އައިއެމްއެފްގެ ރިޕޯޓް: އުފެއްދުންތެރިކަމުގެ ނިސްބަތުން 8 ވަނައަށް އެންމެ ދަރަނި ބޮޑު ގައުމަކަށް ވާނީ ރާއްޖެ

މި އަހަރު ނިމޭއިރު، އުފެއްދުންތެރިކަމުގެ ނިސްބަތުން މުޅި ދުނިޔެއިން ވެސް އަށްވަނައަށް އެންމެ ދަރަނި ބޮޑު ގައުމަކަށް ވާނީ ރާއްޖެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ލަފާކޮށްފިއެވެ. އައިއެމްއެފްއިން އޭޕްރިލް މަހު ނެރުނު އިކޮނޮމިކް އައުޓްލުކް ރިޕޯޓުން ވަނީ، މި އަހަރު އުފެއްދުންތެރިކަމުގެ ނިސްބަތުން ރާއްޖޭގެ ދަރަނި 129.4 ޕަސެންޓަށް އަރާނެ ކަމަށް ލަފާކޮށްފައެވެ. އެއާއެކު، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ދަރަނި އެންމެ ބޮޑު ގައުމަކީ ރާއްޖެކަން ވަނީ ހާމަވެފައެވެ. އެ ރިޕޯޓުގައި ހިމަނައިފައިވާ ހުރިހާ ގައުމުތަކުގެ ލިސްޓަށް ބަލާއިރު، އުފެއްދުންތެރިކަމުގެ ނިސްބަތުން އަށްވަނައަށް އެންމެ ބޮޑު ދަރަނި އޮތް ގައުމަކަށް ވާނެ ކަމަށް ލަފާކޮށްފައިވަނީ ރާއްޖެއެވެ. https://sun.mv/223830 އެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ ގައުމުތަކުގެ ދަރަނި، ޖީޑީޕީގެ ނިސްބަތުން މި އަހަރު ހުންނާނެ ކަމަށް ލަފާކޮށްފައިވާ މިންވަރަކީ: ޖަޕާން: 204.4 ޕަސެންޓް ސިންގަޕޫރު: 171.9 ޕަސެންޓް ސޫދާން: 169.1 ޕަސެންޓް ބަހްރެއިން: 152.4 ޕަސެންޓް އިޓަލީ: 138.4 ޕަސެންޓް ގްރީސް: 136.9 ޕަސެންޓް ސެނެގާލް: 132.3 ޕަސެންޓް ރާއްޖެ: 129.4 ޕަސެންޓް އެމެރިކާ: 125.8 ޕަސެންޓް ޔޫކްރޭން: 122.6 ޕަސެންޓް އައިއެމްއެފްއިން 1997އިން ފެށިގެން އެއްކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، ރާއްޖޭގައި މިހާތަނަށް އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި އެންމެ ބޮޑުވެފައި ވަނީ ކޮވިޑް ބަލިކަމުގެ ތެރޭގައި 2020ގައެވެ. އެއީ އުފެއްދުންތެރިކަމުގެ 155.7 ޕަސެންޓަށެވެ. އޭގެ ފަހުން 2021އާއި 2022ގައި ދަރަނީގެ ނިސްބަތް ދަށްވުމަށްފަހު، 2023ގައި އިތުރުވެ، 122.4 ޕަސެންޓަށް އިތުރުވިއެވެ. ރިޔާސީ އިންތިޚާބު އޮތް އެ އަހަރަށް ފަހު، 2024ގައި އެ އަދަދު 133.3 ޕަސެންޓަށް އިތުރުވިއެވެ. މިދިޔަ އަހަރު އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 125.4 ޕަސެންޓަށް ދަށްވި ނަމަވެސް، އައިއެމްއެފްއިން ވަނީ އަނެއްކާ މި އަހަރު ވެސް ދަރަނީގެ ނިސްބަތް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައެވެ. ފާއިތުވި އަހަރުތަކުގައި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަންޏަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ އައިއެމްއެފްގެ ޗާޓު -- ފޮޓޯ/ އައިއެމްއެފް ފާހަގަކޮށްލެވޭ ގޮތުގައި، އައިއެމްއެފުން މިދިޔަ އަހަރާއި މި އަހަރުގެ ޖަނަވަރީ މަހު ވެސް ލަފާކޮށްފައި އޮތީ މި އަހަރު ރާއްޖޭގެ އިގުތިސާދު ހަތަރު ޕަސެންޓް ނުވަތަ އެއަށް ވުރެ އިތުރަށް ކުރިއަރާނެ ކަމަށެވެ. ނަމަވެސް މިދިޔަ ފެބްރުވަރީ މަހުގެ 28ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް އެރި ލޮޅުމާއެކު، އަންދާޒާތަކަށް ވަނީ ބަދަލު ގެންނަން ފަށައިފައެވެ. އައިއެމްއެފްއިން އޭޕްރިލް މަހު ނެރުނު ރިޕޯޓުގައި ލަފާކޮށްފައިވަނީ ރާއްޖޭގެ އިގުތިސާދު ކުރިއަރާނީ ތިން ޕަސެންޓް ކަމަށެވެ. އެއާ އަޅައިބަލާއިރު މިދިޔަ އަހަރު އިގުތިސާދު ވަނީ ފަސް ޕަސެންޓް ކުރިއަރައިފައެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު މުރާޖައާކުރުމަށް މިދިޔަ މަހުގެ ހަތަރަކުން 14 ވަނަ ދުވަހުގެ ނިޔަލަށް އައިއެމްއެފުން ރާއްޖެއަށް ޒިޔާރަތްކޮށް، ބަޔާނެއް ނެރެފައިވެއެވެ. އެ ބަޔާނުގައި ވަނީ، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި އިގުތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދިޔަ ނަމަވެސް، ރާއްޖޭގެ އިގުތިސާދީ ހާލަތާ މެދު މާޔޫސް ނުވާ ކަމަށާއި ހަރުދަނާ ސިޔާސަތުތަކާއެކު އަންނަ އަހަރު އިގްތިސާދު އަލުން ކުރިއަރަން ފަށާނެ ކަމުގެ އުއްމީދު އޮތް ކަމަށް ބުނެފައެވެ. https://sun.mv/223495 އެ އިދާރާއިން އޭޕްރިލް މަހު ނެރުނު ރިޕޯޓުގައި ވަނީ އަންނަ އަހަރު އިގުތިސާދު 4.6 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާކޮށްފައެވެ. އެ އުއްމީދާއެކު ވެސް އައިއެމްއެފުން ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ސަބްސިޑީ މުރާޖައާކޮށް، ހަމައެކަނި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ޓާގެޓްކޮށް ސަބްސިޑީ ދިނުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) އިސްލާހުކޮށް މާލީ ބުރަ ކުޑަކުރުން ހިމެނެއެވެ. އަދި ތެލަށް ކުރާ ޚަރަދު ކުޑަކުރުމަށް އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. މި އަހަރު ދައުލަތުން ފާސްކޮށްފައި ވަނީ ރެކޯޑު އަދަދެއްގެ ބޮޑު ބަޖެޓެއް ކަމަށްވާއިރު އޭގެ މައިގަނޑު ސަބަބަކަށްވީ، އެކި އަހަރުތަކުގައި ނަގައިފައިވާ ދަރަނިތަކުގެ ތެރެއިން، ޖުމުލަ 1.1 ބިލިއަން ޑޮލަރުގެ ދަރަނި މި އަހަރު ދައްކަން ޖެހުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ