ގޮންޖެހުންތަކާ އެކު ވެސް ދަރޭގެ ފަހު ފިލްމަށް ރަނގަޅު ފެށުމެއް

މިދިޔަ ނޮވެންބަރު މަހުގެ 24 ގައި މަރުވި އިންޑިއާގެ ލެޖެންޑަރީ އެކްޓަރު ދަރުމެންދްރަ އެންމެ ފަހުން މަސައްކަތްކުރި ފިލްމު "އިއްކީސް" ރިލީޒްކުރިތާ ތިން ދުވަސްވީއިރު ފިލްމަށް ލިބެމުން އަންނަ ތަރުހީބު ރަނގަޅު ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. އެކްޓަރު އަމީތާބް ބައްޗަން އަދި ޖަޔާ ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމު ސިނަމާތަކަށް ގެނެސްދިނީ މިދިޔަ ބުރާސްފަތި ދުވަހެވެ. އާ އަހަރު ފެށުމާ ދިމާކޮށް ފިލްމު ސިނަމާތަކަށް ގެނެސްދިނީ މިދިޔަ ޑިސެންބަރު މަހު ފިލްމު ސިނަމާތަކަށް ގެންނަން ކުރިން ނިންމާފައިވަނިކޮށެވެ. ފިލްމު "އިއްކީސް" ރިލީޒްކުރި ދަނޑިވަޅަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ރަންވީރު ސިންގްގެ ފިލްމު "ދުރަންދަރު" އަދިވެސް ސިނަމާތަކުގައި ދައްކަމުން އަންނަ ދަނޑިވަޅަކަށް ވާތީ އެ ފިލްމުގެ ހިޔަނި އަގަސްތިޔާގެ ފިލްމަށް އެޅޭނެ ކަމަށް ގިނަ ބަޔަކު އުއްމީދުކުރިއެވެ. ފިލްމު "އިއްކީސް"ގެ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ ނަމަވެސް، މިހާތަނަށް ބެލުންތެރިންގެ ފަރާތުން ފިލްމަށް ލިބެމުން އަންނަ ތަރުހީބު ރަނގަޅު ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމުގެ ވިޔަފާރި މިހާރަށްވުރެ ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ބުނެފައެވެ. އަގަސްތިޔާގެ އިތުރުން އެކްޓަރު އަކްޝޭ ކުމާރަށް ބޮޑު ބޭބެ ކިޔާ ސިމަރު ބާޓިއާ ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި "އިއްކީސް"ގެ ވަރަށް ޚާއްސަ ރޯލަކުން ދަރުމެންދްރަ ވަނީ ފެނިފައެވެ. މިއީ ބެލުންތެރިންނަށް ދަރުމެންދްރަ ސްކްރީނުން ފެންނާނެ އެންމެ ފަހު ފިލްމު ކަމަށްވާތީ ފިލްމަށް އޮތް ތަރުހީބު ފެނި ދަރޭގެ އާއިލާގެ ފަރާތުން އެކްޓަރުން ކަމަށްވާ ސަނީ ޑިއޯލްއާއި ބޮބީ ޑިއޯލް ވަނީ ބެލުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ. ފިލްމު "އިއްކީސް" ރިލީޒްކުރިތާ ތިން ދުވަސްވެފައިވާއިރު މިހާތަނަށް ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 15.1 ކްރޯޑު ރުޕީސްއަށް އަރައެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް މެޑޮކް ފިލްމްސްއިން ގެނެސްދިން މި ހަނގުރާމަ މަތީ ފިލްމުގައި އަގަސްތިޔާ ކުޅެފައިވަނީ އިންޑިއާގެ ކުރީގެ އަސްކަރީ އޮފިސަރު އަރުން ކެތަރުޕަލްގެ ރޯލެވެ. ފިލްމުގައި ދަރުމެންދްރަ ކުޅެފައިވަނީ އުމުރުން 21 އަހަރުގައި ޝަހީދުވި އަސްކަރީ އޮފިސަރު އަރުންގެ ބައްޕަގެ ރޯލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ