ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ނެގުން ހުއްޓުވޭނެ ސަބަބެއް ނެތްކަމަށް ރާއްޖޭގެ އެންމެ މަތީ ކޯޓް، ސްޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ސްޕްރީމް ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ، ރެފަރެންޑަމް ހުއްޓުވުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ހުކުމްގައެވެ. މި މައްސަލަ ސްޕްރީމްކޯޓަށް ހުށަހަޅާފައިވަނީ، ގާނޫނީވަކީލުން ކަމަށްވާ އިބްރާހިމް ޝިޔާމް އާއި އައިކު އަހުމަދު އީސާ އެވެ. މި މައްސަލާގައި މިއަދު ސްޕްރީމް ކޯޓުން ބުނީ، ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސުވާލު އިބާރާތްކުރަން ވަކިގޮތަކަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ނުވާކަމަށެވެ. އެހެންކަމުން ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވެން ނެތްކަމަށް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.
ފެންނަ ނުފެންނަ ވޯޓަށް އަހަން ޖެހޭނީ ގާނޫނުއަސާސީއަށް އެ އިސްލާހެއް ގެނައުމަށް ރުހޭތޯ އާއި، އެ އިސްލާހުގެ ސަބަބުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުވެގެންދާތީ އެކަމަށް ރައްޔިތުން ރުހޭތޯ ކަމަށެވެ.
ނަމަވެސް، ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެރެފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނުގައި އޮތް ސުވާލުގައި އެބައި ހިމެނިފައި ނުވާ ކަމަށާ، އެ ސުވާލު ފަރުމާކޮށްފައިވަނީ ގާނޫނުއަސާސިއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާ ވެގެންދާނޭ ގޮތަށް ކަމަށް މައްސަލާގައި ބުނެފައިވެއެވެ.
ސްޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި ހިމެނި ވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދެވެ. މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގެންނެވީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންއެވެ.
ރެފަރެންޑަމް ހުއްޓުވޭނެ ޤާނޫނީ ސަބަބެއްނެތް: ސްޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ