މަސައްކަތް މިކުރަނީ ކުރީ ސަރުކާރާއި މިސަރުކާރުގެ މަޝްރޫއުތައް ވެސް ނިންމަން: މުއްޠަލިބު

ސަރުކާރުން މަސައްކަތް ކުރަމުންދަނީ ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާއި މި ސަރުކާރުގެ އާ މަޝްރޫއުތައް ވެސް އެކުގައި ނިންމުމަށް ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު މުއްޠަލިބު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ކުރީ ސަރުކާރުން ސޮއިކޮށްފައިވާ ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހުރި ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައީ އަމިއްލަ މެނިފެސްޓޯއެއްގައި ރައްޔިތުންނަށް ވީ ވައުދުތަކަކާ އެކު ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަކީ ކުރީ ސަރުކާރުން ސޮއިކޮށްފައިވާ ހުރިހާ މަޝްރޫއުތަކެއް ވެސް ކުރިއަށް ގެންގޮސް ނިންމުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މަޝްރޫއުތައް ލަސްވާކަމަށް ކުރެވޭ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، "އަޅުގަނޑުމެން ސަރުކާރުން އެދޭހާ ބާރު ސްޕީޑުގައި މަސައްކަތްނުދާ ކަމަށް އަޅުގަނޑުމެން ވެސް ގަބޫލުކުރަން،" ކަމަށެވެ. ދައުލަތުގެ ބަޖެޓުން ކުރީގެ މަޝްރޫއުތަކާއި އާ މަޝްރޫއުތައް އެކުގައި ކުރިއަށް ގެންދަން ޖެހުމަކީ ޚައްސާސް ކަމެއް ކަމަށާއި، އެކަމަށް ވިސްނައިގެން މަސައްކަތް ކުރާއިރު ބައެއް ލަސްތަކާއި މައްސަލަތައް ދިމާވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާރު މަސައްކަތްތައް ރަނގަޅު ޝެޑިއުލެއްގެ ދަށުން ކުރިއަށްދާ ކަމަށެވެ. އެގޮތުން 2028 ވަނަ އަހަރުގެ މެދުތެރެއަށް ދާއިރު، ހުރިހާ މަސައްކަތްތަކެއް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެ ގޮތް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ޑރ.މުއްޠަލިބު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ