ދިވެހީންނަކަށް ނޭނގޭނެ ކަމަށެވެ. އަދި އެމްޕީއެލްގައި މަސައްކަތް ކުރާ އެތައް ދިވެހީންނެއްގެ ވަޒީފާ ވެސް ގެއްލޭނެ ކަމަށް ޔާމީން ލަފާކުރެއްވިއެވެ. އެއާއެކު ޔާމީން އިންޒާރު ދެއްވީ، އެ މަނިކުފާނު ވެރިކަމެއްގައި، ސަރުކާރަށް ބަނދަރު ނަގާނެ ކަމަށެވެ. އެހެންވީމަ ޑީޕީ ވޯލްޑަށް އަޅުގަނޑުމެން މި ދެނީ އިންޒާރު މި ޕޯޓާ ކައިރިވާން ނޫޅޭ! އަޅުގަނޑުމެން އެއާޕޯޓު ވެސް އަނބުރާ އަތުލީ ޖީއެމްއާރު އަތުން، އެހެންވީމަ މިކަން ކުރަން އެ މީހުން އުޅެގެން ނުވާނެ، މިއީ ދިވެހީންގެ ތަރިކަ، ދިވެހީންގެ މުދާ، މިތަނާ ދުރަށް ދާން އުޅެންވީ!ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ތިލަފުށީ ބަނދަރު ބޭރު ކުންފުންޏަކަށް ދިނުން ހުއްޓުވަން ސިފައިން ވެސް ހަރަކާތްތެރިވާން ގޮވާލައްވައި، ޔާމީން ވިދާޅުވީ، ސިފައިންނަކީ ހަމައެކަނި އުދުވާނީ ހަމަލާއަކަށް ވިސްނަން ޖެހޭ ބައެއް ނޫން ކަމަށެވެ. އެ މީހުންނަކީ ގައުމީ ސަލާމަތާއި މިނިވަންކަމާއި އިސްތިގުލާލަށް އޮތް ގެއްލުން އަބަދުވެސް ބަލަން ޖެހޭ ބަޔެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ކުންފުންޏަކަށް ދިނުމުން އެއީ ކިހާ ވަރެއްގެ ނުރައްކަލެއްކަން ސިފައިންނަށް އެނގުނު ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި މިހާރު ބޭރު ކުންފުނިން އައީ، އެ ފަހަރު 'ހިތި ބޭސް ބޮއެގެން' ތަޖުރިބާ ހޯދައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "ދެން މިތަނަށް އައިސް އެ ހުރިހާ ކަމަކަށް މި މީހުން ރައްކާތެރިވެގެން މި މީހުން ކުރާނީ. އެހެންވީމަ ސިފައިން ވެސް ތެދުވާން ޖެހޭ މިކަމުގައި، ރައީސް މުއިއްޒަށް ދަންނަވަންޖެހޭ، ރައީސް މުއިއްޒަށް މަޖުބޫރު ކުރަން ޖެހޭ، މިއީ ކުރެވިގެން ވާނެ ކަމެއް ނޫން،" ޔާމީން ވިދާޅުވިއެވެ. ވީއައިއޭ ހިންގުމަށް ޖީއެމްއާރުއާ ހަވާލުކުރީ ރައީސް ނަޝީދުގެ ސަރުކާރުގައި ނޮވެމްބަރު، 25، 2010 ގައެވެ. ނަމަވެސް އެ ސަރުކާރާ ދެކޮޅަށް ބޭއްވި މުޒާހަރާތަކެއްގައި، ސިފައިންނާއި ފުލުހުންތަކެއް ވެސް ބައިވެރިވެ އެއްވުމުން، ފެބްރުވަރީ 7، 2012ގައި ނަޝީދު އިސްތިއުފާ ދެއްވިއެވެ. އޭގެ ފަހުން ވެރިކަމާ ހަވާލުވެވަޑައިގަތީ ނަޝީދުގެ ނައިބު ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަންއެވެ. އަދި އެ މަނިކުފާނުގެ ވެރިކަމުގައި ނޮވެމްބަރު، 27، 2012 ގައި އެ އެއްބަސްވުން ބާތިލުކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ