ލ. ހިތަދޫ ކުނަހަންދޫ ކޯޒްވޭ ނިންމައި 2028ގައި ބޭނުންކުރަން ފެށޭނެ: މުއްތަލިބް

ލ. ހިތަދޫ ކުނަހަންދޫ ކޯޒްވޭގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.މިއަދު މަޖިލީހުގައި، ލ.މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ވަނީ ލ.ހިތަދޫ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށާ، ނިމޭނެ ދުވަހެއް ސާފުކުރުމަށް ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބް ވަނީ، އެ މަސައްކަތުގެ ޓައިމްލައިން ތަފްސީލް ކޮށްދެއްވާފަ އެވެ.މުއްތަލިބް ވިދާޅުވި ގޮތުގައި ސާވޭގެ މަސައްކަތް ނިންމާ ޑިޒައިނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ޑިޒައިންތައް އެޕްރޫވްކޮށް އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު 20 ވަނަ ދުވަހު އެވެ."މި މަސައްކަތުގެ މުއްދަތަކީ 500 ދުވަސް ތެރޭގައި ނިންމުން. މަސައްކަތުގެ އަގަކީ 81 މިލިއަން ރުފިޔާ،" މުއްތަލިބް ވިދާޅުވި އެވެ.މި މަޝްރޫއުގެ ދަށުން 390 މީޓަރުގެ ރިވެޓްމެންޓަކާއި 157.5 މީޓަރުގެ ދިގު ދެ ބްރިޖާއި 714 މީޓަރުގެ ދިގު މަގެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވަނީ، މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވި ބައެއް ގޮންޖެހުންތައް ފާހަގަކުރައްވާފައެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން ވެރިކަން ނިމެން ކައިރިވެފައި ވަނިކޮށް، އެއްފަހަރާ އެތައް މަޝްރޫއެއްގައި ސޮއިކޮށްފައިވުމުގެ ސަބަބުން، މާލީގޮތުން ކަންކަން ޕްލޭންކޮށް ހުރިހާ މަޝްރޫޢެއް ނިމޭނެ ގޮތަކަށް ރަނގަޅު ތާވަލެއްގެ ދަށުން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދައުލަތުގައި ހުރި ފައިސާއިން މަޝްރޫޢުތައް އެންމެ އެކަށީގެންވާ ގޮތަށް ނިންމުމަށް އިސްކަންދެއްވާކަން މިނިސްޓަރުވަނީ ފާހަގަކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ