ތާރު އަޅައިގެން ތަރައްޤީކޮށްފައިވާ އަމީނީ މަގުގެ އެކި ސަރަޙައްދުތަކުން ތާރުގަނޑު އުފުލި މަގު ހަލާކުވެފައިވާތީ، އެ މަގު މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޖެނަރަލް މެނޭޖަރު އިބްރާހީމް ހަސަން ވިދާޅުވީ، އަމީނީ މަގުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ. މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވިޒާރާއިން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
އަމީނީ މަގުގެ ގިނަ ސަރަޙައްދުތަކެއް، ޚާއްޞަކޮށް ހުޅަނގު ފަރާތުގެ މަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މި މަރާމާތުގެ ދަށުން މަގުގެ ތާރުގަނޑު ރަނގަޅު ކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުގައި ފިޝިން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތް ވެސް އެ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށް އިބްރާހީމް ހަސަން ފާހަގަކުރެއްވިއެވެ.
އަމީނީ މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢަކީ ނިމިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. ޖުމްލަ 1.79 ކިލޯމީޓަރުގެ މި މަގުގެ މަސައްކަތް މުޅިން ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. ނަމަވެސް، މަސައްކަތް ނިމުނުތާ ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ އެކި ސަރަޙައްދުތަކުން ތާރުގަނޑު އުފުލި، ދުއްވާ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
ޓެކްނިކަލް މާހިރުން ފާހަގަކުރާ ގޮތުގައި، މަގުގެ ތާރުގަނޑު މިހާ އަވަހަށް ހަލާކުވާން ދިމާވި މައިގަނޑު ސަބަބަކީ ތާރު އެޅުމަށްފަހު އެކަށީގެންވާ ވަރަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމެވެ. މީގެ ކުރިން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި މިދިޔަ އަހަރުގެ ކުރީކޮޅު ވެސް މަގުގެ ބައެއް ސަރަޙައްދުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.
އަމީނީ މަގު މަރާމާތް ކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ