ކޮލަމްބިއާ ބަލިކޮށް ސްވިޒަލެންޑުން 72 އަހަރަށްފަހު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް
ކޮލަމްބިއާއާ ދެކޮޅަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓް 4-3 އިން ކާމިޔާބުކޮށް، ސްވިޓްޒަލޭންޑުން 1954 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ވެންކޫވަރގެ ބީސީ ޕްލޭސްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރުވެސް ދެޓީމަށް ލަނޑެއް ނުޖެހި އެއްވަރުވުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ސްވިޓްޒަލޭންޑުގެ ބަތަލަކަށްވީ ކީޕަރު ގްރެގޯ ކޮބެލްއެވެ. އޭނާ ވަނީ ކޮލަމްބިއާގެ ކޫޗޯ ހެނާންޑޭޒް ފޮނުވާލި ޕެނަލްޓީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މި ޝޫޓްއައުޓްގައި ދެ ޓީމުގެ ސެންޓަ ބެކުންނަށްވެސް ނާކާމިޔާބީއާ ކުރިމަތިވިއެވެ. ކޮލަމްބިއާގެ ޑެވިންސަން ސަންޗޭޒް ޖެހި ޕެނަލްޓީ ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު، މެންޗެސްޓާ ސިޓީގެ ކުރީގެ ޑިފެންޑަރު މެނުއަލް އަކަންޖީ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލް މަތިން ބޭރަށެވެ. ސްވިޒަލޭންޑުން ޕެނަލްޓީތައް ކާމިޔާބުކުރީ ގްރޭނިޓް ޝާކާ، ޒެކީ އަމްދޫނީ، ސެޑްރިކް އިއްޓެން އަދި ރޫބެން ވަރްގަސްއެވެ. މެޗުގެ 90 މިނެޓުގައި ދެޓީމަށްވެސް މާ ނުރައްކާތެރި ފުރުސަތުތަކެއް ތަނަވަސްކުރެވިފައި ނުވިނަމަވެސް، އިތުރު ވަގުތުގެ ތެރޭގައި ކޮލަމްބިއާއަށް މެޗު ކާމިޔާބުކުރަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ޖޯން ލުކޫމީ ބޮލުން ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، މެޗުގެ ފަހުކޮޅު ޝާކާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ހަމިންޓަން ކަމްޕާޒް ފޮނުވާލި ބޯޅަ ދިޔައީ ގޯލް މަތިންނެވެ. މިއީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް މި ބުރުން އިނގިރޭސިވިލާތް އަތުން ޕެނަލްޓީގައި ކޮލަމްބިއާ ކެޓި ގޮތަށް، އެ ޓީމަށް ކުރިމަތިވި އަނެއް ހިތްދަތި ނިމުމެވެ. މުރާތު ޔަކިންގެ އިރުޝާދުގެ ދަށުން ކުޅޭ ސްވިޓްޒަލޭންޑް ކުއާޓާ ފައިނަލްގައި ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު ރާއްޖެގަޑިން ފަތިހު 06:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ