ބޭނުންނަމަ ހެމާގެ ބައޮޕިކް ދިޕިކާއަށް ކުޅެވިދާނެ ކަމަށް ބުނެ، ހެމާގެ ތައުރީފު ބަތަލާއަށް
އިންޑިއާގެ ސިނަމާގައި 60 އަހަރު ވަންދެން މަސައްކަތްކޮށްފައިވާ މަޝްހޫރު ބަތަލާ ހެމާ މާލިނީގެ ބައޮޕިކް ކުޅެން ޝައުގުވެރިވާނަމަ ބޮލީވުޑްގެ ހުނަރުވެރި ތަރި ދީޕިކާ ޕަދުކޯންއަށް އެ ފުރުސަތު އެބައޮތް ކަމަށް ހެމާ ބުނެފިއެވެ. ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ 60 އަހަރު ފުރުން ފާހަގަ ކުރުމުގެ ޚާއްސަ މުނާސަބާ ފާހަގަކުރުމަށް މިދިޔަ ހުކުރު ދުވަހު ހޭމާ މާލިނީ - ލައިވް އިން ކޮންސަޓް: ސެލެބްރޭޓިން ދަ ޑްރީމް ގާލްސް ޑައިމަންޑް ޖޫބިލީ"ގެ ނަމުގައި މުމްބާއީގެ ޝަންމުޚާނަންދާ ހޯލުގައި ވަރަށް ޚާއްސަ ހަފުލާއެއް ވެސް ވަނީ ބާއްވާފައެވެ. މި ހަފުލާގައި ވާހަކަ ދައްކަމުން ކުރީގެ މަގުބޫލު ބަތަލާ ހެމާ ބުނީ، އިންޑިއާގެ ސިނަމާގައި މިހާތަނަށް ކުރެވުނު ކޮންމެ މަސައްކަތަކީ ވެސް އެ މަސައްކަތާމެދު ބަތަލާ ފަޚުރުވެރިވާފަދަ މަސައްކަތްތައް ކަމަށެވެ. އަދި މި ދިގު ދަތުރުގައި ފިލްމު އުފެއްދުންތެރިންނާއި، އެކުގައި މަސައްކަތްކުރި ފަންނާނުންނާއި، ޓެކްނީޝަނުންގެ އިތުރުން އާއިލާއިން ދިން އެއްބާރުލުމަށްޓަކައި ހެމާ ވަނީ އެ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. އިންޑިއާގެ ކުރީގެ ބަތަލާ ހެމާ މާލިނީ ފިލްމީ ތަރި ދީޕިކާ ޕަދުކޯންއާ އެކު--ފޮޓޯ/އިންސްޓަގްރާމް ފިލްމު "ޝޯލޭ"، "ސީތާ އައުރް ގީތާ"، "ސައްތޭ ޕޭ ސައްތާ" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 77 އަހަރުގެ ބަތަލާ ބުނި ގޮތުގައި، އޭނާގެ ކުރިއެރުމުގެ އަސްލަކީ އޭނާގެ މަންމައެވެ. އަދި އާއިލާގެ އެހީތެރިކަމާ އެކު ފިލްމީ ދާއިރާގައި 200 އެއްހާ ފިލްމު ކުޅެވި، ގިނަ އަދަދެއްގެ ހަނދާން އާކޮށްދޭ މަސައްކަތްތަކެއް ކުރެވުނީތީ އުފާކުރާ ކަމަށް، ކުރީގެ އެކްޓަރު ދަރުމެންދްރަގެ ހަގު އަނބި ބުނެފައިވެއެވެ. ހެމާގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެއް ނުވަތަ ބައޯޕިކެއްގައި ދީޕިކާ ޕަދުކޯންއަށް ހެމާގެ ރޯލު ކުޅެވިދާނެތޯ ސުވާލުކުރުމުން، ބުނީ، ދީޕިކާ ބޭނުންނަމަ އޭނާއަށް އެކަން ކުރެވިދާނެ ކަމަށެވެ. ހަމައެއާއެކު ދީޕިކާއަކީ ވަރަށް ރީތި، ހުނަރުވެރި ބަތަލާއެއްގެ ގޮތުގައި ހެމާ ވަނީ ސިފަކޮށްފައެވެ. ދީޕިކާ ބޮލީވުޑަށް ތައާރަފުވި ފިލްމު "އޯމް ޝާންތީ އޯމް"ގައި ހިންދީ ސިނަމާގެ ކުރީގެ ފިލްމީ ތަރިންގެ ދައުރު ގެނެސްދިނީ ވަރަށް ފުރިހަމައަށް ކަމަށާއި އެފަދަ ރޯލަކަށް އެންމެ އެކަށީގެންވާ ތަރި އަކީ ދީޕިކާ ކަމަށް ހެމާ ވަނީ ބުނެފައެވެ. ހެމާގެ ފިލްމީ ކެރިއަރުގެ ގިނަ ހަނދާންތަކެއް އާ ކުރެވުނު ޚާއްސަ ހަފުލާގައި ފިލްމީ ދާއިރާގެ ގިނަ ތަރިންތަކެއް ބައިވެރިވިއެވެ. އޭގެ ތެރޭގައި ޖީތެންދްރަ، ޝަތުރުގަން ސިންހާ، އަދި ރާކޭޝް ރޯޝަން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ