މަދޫރޯ ހިފަހައްޓައިގެން ގެންދިޔަ މަންޒަރު ބެލީ ޓީވީ ޝޯއެއްހެން: ޓްރަމްޕް

އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯއާއި އަނބިކަނބަލުން ސިލިއާ ފްލޮރެސް ރޭގަނޑު ދަންވަރު ހިފަހައްޓައި، ގެންދިޔަ މަންޒަރު ބެލީ ޓީވީ ޝޯއެއް ބަލާ ފަދައިން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އޭނާގެ ޓީމުން ވަނީ ތައުރީފް ހައްގު މަސައްކަތެއް ކޮށްފައި ކަމަށެވެ. އަދި އެފަދަ ކަމެއް ކުރެވޭނެ ގައުމެއް މުޅި ދުނިޔޭގައި ވެސް އެމެރިކާ ނޫނީ ނެތް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ސީއެންއެންއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މަދޫރޯއާއި އަނބިކަނބަލުން ހިފަހައްޓާފައި ވަނީ އެމީހުންގެ ނިދާ ކޮޓަރީގައި ތިއްބައެވެ. މަދޫރޯ އަތުލައިގަތުމަށްފަހު ވެނެޒުއެލާއަށް ދެން ހަދާނެ ގޮތެއް ނިންމަމުން އަންނަ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ (ކ) އާއި އަނބިކަނބަލުން ސިލިއާ ފްލޮރެސް (ވ). ފޮޓޯ/ ރޮއިޓާސް ޓްރަމްޕް ވިދާޅުވި ގޮތުގައި ވެނެޒުއެލާގެ ތެލުގެ ސިނާއަތުގައި އެމެރިކާ ވަރަށް ވަރުގަދައަށް ބައިވެރިވާނެއެވެ. އަދި އެމެރިކާ އަތުގައި ދުނިޔޭގައި ހުރި އެންމެ ބޮޑު ތެޔޮ ކުންފުނިތައް އެބަހުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މަދޫރޯއާއި އަނބިކަނބަލުން ހެލޮކޮޕްޓަރާއި ކަނޑު ބޯޓުން އެމެރިކާގެ ނިއު ޔޯކު ސިޓީއަށް ގެންދާ ކަމަށާއި އެމީހުންގެ މައްޗަށް ނިއުޔޯކުގައި ދައުވާކޮށްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. "އެމީހުން ވަނީ ވަރަށް ގިނަ އެމެރިކާ މީހުންނާއި އަމިއްލަ ގައުމުގެ މީހުންވެސް މަރާފައި،" ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާއިން ހަމަލާ ދީފައި ވަނީ ވެނެޒުއޭލާއަށް ތަކުރާރުކޮށް އިންޒާރު ދިނުމަށްފަހުއެވެ. އިންޒާރުދީފައި ވަނީ ވެނެޒުއޭލާއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގޭންގު މެންބަރުން އެމެރިކާއަށް ފޮނުވާ ކަމަށް ތުހުމަތު ކުރައްވައެވެ. އަދި އެކަމުގައި މަދޫރޯ ޝާމިލުވާ ކަމަށް ޓްރަމްޕް ތުހުމަތުކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ