ބޭންކަށް ގެއްލުން ލިބޭ ގޮތަށް ބަޔަކު ދޮގު ފަތުރާ ކަމަށް ބުނެ ކޯޓަށް ދާނެކަމުގެ އިންޒާރު ބީއެމްއެލް އިން ދީފި ބޭންކަށް ގެއްލުން ލިބޭ ގޮތަށް ބަޔަކު ދޮގު ފަތުރާ ކަމަށް ބުނެ ކޯޓަށް ދާނެކަމުގެ އިންޒާރު ބީއެމްއެލް އިން ދީފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރާ ފަރާތްތަަކާ ދެކޮޅަށް ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ދައުވާ ކުރާނެ ކަމުގެ އިންޒާރު އެ ބޭންކުން ދީފި އެވެ.
ބޭންކުން މިހެން ބުނީ އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިންނާއި ރާއްޖެއިން ބޭރުން މުދާ ގެންނަ މީހުންނަށް ބޭރުގެ ބައެއް ތަންތަނަށް ޓީޓީ ހެދުމުގައި ދަތިތަކެއް އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
މިކަމާ ގުޅިގެން މި ނޫހުން އިއްޔެ ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދުއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ ދުނިޔެ މިހާރު ކުރިމަތިލާފައިވާ މިފަދަ ހައްސާސް ދަނޑިވަޅެއްގައި، އާންމުންނާއި ބޭންކުގެ ކަސްޓަމަރުންގެ މެދުގައި ބޭންކާމެދު ނުބައި ތަސައްވުރެއް އުފައްދައި އިތުބާރު ގެއްލޭ ގޮތަށް ދޮގު މައުލޫމާތު ފެތުރުން ކުށްވެރިކުރާ ކަމަށެވެ.
"މިގޮތަށް ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާމެދު ދައުވާކޮށް، ގެއްލުމުގެ ބަދަލު ހޯދުމަށް މި ބޭންކުން މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން،" ސައީދު ވިދާޅުވި އެވެ.
މިހާރު ވެސް ކްރޮސް ބޯޑާ ޕޭމަންޓްސް (ކާޑުގެ ހިދުމަތާއި ޓީޓީގެ ހިދުމަތް ވެސް ހިމެނޭހެން) އެ ބޭންކުން ފޯރުކޮށްދެމުންދާ ކަމަށް ސައީދު ވިދާޅުވި އެވެ.
"ނޮސްޓްރޯ އެކައުންޓްގައި ފައިސާ ނުހުންނަ ނަމަ ކާޑުގެ ހިދުމަތް ހިމެނޭހެން އެއްވެސް ހިދުމަތެއް ބޭންކަށް ނުދެވޭނެ. އެހެން ނަމަވެސް ކުރިން ދެންނެވިހެން ބޭންކުގެ ހުރިހާ ކްރޮސްބޯޑާ ހިދުމަތްތައް މިދަނީ ފުރިހަމަކުރެވެމުން،" ސައީދު ލިޔުމުން ދެއްވި ޖަވާބުގައި ވިދާޅުވި އެވެ.
ބޭންކުން މިހެން ބުނެފައިވާއިރު ސޯޝަލް މީޑިއާގައި ވެސް އެ ބޭންކާ ގުޅޭގޮތުން އަންނަނީ ބައެއް ވާހަކަތައް ދައުރުވަމުންނެވެ. ނަމަވެސް އެ ވާހަކަތަކާ ގުޅޭ އެއްވެސް ކަމެއް މިހާތަނަށް ކަށަވަރުކުރެވިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ