ޑިމޮކްރެސީގެ ރިވެތި ނަމުގައި ވެރިކަމަށް ވަޑައިގެން، ދައުލަތުގެ އެންމެހައި ބާރުތައް އެންމެ މީހެއްގެ މުށުތެރެއަށް ޖަމާކުރަމުންދާ ދިއުމަކީ ތާރީހުގައި ހިނގާފައިވާ ހުދުމުހުތާރު ވެރިކަންތަކުގެ ހަނދާންތައް އާކޮށްދޭ ކަމެކެވެ. މިއީ އެފަދަ ވެރިއެއްގެ 'ހިކުމަތްތެރިކަމަށް' ތައުރީފުކޮށް ބޯޖަހާ މީހުންނަށް ގަބޫލުކުރަން އުނދަގޫވި ވިޔަސް، ރައީސް މުއިއްޒުގެ ވެރިކަމުން ފެންނާން އޮތް ބިރުވެރި ހަގީގަތެވެ. ނިމިގެން މިދާ އަހަރަކީ މުއިއްޒު ހުދުމުހުތާރު އުސޫލުތައް ގިޔަރަކަށް ފަހު ގިޔަރެއް މަތިކުރަމުން ގޮސް، ވަރަށް ފުރިހަމަ އަށް އެކަން ފެނިގެން ދިޔަ އަހަރެކެވެ.
ޖުމްހޫރީ ވެރިކަމެއްގެ އެންމެ އަސާސީ ސިފައަކީ ރައްޔިތުން އިންތިހާބު ކުރާ ވެރިއަކު ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންނަށްޓަކައި ވެރިކަން ކޮށްދިނުމެވެ. ގާނޫނުއަސާސީގެ ހަތަރެއް، ފަހެއް، ހައެއް އަދި ހަތް ވަނަ މާއްދާގައި ހުދާއި ކަޅުން މައް ދިވެހި ބަހުން އެ ވާހަކަ ލިޔެފައި އޮވެ އެވެ.
ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ އިތުރުން ވެރިކަން ކުރުމުގެ ބާރު އޮންނަނީ މުޅީން ވަކީންނެވެ. އެއީ މަޖިލީހާއި ޝަރުއީ ކޯޓުތަކާއި ރައީސުލްޖުމްހޫރިއްޔާ އެވެ. އެ ހުރިހާ ބާރެއް ވެސް ފެށިގެން އަންނަނީ އަދި ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ބަޔާން ކޮށްފައި އޮންނަނީ ގާނޫނުއަސަސީގެ ހަތަރުވަނަ މާއްދާގަ އެވެ. އެހެންކަމުން، މި ރާއްޖޭގެ ވެރިކަމުގެ ހަގީގީ ވެރީންނަކީ ރައްޔިތުން ކަމާމެދު ސުވާލެއް އުފެއްދުމުގެ ޖާގައެއް ނުވެސް ނެތެވެ.
ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު މިހައި ފުރިހަމައަށް ތަރުތީބުކޮށް ލިޔެފައި އޮތް ނަމަވެސް މި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ޖުމްހޫރިއްޔަތުގެ އަސާސްތަކާ ނުކިއްސަރު އެތައް ކަމެއް ހިނގައިފި އެވެ. ވެރިކަން ކުރުމުގެ އެންމެހައި ބާރުތައް އެއް މޭޒެއްގެ ދަށުގައި ތަގުޅިވެ ބާރުވެއްޖެ އެވެ.
މިފަދަ ވެރިކަންތަކާއި އޭގެ ނަތީޖާ އާމެދު ފިކުރު ހިންގައިގެން މެނުއީ ފެށުމުގައި އެ އޮތް ބަހުސަށް ނިމުމެއް ނާންނާނެ އެވެ.
ހުދުމުހުތާރު ވެރިން ނުވަތަ ޑިކްޓޭޓާ، މި ލަފުޒުގެ އަސްލު އައިސްފައި ވަނީ ލެޓިން ބަހުންނެވެ. ޑިކްޓޭޓާގެ އަސްލަކީ ޑިކްޓާރޭ އެވެ. މާނައަކީ އަމުރު ކުރުމެވެ.
ޑިކްޓޭޓަރު، މި ލަފުޒަކީ މިހާރު މި ބޭނުން ކުރެވޭ މާނައިގައި އިހުގައި ބޭނުން ކުރެވުނު ލަފުޒެއް ނޫނެވެ. ޑިކްޓޭޓަރުންނަކީ ކުއްލި ހާލަތްތަކުގައި ދާހިލީ އަދި އަސްކަރީ ޒިންމާތައް މަތިކޮށް އިހުގެ ރޯމަން ދައުލަތުގެ ސެނެޓުން ހަ މަހުގެ މުއްދަތަކަށް ބޭފުޅަކު އައްޔަނުކުރާ މަގާމަކަށް ކިޔާ ނަމެކެވެ.
އެ ލަފުޒުގެ މާނަ، މިހާރު މި ބޭނުންކުރާ ގޮތަށް ބަދަލުވެގެން އައީ ރޯމަނުންގެ ވެރިކަން ކުރެއްވި ކޯނެލިއަސް ސުލާ އަދި ޖޫލިއާ ސީޒާ ފަދަ ބޭބޭފުޅުންނަށް ފަހު އެވެ. ރޯމަނުންގެ ގާނޫނީ އިމުގެ ތެރެއިން ވަކި މުއްދަތަކަށް ދިން ބާރު، ދަންމާލައި މަވެތި ވެރިކަމެއް އެ ބޭފުޅުން ގާއިމު ކުރުމާ ހަމައިންނެވެ.
މަވެތި ސިޔާސަތުތަކުގެ މައްޗަށް ވެރިކަން ކުރާ ހުދުމުހުތާރު ވެރިންނަށް ނިސްބަތްކޮށް، މި ޒަމާނުގައި މި ބޭނުންކުރާ މާނައިގައި ޑިކްޓޭޓަރުންނޭ ކިޔެނީ އެފަދަ ކޮންމެ ވެރިކަމެއްގައި ވެސް އެއްގޮތް ސިފަތަކެއް އެކުލެވިގެން ވާތީ އެވެ.
ދުނިޔެ ދުށް ހުދުމުހުތާރު ކޮންމެ ވެރިއަކު ވެސް ބޭނުންކުރެއްވީ އެއް އުކުޅުތަކެކެވެ. ފުރަތަމަ ހޯއްދަވަނީ މަގުބޫލުކަމެވެ. އެއަށްފަހު ބާރުވެރިކަމެވެ. ރައްޔިތުން އަޅުވެތި ކުރަނީ އެންމެ ފަހުންނެވެ.
ނަވާރަސަތޭކައިގެ ކުރީކޮޅު ދުނިޔޭގެ އެކި ކަންކޮޅުގައި ވެރިކަން ކުރެއްވި ހުދުމުހުތާރު ވެރިންގެ ތާރީހަށް ބަލައިލުމުން މި ދެންނެވި ހަގީގަތް ސާފުވާނެ އެވެ.
އެޑޯލްފް ހިޓްލަރު
ޖަރުމަނުގެ ވެރިކަން ކުރެއްވި އެޑޯލްފް ހިޓްލަރު އެ ގައުމުގެ ރައްޔިތުންގެ މަގުބޫލުކަން ހޯއްދެވީ 1920 ވަނަ އަހަރު މުޅި ދުނިޔެ ކުރިމަތިލާން ޖެހުނު ގްރޭޓް ޑިޕްރެޝަންގެ ދުވަސްވަރު އެވެ.
ދުނިޔޭގެ އިގުތިސާދީ ހީނަރުކަމުގެ ސަބަބުން ޖަރުމަނުގެ އިގުތިސާދާއި ސިޔާސީ ހާލަތު ގޯސްވުމުގެ ފައިދާ ނަގައި އެކަމާ ނުރުހިފައި ތިބި ރައްޔިތުންގެ މަގުބޫލުކަން އޭނާ ހޯއްދެވީ ގައުމަށް ހައްލު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިގެންނެވެ.
އެ މަގުބޫލު ކަމާއެކު، 1932 ވަނަ އަހަރު އެ ގައުމުގައި އޮތް އިންތިހާބުގައި ހިޓްލަރުގެ ނާޒީ ޕާޓީން ރައިކްސްޓާގް (ޖަރުމަނުގެ ގާނޫނު ހަދާ މަޖިލިސް) ގެ މެޖޯރިޓީ ހޯދި އެވެ. ޖެހިގެން އައި އަހަރު، ޖަރުމަނުގެ ޗާންސެލަރުކަމަށް ހިޓްލަރު އައްޔަނުކުރެވުނެވެ.
ވެރިކަމަށް އައުމުގެ ކުރިން ދެއްކެވި ވާހަކަތައް އެއީ ބިލާހެއްކަން ސާބިތު ވާން ފެށީ އެއަށްފަހު އެވެ.
ކަންކަން ބަދަލުވެގެން ދިޔައީ 1933 ވަނަ އަހަރު ރައިކްސްޓާގް އުވައިލުމަށްފަހު އައު އިންތިހާބު ބޭއްވުމުގެ ކުރިން އެ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ހިސާބުންނެވެ.
އެއީ ޖަރުމަނުގެ ވެރިކަން ބަދަލު ކުރުމަށް ކޮމިއުނިސްޓުން ކުރި ކަމެއް ކަމަށް ބުނެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އާންމު ރައްޔިތުންގެ ކިބައިން ހިޓްލަރު ނިގުޅައިގަތެވެ. އެއަށްފަހު ވާދަވެރި ސިޔާސީ މީހުން ހައްޔަރުކޮށް ބަންދުކުރި އެވެ. އޭގެ ތެރޭގައި ރައިކްސްޓާގްގެ މެންބަރުން ވެސް ހިމެނުނެވެ.
ހިޓްލަރުގެ ހުދުހުމުހުތާރުކަމުގެ ހުވަފެނުގައި ކުލަ ޖައްސަން އޭނާ ބޭނުންކުރީ، ރައިކްސްޓާގްގެ ރުހުމެއް، ރައީސްގެ ބަހެއް ނެތި ގާނޫނު ހެދުމުގެ ބާރު އޭނާގެ އަތަށް ނެގި، އެނޭބްލިން އެކްޓެކެވެ. އެކަން އޭނާ ކުރީ ގާނޫނަށް ބަދަލު ގެނެސްގެންނެވެ.
އެ ގާނޫނުގެ ބާރުގައި ޖަރުމަނުގައި ސިޔާސީ ޕާޓީ ހިންގުން އޭނާ މަނާކުރި އެވެ. ރައީސްކަމުގައި ހުންނެވި ވޮން ހިންޑެންބާގް އަވަހާރަވުމާއެކު، ޗާންސެލަރުގެ ބާރުތަކާއި ރައީސްގެ ބާރުތައް އެއްކޮށްލައި، ފިއުރާގެ ނަމުގައި ވެރިކަން ކުރާން ފެށި އެވެ. ޖަރުމަނުގެ މިނިވަން މީޑިއާ ކަފުންކޮށް ވަޅުލި އެވެ. އެ ގައުމުގެ ޑިމޮކްރެޓިކް ހަމަތައް އުވި، ނެތި ހިޓްލަރުގެ ހުދުމުހުތާރު ވެރިކަން ފެށިގެން ދިޔައީ އެހައި ހިސާބުންނެވެ.
ބަނީޓޯ މުސުލީނީ
އިޓަލީގެ ވެރިކަން ކުރެއްވި ފޭޝިޒަމްގެ ބައްޕަ، ބަނީޓޯ މުސުލީނީ އެ ގައުމުގެ ރައްޔިތުންގެ މަގުބޫލުކަން ހޯއްދެވީ ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު އިޓަލީގައި އުފެދުނު އިގުތިސާދީ ދަތިކަމާއި ސިޔާސީ ހަލަބޮލިކަމުގެ ދުވަސްވަރު އެވެ.
އިޓަލީގެ އިގުތިސާދީ ދަތިކަމާއި ސިޔާސީ ހަލަބޮލިކަމުގެ ފައިދާ ނަގައި އެ ގައުމަށް ބޭނުންވާ ހައްލަކީ މުސުލީނީ ކަމަށް އޭނާ ދައްކުވައިދިނެވެ. އޭނާއަށް ތާއީދުކުރާ މީހުންގެ އެހީތެރިކަމާއެކު އިޓަލީގެ ބޮޑު ބައެއްގެ ކޮންޓްރޯލް އެނާ ނެގީ ބިރުވެރިކަމާއި ހަމަނުޖެހުންތަކުގެ ތެރެއިންނެވެ.
އިޓަލީގެ އޭރުގެ ރަސްގެފާނު، ވިކްޓާ އެމެނުއެލް ތިނެއް މުސުލީނީއަށް ބޮޑުވަޒީރުކަން ދެއްވީ އޭނާއަށް ތާއީދުކުރާ އެތައް ހާސް މީހުން "މާޗް އިން ރޯމް" ގެ ނަމުގައި ރޯމްއަށް އެއްވެ އެކަމަށް ޑިމާންޑު ކުރާން ފެށުމުންނެވެ.
ބޮޑުވަޒީރުކަމުގެ މަގާމަށް އައުމަށްފަހު މުސުލީނީ އަމާޒު ހިފީ އިޓަލީގެ ވެރިކަމުގައި ހުރި ލިބަރަލް ސިފަތައް އެއްކޮށް ނައްތާލައި ފޭޝިސްޓު ދައުލަތެއް ގާއިމު ކުރުމަށެވެ. އެކަން ކުރުމަށްޓަކައި އެ ގައުމުގެ ގާނޫނުތަކަށް ސިލްސިލާ ގޮތެއްގައި ބޮޑެތި ބަދަލުތަކެއް އެނާ ގެންނެވި އެވެ.
އެ ބަދަލުތަކާއެކު މަޖިލީހުގެ ބާރު ކަނޑުވާލައި ގާނޫނު ހެދުމުގެ ބާރު އަމިއްލަ އަތްޕުޅަށް ނެންގެވުމާއި އިދިކޮޅު ސިޔާސީ ހަރަކާތްތަކާއި ޕާޓީތައް ހިންގުން މަނާކުރުމުގެ އިތުރުން ސެންސަރު ކުރުމުގެ ނަމުގައި މިނިވަން މީޑިއާތައް އެއްކޮށް މުސޮލީނީ ނައްތައިލެއްވި އެވެ. އަދި އިންތިހާބީ މޭޔަރުންގެ މަގާމުތައް އުވާލައި ޕޯޑެސްޓާގެ ނަމުގައި އައްޔަނުކުރާ މަގާމުތަކެއް އޭނާ އުފެއްދެވި އެވެ.
އީލް ޑޫޗޭގެ ނަމުގައި ފުރިހަމަ އާރާއި ބާރުގައި ޓޯޓަލިޓޭރިއަން ވެރިކަމެއް މުސުލީނީ ކުރައްވަން ފެށްޓެވީ އެހައިހިސާބުންނެވެ.
މާއޯ ޒެޑޮންގް
މާއޯ ޒެޑޮންގް ޗައިނާ ރައްޔިތުންގެ މަގުބޫލުކަން ހޯއްދެވީ 1920 ވަނަ އަހަރު ކުރިމަތިވި ގްރޭޓް ޑިޕްރެޝަން ދުވަސްވަރުން ފެށިގެެން އެ ގައުމުގެ އާންމު ހާލަތު ގޯސްވެ ސިޔާސީ ނުތަނަވަސްކަން އޮތް ދަނޑިވަޅުގެ ފައިދާ ނަންގަވައިގެންނެވެ.
ޗައިނާގެ ވެރިކަމަށް އައުމުގެ ފުރުސަތު މާއޯ އަށް ފަހިވީ އެ ގައުމުގައި ހިނގަމުންދިޔަ ދާހިލީ ހަނގުރާމައިގައި މިލިއަނަކަށްވުރެ ގިނަ ސިފައިންނާއެކު ނެޝަނަލިސްޓުންގެ ފައުޖުތަކުން ޖީއަންގްޝީ ޕްރޮވިންސް ވަށައިލުމުން ހަނގުރާމަ ކުރުމުގެ ބަދަލުގައި ރެޑް އާމީ އިން ލޯންގް މާޗްގެ ނަމުގައި އެއް އަހަރު ދުވަހު ފައިމަގުގައި ކުރި ދަތުރަށްފަހު އެވެ.
ޖުމުލަ 368 ދުވަސް ތެރޭގައި 6000 އަށްވުރެ ގިނަ މޭލު ދުރަށް ފައިމަގުގައި ކުރި އެ މާޗަށްފަހު ކޮމިއުނިސްޓް ޕާޓީގައި އޭނާގެ މަގުބޫލުކަން އިތުރުވެ ލީޑަޝިޕުން ޖާގަ ލިބުނެވެ.
އެއަށްފަހު ދެވަނަ ބޮޑު ހަނގުރާމައިގައި ޖަޕާނުގެ ލަޝްކަރުތަކާ ދެކޮޅަށް ނެޝަނަލިސްޓުންނާ އެއްބައިވެ ޔުނައިޓެޑް ފްރަންޓެއް އުފައްދައިގެން ކޮމިއުނިސްޓުން ކުރި ހަނގުރާމައިގައި ކާމިޔާބު ހޯދި އެވެ. އެ ކާމިޔާބަށްފަހު ދާހިލީ ހަނގުރާމަ އަލުން ފަށައި ނެޝަނަލިސްޓުންގެ މައްޗަށް މާއޯ ލީޑުކުރަމުންދިޔަ ޕީޕަލްސް ލިބަރޭޝަން އާމީ އިން 1949 ވަނަ އަހަރު ކާމިޔާބު ހޯދި އެވެ. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފަންކޮށް އެ ދައުލަތުގެ ވެރިކަމަށް މާއޯ އައީ އެ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
ވެރިކަމަށް އައުމަށްފަހު އަމިއްލަ އަތަށް ހުރިހާ ބާރެއް ނެންގެވުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެކި ސިފަސިފައިގައި މާއޯ ކުރެއްވި އެވެ.
އެގޮތުން އެންމެ ފުރަތަަމަ ވެސް މާއޯ ކުރެއްވި ކަމަކީ ނޫސްތައް ކޮންޓްރޯލް ކުރެއްވުމެވެ. ބައެއް ނޫސްތައް ބަންދުކުރިއިރު، ބަންދުނުކޮށް ތިބި ނޫސްތައް ކޮމިއުނިސްޓުންގެ ފިކުރަށް ދީލައިލި އެވެ. އަދި، ބައެއް ނޫސްވެރިންނަށް އަލުން ނޫސްވެރިކަން ކިޔަވައިދިނުމުގެ ނަމުގައި ސެންސާޝިޕް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔަ އެވެ.
އޭގެފަހުން 1951 ވަނަ އަހަރު ކޮރަޕްޝަނާއި އިސްރާފުކުރުމާއި ބިއުރޮކްރެސީއާ ދެކޮޅަށް ކަމަށް ބުނެ އަމިއްލަ ޕާޓީ ތެރޭގައި ބޮޑު ކެމްޕޭނެއް ހިންގައި އޭނާއާ ވާދަވެރި އެތައް ބައެއްގެ ބާރު ކަނޑުވައިލި އެވެ. ޖެހިގެން އައި އަހަރު ދައުލަތުން ވައްކަން ކުރުމާއި ޓެކްސްއަށް މަކަރު ހެދުމާއި ރިޝްވަތު ދިނުން ފަދަ ކަންކަމާ ދެކޮޅަށް ކަމަށް ބުނެ ބޮޑު ކެމްޕޭނެއް ހިންގައި އާންމުންގެ ތެރެއިން އެތައް ބަޔަކަށް އަދަބު ދިނެވެ.
އެ ކެމްޕޭނުތަކުގެ ސަބަބުން މާއޯގެ ބާރު އިންތިހާއަށް ގަދަވެފައި ވަނިކޮށް އޭނާގެ ސިޔާސަތުތަކަށް ފާޑުކިޔައި ނުރަނގަޅު ކަންކަމާމެދު އާންމުންގެ ހިޔާލު ހޯދުމަށްޓަކައި "ދަ ހަންޑްރެޑް ފްލާވާސް ކެމްޕޭން" ގެ ނަމުގައި ބޮޑު ކެމްޕޭނެއް ސަރުކާރުން ކުރިއަށް ގެންދިޔަ އެވެ. ޑިމޮކްރެސީގެ ރިވެތި ނަމޫނާއެއްގެ ގޮތުގައި ފެނިގެންދިޔަ އެ ކެމްޕޭނުގެ ނަތީޖާ ނުކުތީ ވަރަށް ހިތި ކޮށެވެ.
އެ ކެމްޕޭނުގައި މާއޯގެ ސިޔާސަތުތަކަށް ފާޑުކިޔައި ހެދި އާންމުންނަށާއި ކޮމިއުނިސްޓު ޕާޓީގެ މެންބަރުންނަށް އަނިޔާކޮށް ޕާޓީގެ ތެރެއިން އެ މީހުން އެހެލީ އެންޓި ރައިޓިސްޓް މޫވްމެންޓުގެ ނަމުގައި 1956 އިން 1957 ވަނަ އަހަރާ ދެމެދު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގަ އެވެ.
އޭގެފަހުން މާއޯގެ ބާރު ދެމެހެއްޓުމަށްޓަކައި ޕާޓީ ތެރޭގައި ތިބި އޭނާއާ ދެކޮޅު ފަރާތްތަކާއި ޗައިނާގެ ގަދީމީ، ސަގާފީ އަދި ދީނީ ކަންކަން ނައްތައިލުމަށްޓަކައި "ކަލްޗަރަލް ރީފޯމް" ގެ ނަމުގައި ބޮޑު ކެމްޕޭނެއް 1966 ވަނަ އަހަރުން ފެށިގެން 1976 ގައި މާއޯ އަވަހާރަވުމާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ. އެ ކެމްޕޭނުގައި އެތައް މިލިއަން ބަޔަކަށް އަނިޔާކޮށް އޭގެ ތެރެއިން ބަޔަކު މަރައި ވެސް ލި އެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ދިވެހީންގެ މަގުބޫލުކަން ހޯއްދެވީ މައިގަނޑު ދެ ތަސްވީރެއް ދައްކަވައިގެންނެވެ.
ކެމްޕޭނު ޕޯޑިއަމްތަކުގައި އެމަނިކުފާނު ވާހަކަދެއްވިއިރު، ސިފަކޮށްދެއްވި އެއް ތަސްވީރަކީ އޭރު ރާއްޖެ އޮތް ގޮތް ކަމަށް ބުނާ ތަސްވީރެކެވެ. އެއީ އިންޑިއާގެ "އަޅުވެތިކަމުގައި" އޮތް މިނިވަން ފަނޑިޔާރުގެއެއް ނެތް ރާއްޖެ އެކެވެ. އެ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި ވެސް ތިއްބެވީ ވަކި ގައުމަކުން ކޮންޓްރޯލް ކުރާ މެންބަރުންތަކެއް ކަމަށް މުއިއްޒު ތުހުމަތު ކުރެއްވި އެވެ.
އެއަށްފަހު ދެން އެމަނިކުފާނު ސިފަކޮށްދެއްވީ "ދިވެހީންގެ ރާއްޖެ" އޮންނާނެ ގޮތުގެ މަންޒަރެކެވެ. އެއީ ޝަރުއީ ކޯޓުތަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ރާއްޖެ އެކެވެ. އެއްވެސް ގައުމެއްގެ ނުފޫޒެއް ނެތި ހިންގާ ވެރިކަމެއް އޮންނަ ރާއްޖެ އެކެވެ. މިނިވަންކަމާއެކު ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރާ މަޖިލިސް މެންބަރުންތަކެއް ތިއްބެވި ރާއްޖެ އެކެވެ.
ދިވެހީންގެ ހިތްތައް މުއިއްޒު އަތުލެއްވީ އޭރުގެ ބިރުވެރިކަމާއި ލިބެން އޮތް އުފާވެރިކަމެއް ރައްޔިތުންނަށް ދައްކަވައިގެންނެވެ. ސިޔާސީ ބާރުވެރިކަން މުއިއްޒު ހޯއްދެވީ އެމަނިކުފާނަކީ ޑިމޮކްރެސީގެ ޗެމްޕިއަނެއްކަމަށް ދިވެހީންނަށް ވިސްނައިދެއްވައިގެންނެވެ.
އެހެންނަމަވެސް، ވެރިކަމަށް ވަޑައިގެންނެވިތާ ދެ އަހަރު ފާއިތުވީއިރު، އެ މަންޒަރު މުޅީން ބަދަލުވެއްޖެ އެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު އެމަނިކުފާނު ވެސް ހިންގަވަމުން ގެންދަވަނީ ދުނިޔެ ދުށް ހުދުމުހުތާރު ވެރިން ގެންގުޅުއްވި އަތްމަތީ ފޮތުގައި އޮތް ގޮތަށެވެ. ހިޓްލަރާއި މުސުލީނީގެ އިތުރުން މާއޯ ޒެޑޮންގް އެކޭ އެއްގޮތަށް މި ފާއިތުވި ދެ އަހަރު މުއިއްޒުގެ އެޖެންޑާ ނަންބަރު އެކެއްގައި އޮތީ ބާރުތައް މުށުތެރެއަށް ލައްވައި ފުރިހަމަ ބާރުވެރިކަން ހޯއްދެވުމެވެ.
ދިވެހިރާއްޖޭގެ ގާނޫނު ހެދުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ގާނޫނުއަަސާސީގެ ފަސްވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައި އޮވެ އެވެ.
ވެރިކަން ކުރުމުގެ ބާރު ނުވަތަ ސަރުކާރު ޒިންމާދާރު ކުރުވުމަކީ ގާނޫނު ހަދާ މަޖިލީހުގެ ވާޖިބެކެވެ. އަދި، ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމާއި ރައްޔިތުންނަށް އެންމެ މޮޅުވާނެ ގޮތަށް ގާނޫނުތައް ފަރުމާ ކުރުމަކީ ވެސް އެ މަޖިލީހުގެ ޒިންމާއެކެވެ.
އެ ކަންކަން އެގޮތަށް ކުރެވޭނީ ގާނޫނު ހަދާ މަޖިލީހަކީ މިނިވަން ތަނެއްގެ ގޮތުގައި އޮވެގެންނެވެ.
އެހެންމަވެސް، މުއިއްޒު ވަނީ އެ މިނިވަންކަން މަޖިލިސް މެންބަރުންގެ ކިބައިން ނިގުޅައިގަނެ، ގާނޫނު ހެދުމުގެ ބާރު ނޮވެމްބަރު 20، 2024، ގައި އަޅުވެތިކޮށްފަ އެވެ.
ގާނޫނު ހެދުމުގެ ބާރުގައި މުއިއްޒު ކަސްދޮޅު ޖެއްސެވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާ ބަދަލުކޮށްގެންނެވެ.
ސަރުކާރުން ހުށަހަޅައިގެން ގެނައި އެ ބަދަލުގައި ވާގޮތުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ފުރިހަމަ ބާރު ސިޔާސީ ޕާޓީތަކަށް ލިބެ އެވެ. މާނައަކީ މަޖިލީހުގައި ތިއްބެވި 75 މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު މުއިއްޒުއަށް ލިބިވަޑައިގަތުމެވެ. ހަމައެކަނި މުއިއްޒު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކީ އެމަނިކުފާނުގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރެއް ޕާޓީން ވަކިކުރުމެވެ.
ގާނޫނުއަސާސީއަށް ގެނައި މި ބަދަލާއެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ މުއިއްޒުއަށް އަޅުވެތިވެއްޖެ އެވެ. އެ ބަދަލަށްފަހު މިއަދާ ހަމައަށް ވެސް ސަރުކާރުން މަޖިލީހަށް ފޮނުވި ބިލަކާ ދެކޮޅަށް ބަހެއް ބުނެލަން ކެރުނު ޕީއެންސީގެ މެންބަރެއް ނެތެވެ. ސީދާ ރައްޔިތުންނާ ގުޅުންހުރި ބޮޑެތި ނިންމުންތައް ވެސް މަޖިލީހުން ފާސްކޮށްފައި ވަނީ އެ ދުވަހެއްގައި މަޖިލީހަށް ހާޒިރުވެވަޑައިގަންނަވާ ޕީއެންސީި މެންބަރުންގެ އިއްތިފާގުންނެވެ.
ދައުލަތުގެ ތިން ބާރުގެ ތެރެއިން ދެ ބާރު މުއިއްޒުގެ ސީދާ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމުން، އެކަމަށް އިންސާފެއް ހޯދުމަށްޓަކައި ނޮވެމްބަރު 24، 2024 ގައި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، އަލީ ހުސެއިން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ.
އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު، ގާނޫނުއަސާސީގެ އަސާސްތަކާ ހިލާފު ކަމަށެވެ.
އެހެންކަމުން އެ އިސްލާހަކީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު އިސްލާހެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެ އިސްލާހަށް އަމަލުކުރެވޭ މުއްދަތުގައި ވެސް، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ހިނގާނެ އިސްލާހެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް އޭނާ ހުށަހެޅުއްވި މައްސަލައިގައި އެދިފައިވެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާއެކު ދައުލަތުން ވަކާލާތު ކުރީ ގާނޫނުއަސާސީއަށް ގެންނަ ބަދަލެއްގެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އެވެ. ނަމަވެސް، ފެބްރުއަރީ 18، 2025 ގައި ސުޕްރީމް ކޯޓުން ކަނޑައެޅީ ގާނޫނުއަސާސީއަށް ބަދަލުގެނައި މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން އެ ނިންމުން ނިންމުމާއެކު ސަރުކާރުން ކުއްލިއަކަށް ތެޅިފޮޅިގަތީ އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށެވެ.
ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ފެބްރުއަރީ 24، 2025 ގައި މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ އެ ބިލުގެ ބޭނުމަށް ކޯޓުން މަދު ކުރާ ދެ ފަނޑިޔާރުން "ފަނޑިޔާރުކަމުގެ މަގާމަށް އޭނާ ގާބިލް ނޫން ކަމަށް" ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅަންޖެހޭނެ ކަމަށެވެ.
ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައި އޮތެވެ.
އެ ބިލު މަޖިލީހުން ފާސްކުރީ އޭގެ ދެ ދުވަސް ފަހުން ފެބްރުއަރީ 26، ގަ އެވެ. އެ ދުވަހަކީ ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ކޯޓުން ބަލައި ނިމެންދެން މެންބަރަކު މަގާމުން ވަކިކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުމެއް ތާވަލު ކޮށްފައި އޮތް ދުވަހެވެ.
އެ މައްސަލަ ތާވަލު ކޮށްފައި އޮތީ އެ ދުވަހުގެ ހެނދުނު 11:00 އަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަު މަދުކުރަން މަޖިލީހުން ފާސްކުރީ 10:07 ހާއިރު އެވެ.
އެހައިހިސާބުން އަދި، ސަރުކާރުން ހުއްޓައެއް ނުލި އެވެ. ބިލު ފާސްކުރުމަށްފަހު ދެން ސަރުކާރުން އަވަސްވެގަތީ މުއިއްޒުގެ ސީދާ ކޮންޓްރޯލް އޮތް ޖުޑީޝަލް ސާވިސް ކޮމިޝަން ބޭނުންކޮށްގެން ސުޕްރީމް ކޯޓަށް ހަމަލާއެއް ދީ ޕެރަލައިޒް ކޮށްލުމަށެވެ.
ބަންޑާރަނައިބު އަހުމަދު އުޝާމް ހިމެނޭ ގޮތަށް ޖޭއެސްސީގެ ތިން މެންބަރަކު ހުށަހެޅީ އެ ކޮމިޝަނުގެ ކުއްލި ޖަލްސާއެއް 10:30 ގައި ބޭއްވުމަށެވެ. އެ ޖަލްސާގެ ނޯޓިސް މެންބަރުންނަށް ފޮނުވީ 10:17 ގަ އެވެ. ޖަލްސާއަށް ހާޒިރުވުމަށް މެންބަރުންނަށް ލިބުނީ އެންމެ 13 މިނެޓެވެ. އެ ސަބަބާހުރެ އެ ކޮމިޝަނުގައި ހިމެނޭ ތިން ފަނޑިޔާރުންނަށް ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގެންނެވުނެވެ.
ކުއްލިއަކަށް ބޭއްވި އެ ބައްދަލުވުމުގައި ފާސްކުރީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމަށެވެ.
އެކަމެއް ހިނގައިދިޔައިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތިއްބެވީ އެ ކޯޓުގެ އެއް ފަނޑިޔާރަކު ކޯޓަށް ހާޒިރުވެވަޑައިނުގަންނަވާތީ 11:00 ގައި އޮތް އަޑުއެހުން ނުފެށިފަ އެވެ. އެ ފަނޑިޔާރުގެ އިންތިޒާރުގައި ފަނޑިޔާރުން ތިއްބަވަނިކޮށް އުއްތަމަ ފަނޑިޔާރު، މުއުތަސިމް އަދުނާނަށް އެޑްރެސްކޮށް ޖޭއެސްސީން ފޮނުވި ސިޓީ އެމަނިކުފާނަށް ލިބިވަޑައިގަތެވެ.
އެ ސިޓީގައި އޮތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސަސްޕެންޑު ކުރި ވާހަކަ އެވެ. އެ ފަނޑިޔާރުން ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގެއް ހިންގާ ކަމަށް ބުނެ އެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅިގެން ހިންގާ ކޮން ތަހުގީގެއްކަން މިއަދާ ހަމައަށް ވެސް އޮތީ ސިއްރެއްގެ ގޮތުގަ އެވެ.
އެހައިހިސާބުން ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ހުއްޓުނީ އެވެ. މިއަދާ ހަމައަށް ވެސް އެ މައްސަލަ ކުރިއަކަށް ނުދެ އެވެ.
ފަނޑިޔާރުންގެ މައްސަލަތައް ތަހުގީގު ކުރަމުން ދަނިކޮށް، ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވައި ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވީ މާޗު 4، 2025 ގަ އެވެ.
އޭގެފަހުން މެއި 8، 2025 ގައި އުއްތަމަ ފަނޑިޔާރުގެ މަގާމުން ރިޓަޔާ ކުރައްވަން މުއުތަސިމް އަދުނާން ހުށަހެޅުއްވި އެވެ. އެމަނިކުފާނު މަގާމުން ރިޓަޔާވެވަޑައިގެންނެވީ ޖުލައި 20، 2025 ގަ އެވެ.
އަޒްމިރަލްދާ އާއި މަހާޒުގެ މައްޗަށް ޖޭއެސްސީން ހިންގީ ގައިރުގާނޫނީ ތަހުގީގެކެވެ. ޖަވާބުދާރީވުމުގެ ފުރުސަތެއް އެ ބޭފުޅުންނަކަށް ނުދެއްވި އެވެ. ޖޭއެސްސީން ބުނީ އެ ބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިން ނަމަވެސް އެ ކޮމިޝަނުގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.
އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމި ގޮތަށް އެ ދެ ބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރަން ފެންނަ ކަމަށް މޭ 14، 2025 ގައި މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ ތާއީދާއެކު އެވެ. އެ ފަނޑިޔާރުން ވަކިކުރުމާ ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.
މި ބަދަލުތަކާއެކު ސުޕްރީމް ކޯޓުގެ ފުރިހަމަ ކޮންޓްރޯލް މުއިއްޒު ނެންގެވި އެވެ. އެ ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާދެއްވި ހުސްނުއްސުއޫދުގެ ބަދަލުގައި އެ މަގާމަށް އައްޔަނުކުރެއްވީ ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސެއިން ޝަހީދު އެވެ.
އަޒްމިރަލްދާ އާއި މަހާޒުގެ ބަދަލުގައި އެ ކޯޓަށް އައްޔަނުކުރެއްވީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުالله ހަމީދު އާއި އެ ކޯޓުގެ ފަނޑިޔާރު، މުހައްމަދު ސަލީމް އެވެ.
މުއުތަސިމް އަދުނާނުގެ ބަދަލުގައި އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަނުކުރެއްވީ އަބްދުލްގަނީ މުހައްމަދު އެވެ. އޭނާއަކީ 2020 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި ބޭފުޅެކެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި މި ވަގުތު ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުންނަކީ ސީދާ މުއިއްޒު އައްޔަނުކުރެއްވި ބޭފުޅުންނެވެ.
މަޖިލީހާއި ސުޕްރީމް ކޯޓު ފައިދަށުލުމަށްފަހު މުއިއްޒު ދެން އަމާޒު ހިފީ މިނިވަން ނޫސްވެރިކަން މަރާލުމަށެވެ.
މީޑިއާތައް ކޮންޓްރޯލްކޮށް ހަގީގަތް ހާމަކުރުން ހުއްޓުވުމަށްޓަކައި އޭގެ ކުރިން ފެށިގެން ވެސް ސަރުކާރުން ދިޔައީ ސިއްރިއްޔާތުގައި މަސައްކަތްތަކެއް ކުރަމުންނެވެ.
ނޫސްވެރިކަން ކަފުންކުރުމުގެ މަރުހަލާ ފެށުމުގެ ގޮތުން ނޫސްވެރިން ވަކަރަށް ޖަހާލީ ނޮވެމްބަރު، 2024، ގަ އެވެ. "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު މުހައްމަދު އެވެ.
އެ ބިލުގައި އޮތީ މީޑިއާގެ ކަންކަން ރެގިއުލޭޓުކޮށް، އަދަބު ދިނުމަށް ކޮމިޝަނެއް އުފައްދާ ވާހަކަ އެވެ. އެ ކޮމިޝަނުގައި ތިބޭ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ.
އެ ބިލާ ދެކޮޅަށް ނޫސްވެރިން ނުކުމެ އިހުތިޖާޖުކޮށް އަޑު އުފުލަން ފެށުމާއެކު އެތައް ބައެއްގެ ފާޑުކިޔުން އެ ބިލަށް އަމާޒުވި އެވެ. އެއާއެކު މުއިއްޒު ވިދާޅުވީ ސަރުކާރުން އެ ބިލަށް ތާއީދު ނުކުރާނެ ކަމަށާއި ޕީއެންސީ މެންބަރުން ލައްވައި އެ ބިލު މަޖިލީހުން ބޭރުކޮށްލައްވާނެ ކަމަށެވެ.
މުއިއްޒު އެހެން ވިދާޅުވިތާ ދެ ދުވަސްފަހުން ހަންނާނު އަމިއްލައަށް އެ ބިލު އަނބުރާ ގެންދިޔަ އެވެ.
ނަމަވެސް، ކުދިކުދި ބަދަލުތަކާއެކު ހަމަ އެ ބިލު އޯގަސްޓު 19، 2025 ގައި ހަންނާނު އަނެއްކާ ވެސް މަޖިލީހަށް ހުށަހެޅުއްވި އެވެ. މި ފަހަރު ސަރުކާރުގެ ރާގު ބަދަލުވި އެވެ. ކުރިން މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވަމުން އައި އަނގަތަކުން ވާހަކަ ދައްކަވަމުން ގެންދެވީ ސީދާ ދިމާ އިދިކޮޅަށެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް އެ ދުވަހު ކުރިއަށް ގެންދިޔައިރު، ރާއްޖޭގެ ބޮޑެތި ހުރިހާ މީޑިއާތަކެއްގެ ނޫސްވެރިން މަޖިލީހުގެ ގެލެރީގައި އިހުތިޖާޖުގައި ތިއްބެވެ. ނޫސްވެރިން ގޮވައިލަމުން ދިޔައީ އެ ބިލު މަޖިލީހުން ބޭރުކޮށްލުމަށެވެ.
އެހެންނަމަވެސް، ބިލު ބޭރުކޮށްލުމުގެ ބަދަލުގައި މަޖިލީހުން ނިންމީ އެކަމުގައި މީޑިއާތަކުގެ ހިޔާލު ހޯދުމަށެވެ. އެކަމަކު އެއީ ހަމައެކަނި ދައްކާލުމަކަށް ކުރި ކަމެއްކަން ހާމަވީ، ބިލަށް ހިޔާލު ހޯދުމަށް ސެޕްޓެމްބަރު 1، 2025 ގައި ބޭއްވި ކޮމިޓީ ބައްދަލުވުމަށް ހާޒިރުވި 22 މީޑިއާގެ ތެރެއިން 21 މީޑިއާއިން އެ ބިލު އަނބުރާ ގެންދަން ގޮވައިލުމުން ވެސް އެއްވެސް ބަދަލެއް ނުގެނެސް ސަރުކާރުން ބޭނުންވި ގޮތަށް ބިލުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުންނެވެ.
އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތްތައް ކޮމިޓީން ކުރިއަށް ގެންދިޔައީ ވެސް މަޖިލީހުގެ ގަވާއިދާ ހިލާފަށް ސިއްރު ކޮށްގެންނެވެ. އެއަށްފަހު އެ ބިލު މަޖިލީހުގެ ކޮމިޓީން ފާސްކުރީ 151 ނޫސްވެރިން ސޮއިކޮށް މަޖިލީހަށް ހުށަހެޅި ޕެޓިޝަނަށް ވެސް ރިއާއަތް ނުކޮށް ބޭއްވި ސިއްރު ބައްދަލުވުމެއްގަ އެވެ.
ކޮމިޓީން ނިންމި ގޮތަށް އެ ބިލު މަޖިލީހުގެ ތަޅުމުން ފާސްކުރީ ނޫސްވެރިން އެކަމާ ދެކޮޅަށް މަޖިލިސް ދޮށުގައި މުޒާހަރާ ކުރަމުން ދަނިކޮށް ސެޕްޓެމްބަރު 16، 2025 ގަ އެވެ. އެ ބިލު މުއިއްޒު ތަސްދީގު ކުރެއްވީ އޭގެ ދެ ދުވަސްފަހުން ސެޕްޓެމްބަރު 18، 2025 ގަ އެވެ.
އެ ގާނޫނުގެ ދަށުން މިހާރު ވަނީ މީޑިއާ ކޮންޓްރޯލް ކޮމިޝަން އުފައްދައިފަ އެވެ. އެ ގާނޫނުގައި ވާގޮތުން އެ ކޮމިޝަނަށް ނޫސްތަކުގެ އިތުރުން ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ ބާރު ވެސް ލިބެ އެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރުމާއި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ މުއްދަތެއް ނެތް ގޮތަށް ހިފެހެއްޓުމުގެ ބާރު ވެސް ގާނޫނުން އެ ކޮމިޝަނަށް ދީފައިވެ އެވެ.
އޭގެއިތުރުން ތެދު ހަބަރާއި ދޮގު ހަބަރު ކަނޑައެޅުމުގެ ބާރު ވެސް އެ ކޮމިޝަނަށް ގާނޫނުން ދީފައިވެ އެވެ. އަދި، ތަހުގީގީ ނޫސްވެރިކަން ކުރުމަށް އެ ގާނޫނު ހުރަސް އަޅަ އެވެ.
މި ބަދަލުތަކާއެކު ދިވެހިރާއްޖޭގައި ގާނޫނީ އިމުގެ ތެރެއިން މިނިވަން ނޫސްވެރިކަން ކުރުމުގެ މަގު މިހާރު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.
~~~
މި ދަންނަވާލެވުނީ ދުނިިޔެ ދުށް އެންމެ ބޮޑެތި ހުދުމުހުތާރު ވެރިން އަމަލު ކުރެއްވި ގޮތާއި މި ފާއިތުވި ދެ އަހަރު ދުވަހު މުއިއްޒުގެ އަތްޕުޅަށް މައިގަނޑު ބާރުތައް ނެންގެވުމަށް އެމަނިކުފާނު ކުރެއްވި ބައެއް ކަންކަމުގެ ކުރު ހުލާސާއެކެވެ.
ދެން ވިސްނަވާށެވެ. ހިޓްލަރު ވެސް ގަބޫލުކުރީ އޭނާގެ ބާރުގެ ދަށުގައި ހުރިހާ ކަމެއް އޮންނާން ޖެހޭނެ ކަމަށެވެ. މުސުލީނީ ވެސް ގަބޫލުކުރީ އޭނާއަށް ވިސްނޭ ގޮތަކީ އެއީ އެންމެ މޮޅު ގޮތް ކަމުގަ އެވެ. މާއޯ ޒެޑޮންގް ވެސް ގަބޫލުކުރީ އޭނާގެ ފިކުރަކީ ގައުމީ ފިކުރު ކަމުގަ އެވެ.
އެހެންނަމަވެސް، ހަގީގަތަށް ބައްލަވާށެވެ. އެއިން އެއްވެސް ބޭފުޅަކީ ޑިމޮކްރެސީގެ މާބޮޑެތި ބަތަލުން ކަމަށް ވަކާލާތު ކުރާ ބަޔަކު މިއަދު ދުނިިޔޭގައި އެބަތިބި ތޯއެވެ؟ ފެންނާން ހުރި ހަގީގަތުގެ މައްޗަށް ބިނާކޮށް އެންމެން ވެސް އެމީހުންނަށް ދެނީ ހުދުމުހުތާރު ކަމުގެ ލަގަބެވެ.
ހުރިހާ ކަމެއް ހިންގާން ޖެހޭނީ އެންމެ މީހެއްގެ ވިސްނުމަށް ކަމަށް ގަބޫލު ކުރެވޭނަމަ، ގަބޫލުކުރަންޖެހޭ އެހެން ހަގީގަތެއް ވެސް އޮންނާނެ އެވެ. އެއީ ތިމާއަށް މި ތާއީދުކުރެވެނީ ހުދުމުހުތާރު ވެރިކަމަކަށް ކަމެވެ. ތިމާ މި ތައީދުކުރާ މީހާއަކީ ހުދުމުހުތާރު ވެރިއެއް ކަމެވެ.
އެންމެހާ ބާރުތައް އެކަކުގެ އަތްމައްޗަށް ދޭން ރުހި، އެކަމަށް ގަބޫލުވެ، އެގޮތަށް ކަން ކުރާތަން ބަލާން ހުރެގެން، އެ ވެރި މީހާއަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތީން ވެރިކަން ކުރައްވާ ބޭފުޅެއް ކަމަށް ވަކާލާތު ކުރުމަކީ ޖޯކެކެވެ.
ކޮންމެ ކަމެއްގެ ވެސް އަގެއް އޮންނާނެ އެވެ. ހުދުމުހުތާރު ވެރިކަމެއް ކުރަން ރުހޭ ނަމަ، އަދި އެފަދަ ވެރިކަމަކަށް ތާއީދު ކުރާ ނަމަ، އެ މީހަކަށް ހުދުމުހުތާރޭ ކިޔާ އަޑު އަހާނެހާ ހިތްވަރު ވެސް ހުންނާން ވާނެ އެވެ.
2025: ނަމުގައި ޑިމޮކްރަސީ، އަމަލުން ހުދުމުހުތާރުކަން 2025: ނަމުގައި ޑިމޮކްރަސީ، އަމަލުން ހުދުމުހުތާރުކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ