ފުވައްމުލަކު މޭޔަރުގެ ގޮނޑި އިސްމާއީލް ރަފީގު ދިފާއުކުރައްވައިފި ފުވައްމުލަކު ދަނޑިމަގު ޗަސްބިން ސަރަހައްދުގައި ރޯވި އަލިފާން ނިއްވާލައިފި ފުވައްމުލަކުގެ ސްކޫލެއްގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވަން 3 ގަޑިއިރަށް ވެފައިވަނިކޮށް ކެންސަލް ކޮށްފި ބެސްޓް ޝާކް ޑަ

ފުވައްމުލަކުގައި ހިނގާފައިވާ ޙަޤީޤީ ޙާދިސާ އެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ “ޙައްވާދީދީ އާއި ކަޅުއަކިރި ގަނޑު” ގެ އިނގިރޭސި ފޮތް ނެރެފިއެވެ. ޕްރި ލޯންޗިންގެ ގެ ގޮތުގައި ފޮތް ލޯންޗްކޮށްފައިވަނީ މި އަހަރުގެ ލިޔުންތެރިންގެ ދުވަހާއި ގުޅުވައިގެން ބުކްރައިޓާސް އެސޯސިއޭޝަނުން ބޭއްވި ރަސްމިއްޔާތެއްގައެވެ.
“ހައްވާދީދީ- ބިޔޯންޑް ދަ ބްލެކް ޝޯ ” ގެ ނަމުގައި މި ފޮތް ލިޔުއްވާފައިވަނީ ދިވެހި ބަހުންވެސް ވާހަކަ ލިޔުއްވެވި ، އޭއޯ ނިއުސްގެ ސީއީއޯ ޝިމްލާ އަޙްމަދެވެ.
މީގެ 70 ވަރަކަށް އަހަރުކުރިން ފުވައްމުލަކުގައި ހިނގާފައިވާ މި ޙާދިސާ އަކީ އެރަށުގައި ދިރިއުޅުނު އަންހެނަކަށް ޖުޒާމު ބަލި ޖެހުމުން ކަންތައްތައް ވެގެންދިޔަ ގޮތުގެ ވާހަކައެވެ. ރަށުގެ އިސްވެރިން އޭނަގެ ބަލި ދެނެގަތުމަށް ކަންތައްތައް ކުރެއްވި ގޮތާއި ޙައްވާދީދީ އާއި މެދު ކަންތައް ކުރުމަށް ރަށުގެ ވެރިންގެ ނިންމުން އައި ގޮތާއި އޭގެ ސަބަބެވެ. އަދި ފުވައްމުލަކުގެ އެކަހެރި ސަރަހައްދެއްކަމަށްވާ ކަޅުއަކިރިގަނޑަށް ޙައްވާދީދީ ބަދަލުކޮށް މީހުންނާއި ވަކިން ބަހައްޓަން ޖެހުނު ކަމެވެ. އޭގެ ފަހުން ޙައްވާދީދީގެ ޙަޔާތަށް އައި ހިތްދަތި ދުވަސްތަކާއި އެދުވަސްތައް އެ ތަނުގައި ހޭދަކުރި ގޮތެވެ. ހަމަ އެހެންމެ އެ ބަލިން އޭނަ ސަލާމަތްވި ގޮތާއި ފަހުން އޭނަގެ ދިރިއުޅުމުގައި ކަންތައްތައް ވެގެން ދިޔަ ގޮތެވެ.
މި ވާހަކަ އެންމެ ފުރަތަމަ ދިވެހި ބަހުން ލިޔެފައިވަނީ 2021 ވަނަ އަހަރު އޭއޯ ނިއުސް އިން ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ ނޫސްވެރިން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ތެރެއިންނެވެ. ޑޮކިޔުމެންޓްރީ އެއްގޮތަށް ތައްޔާރުކުރި ވީޑިއޯ ގައި މި ވާހަކައާއި ގުޅުން ހުރި ފަރާތްތަކާއި ބައްދަލުކޮށް ތެދު މައުލޫމާތު ހޯދައި އަދި އެ މައުލޫމާތު ވާހަކައިގައި ހިމަނާފައިވެއެވެ. އެގޮތުން ޙައްވާދީދީގެ ދޮށީ ދަރިފުޅު މުޙައްމަދު މޫސާ އާއި އަދި ހައްވާދީދީގެ އެންމެ ގާތް ރަޙްމަތްތެރިޔާ ސަންފާދީދީގެ ފަރާތުުން ލިބުނު މައުލޫމާތު މި ވާހަކަ ލިޔުމުގައި ބޭނުންކޮށްފައިވެއެވެ.
އިނގިރޭސި ބަހުން ލިޔުނު ފޮތް ބޮޑަށް އަމާޒުކޮށްފައިވަނީ ރާއްޖެއަންނަ ފަތުރުވެރިންނަށާއި ރާއްޖެއާއި ބެހޭ ގޮތުން މަޢުލޫމާތު ހޯދަން ޝައުގުވެރިވާ ރާއްޖޭން ބޭރުގެ މީހުންނަށެވެ. ފުވައްމުލަކުގެ ޤުދުރަތީ ރީތިކަމާއި އެ ރަށުގެ ތާރީޚުގެ ތެރެއިން ބަޔެއް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ” ހައްވާދީދީ- ބިޔޯންޑް ދަ ބްލެކް ޝޯ ” އަކީ ކޮފީ ޓޭބަލް ބުކް އެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ ފޮތެކެވެ. މި ފޮތުގެ ކޮންމެ ޗެޕްޓަރ އެއް ނިމޭތަނުގައި ޗެޕްޓަރ ގައި ކިޔައިދީފައިވާ ވާހަކަ ތަކާއި ގުޅޭ ކުލަ ތަސްވީރު ހިމަނާފައިވެއެވެ.
ފޮތުގެ މުސައްނިފް ޝިމްލާ ވިދާޅުވީ މިހާރުވެސް ބައެއް ރިސޯޓު ތަކުން ފޮތަށް ޕްރީ އޯޑަރ ލިބެމުން އަންނަ ކަމަށާއި ފުރަތަމަ ޕްރިންޓެޑް ކޮޕީތައް އަންނަ އޮގަސްޓް މަހު ލިބޭނެ ކަމަށެވެ.
މި ފޮތުގެ އޮފިޝަލް ލޯންޗިން ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ސެޕްޓެމްބަރު މަހު ފުވައްމުލަކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ