ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ އާޖެންޓީނާ އަތުން މިސްރު ބަލިވި މެޗުގައި ރެފްރީން ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ މި މުބާރާތުން އޭނާ ސަސްޕެންޑް ކުރުމަށް މިސުރުން އެދެފި އެވެ.
އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ހާނީ އަބޫ ރިދާ ސޮއިކުރައްވައި ފީފާ އަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ ފްރާންސްގެ ރެފްރީ ފްރޭންކޮއިސް ލެޓެޒިއާ އާއި އޭނާގެ އެހީތެރިން ވަރަށް ބޮޑެތި ގޯސްތަކެއް މެޗުގައި ހަދާފައިވާ ކަމަށެވެ. އަދި ފަހަތުން އަރައި 3-2އިން އާޖެންޓީނާ މޮޅުވުމުގައި ރެފްރީގެ ނިންމުންތައް ވަރަށް ބޮޑަށް އާޖެންޓީނާ އަށް ފަހިކޮށްދީފައިވާ ކަމަށް މިސުރުން ވަނީ ބުނެފަ އެވެ. މިހެންވެ އެންމެ ރަނގަޅު ގޮތަކީ މުބާރާތުގެ އިތުރު އެއްވެސް މެޗެއް ރެފްރީ ލެޓެޒިއާ އާއި އޭނާގެ އެހީތެރިންނަށް ނުދިނުން ކަމަށެވެ.
މި މެޗަށް ފަހު މިސުރުގެ ކޯޗު ހޮސާމް ހަސަން ވެސް ވަނީ ފީފާ އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އޭނާ ބުނީ ފީފާއިން ބޭނުންވީ އާޖެންޓނާ އާއި އެގައުމުގެ ކެޕްޓަން ލަޔޮނަލް މެސީ އަށް ވޯލްޑް ކަޕުގައި ކުރިއަށް ދެވޭ ގޮތް ހަދަން ކަމަށެވެ.
"އެ މީހުން ބޭނުންވީ މެސީ އަށް ވޯލްޑް ކަޕް ހޯދައިދޭން. މިގޮތަށް ކަންތައްތައް ކުރާނަމަ ކީއްކުރަން އަހަރުމެން ގެންނަނީ މެޗު ކުޅެން. އާޖެންޓީނާ އަށް ތަށި ދިނީމާ އެ ނިމުނީ،" ހޮސާމް ބުންޏެވެ.
މެޗުގައި އެންމެ ބޮޑަށް ހިތްހަމަ ނުޖެހުން އުފެނުނީ އާޖެންޓީނާ ކޮޅަށް މިސުރުން ޖެހި ދެ ވަނަ ގޯލަކީ ފައުލްކޮށްފައި ހޯދި ބޯޅައަކުން ޖެހި ގޯލެއް ކަމަށް ވީއޭއާރުގެ ބަލައި މާ ފަހުން ނިންމުމެވެ. އަދި އާޖެންޓީނާގެ ޕެނަލްޓީ އޭރިޔާ ތެރެއިން މިސުރުގެ ކުޅުންތެރިން ފައުލެއް ކަމަށް އެޕީލްކުރި ބޯޅައެއް ރެފްރީން ވީއޭއާރު ނުބަލައި ދޫކޮށްލުމުންނެވެ.
މިސްރުން އެދުނީ ރެފްރީން ސަސްޕެންޑް ކުރުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ