ދާދިފަހުން ދުނިޔެއަށް އަލްވިދާޢުކީ 40 އަހަރުގެ މީހެއްގެ ވާހަކަ ފާހަގަކޮށްލާނަމެވެ. އޭނާ ޑޮކްޓަރުން ލިޔެދޭ ބޭސް ބޭނުންކުރިއެވެ. ނަމަވެސް ކެއުން ބެހެއްޓުމަށް ދިން އެއްވެސް އިރުޝާދަކަށް ޢަމަލެއް ނުކުރެއެވެ. ނަތީޖާއަކަށްވީ ބޭނުންކުރި އަގޮބޮޑު ބޭސްތަކުން ކުރިއެއްވެސް ފައިދާއެއް ނެތުމެވެ. އެޙާލަތުގައި ބަލީޙާލުބޮޑުވުމުން އެއީ އިރާދަކުރެއްވެވި ގޮތް ކަމަކަށްވެސް ނުބުނެވޭނެއެވެ. ސަބަބަކީ ފަރުވާކުރުމުގައި އަމިއްލައަށް އިހްމާލުވީތީއެވެ.
ބައްޔެއްގައި އުޅެން ޖެހިއްޖެނަމަ އެއީ ކުރިމަތިކުރެއްވެވި މުޞީބާތެއްކަމަށް ދެކި ކަންބޮޑުވެ މާޔޫސްކަމުގައި އުޅެވޭ ބައަކުވެސް އަހުރެމެންގެ ތެރޭގައިވެއެވެ. އެއީ އެކަމުގެ ހުރި ފައިދާ އެމީހުންނަށް ނުވިސްނޭތީއެވެ.
ބައްޔެއްވެއްޖެނަމަ ގައިގައި ވޭންއަޅާނެއެވެ. ތަކްލީފްތައްވެސް އުފުލަންޖެހޭނެއެވެ. އަދި ކުރިން ަކއިބޮއި ހެދި ބައެއް ތަކެތި ބޭނުންކުރުން ހުއްޓާލަންވެސް ޖެހެއެވެ. މިކަންކަމަކީ ހަށިގަނޑުގައި އަޅާ ވޭން އިތުރުވާ ކަންކަމެވެ. މާޔޫސްވާންވެސް މެދުވެރިވާ ކަންކަމެވެ.
ނަމަވެސް ހިތްވަރުލިބޭނެ މަގުތައް އެބަހުއްޓެވެ. އެގޮތުން ފުރަތަމަކަމަކަށް ވިސްނުމަށް ގެންނަންވީ ކޮންމެ އިންސާނަކިވެސް އިމްތިޙާނު ކުރައްވަވާނެ ކަމާއި ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށް ކުރިމަތިކުރައްވަވާ އިމްތިޙާންތައް ބޮޑެތިވާނެ ކަމަށް އޮތް ޙަދީޘް ބަސްފުޅެވެ.
ތިމާއަށް ކުރިމަތިކުރައްވަވާފައި މިވަނީ އިމްތިޙާނެއްކަމާއި ފާސްވާންޖެހޭނެކަން ޤަބޫލުކުރެވޭނަމަ ހިތްވަރު ލިބޭނެއެވެ. ހިތްވަރުކުރަން ބޭނުންވެސްވާނެއެވެ. އެކަމަށް މަސައްކަތްވެސް ކުރެވޭނެއެވެ. އެކަން ޤަބޫލުނުކުރެވޭނަމަ ކަންބޮޑުވުމާއި މާޔޫސްކަން ދާނީ އިތުރުވަމުންނެވެ.
މިބަސްކޮޅާއިއެކު ނަޞީޙަތުގެ ބަސްކޮޅެއްވެސް ހިމަނައިލާނަމެވެ. އެއްވެސް ބައްޔަކާއި ގުޅިގެން ކައުންބުއިމުގައި ވަކި އެއްޗެއް ނުވަތަ ވަކިބާވަތްތަކެއް ބޭނުން ނުކުރަން ޑޮކްޓަރަކު ބުނެފިނަމަ ބޭސްކާން ސަމާލުކަންދޭ ފަދައިން އެކަމަށްވެސް ސަމާލުކަން ދޭންޖެހޭނެއެވެ. އެހެނީ އެބާވަތްތައް ބޭނުން ނުކުރުމަކީވެސް ފަރުވާއެކެވެ.
މިޘާލަކަށް ހަކުރުބަލީގދެ މީހުން ފޮނިކާއެއްޗެއްސާއި ދުރުވާންޖެހެއެވެ. ލޭމައްޗަށްދާނަމަ ލޮނާއި ދުރުހެލިވާން ޖެހެއެވެ.
ޝިފާ ދެއްވެވުން އެދި ދުޢާކުރަން އޮތީ ސަބަބުތަކުގައި ހިފަހައްޓައިގެންހުރެ އެމީހަކަށް ކުރެވެން އޮތް މަސައްކަތެއް ކުރަމުންނެވެ. ކުރިން މިބުނި ފަދައިން ބޭސްކެއުމަކީ ފަރުވާއަކަށްވާފަދައިން ޑޮކްޓަރުން ބުނާ ގޮތަށް ޢަމަލުކުރުމަކީވެސް ހަމަ ފަރުވާއެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ޑޮކްޓަރުންދޭ ބޭސް ކެއިނަމަވެސް ދިން އިރުޝާދުތަކަށް ޢަމަލުނުކުރި މީހަކު ނިޔާވުމުން ލިބިގަންނަންޖެހޭ ފިލާވަޅު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ