މުބީންގެ ބަދަލުގައި ޑައިމަންޑް ޖުބިލީ ކޮމިޓީއަށް ޝަރީފް

ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމަށް އަޙްމަދު މުބީންގެ ބަދަލުގައި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ޗެެއާމަން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް އައްޔަނުކޮށްފިއެެވެ. މި ކޮމިޓީއަކީ ދިވެހިރާއްޖޭގައި ރަސްމީކޮށް ފުޓުބޯޅަ ކުޅެން ފެށިތާ 75 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް އިންތިޒާމްކޮށް ވިލަރެސްކުރުމަށްޓަކައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލި ކޮމިޓީއެކެވެ. ޑައިމަންޑް ޖުބިލީ ކޮމިޓީގެ ޗެއާޕާސަނަކީ ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކޯޗު، އަދި މިހާރު ނިއުރޭޑިއަންޓަށް އިރުޝާދުދެމުން އަންނަ ތަޖުރިބާކާރު ކޯޗު އަލީ ސުޒެއިން އެވެ. ކޮމިޓީގެ މެންބަރުންގެ ގޮތުގައި ހިމެނެނީ ކުލަބު ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު، އަބްދުލް ލަތީފް މުހައްމަދެވެ. މިއަހަރުގެ ފެބްރުއަރީ މަހާއި ޖޫން މަހުގެ ތެރޭގައި އިންވިޓޭޝަނަލް މުބާރާތްތަކެއް ރާއްޖޭގައި ބާއްވަންވެސް ވަނީ ތާވަލުކޮށްފައެވެ. މިއީ ދިވެހި ފުޓުބޯޅައަށް 75 އަހަރުފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ބައެކެވެ. ފެބްރުއަރީ މަހު ބާއްވާ މުބާރާތަކީ 19 އަހަރުން ދަށަށް ޙާއްސަކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެ މުބާރާތުގައި ބައިވެރިވާން ދައުވަތުދީފައިވަނީ މާލޭގެ ބައެއް ހައިސްކޫލްތަކަށެވެ. އެއީ ސީއެޗްއެސްއީ-މާލޭ، ސީއެޗްއެސްއީ-ހުޅުމާލޭގެ އިތުރުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ވިލާ ހައިސްކޫލަށެވެ. މީގެއިތުރުން ޖޫން މަހުގެ ތެރޭގައި ބާއްވަން ނިންމާފައި ވަނީ ބައިނަލްއަގްވާމީ އިންވިޓޭޝަނަލް މުބާރާތެކެވެ. އެ މުބާރާތުގައި ބައިވެރިވާން ދައުވަތުދޭން ނިންމާފައި ވަނީ އަވަށްޓެރި ސްރީލަންކާއަށާއި ބަންގްލަދޭޝްގެ އިތުރުން ނޭޕާލްގެ ޤައުމީ ޓީމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ