ނާސިހު ލޮރީގެ ދަށުވީ އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި!

މާލޭގެ ބޮޑުތަކުރުފާނު މަގުގައި އިއްޔެ ހިނގި އެކްސިޑެންޓުގައި، އުމުރުން 39 އަހަރުގެ މީހާ މަރުވީ، ސިނަމާލެ ބްރިޖުން ފައިބައިގެން އުސްފަސްގަނޑާ ދިމާލަށް ދަތުރުކުރި ބޮޑު ލޮރީ އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި އެ ވެހިކަލްގެ ދަށުވެގެން ކަމަށް ސީސީޓީވީ ފުޓޭޖު ފެނުނު ބައެއް މީހުން ބުނެފި އެވެ. 
އިއްޔެ ހަވީރު ހިނގި އެކްސިޑެންޓުގައި މަރުވީ އިބްރާހިމް ނާސިހު، ހުޅުމާލެ، ގޯތި ނަމްބަރު 20054/ގްރީންޕީކް، އެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ ނާސިހު މަރުވީ، ބަރު މުދާ އުފުލަން ބޭނުންކުރާ ދިގު، ޓްރެއިލާ ލޮރީއެއްގެ ދަށުވެގެން ކަމަށް ވިޔަސް އެ އުޅަނދުގެ ދަށުވާން މެދުވެރިވީ އެ އުޅަނދުގައި ޖެހި، އެކްސިޑެންޓު ވެގެން ކަމަށް ނުބެލެވޭ ކަމަށެވެ.
އެ އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖް ފެނުނު މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ އެކްސިޑެންޓު ހިނގީ ހިލަ ބަރުކޮށްގެން ދިޔަ 30 ޓަނުގެ ލޮރީގެ ވާތްފަރާތުން އޯވަޓޭކް ކުރަން އުޅެނިކޮށް ކަހާލައިގެން ގޮސް ލޮރީ ދަށުވެގެން ކަމަށެވެ.
"އެ މީހާ އިނީ ހެލްމެޓު އަޅައިގެން. ލޮރީގެ މެދަކާ ހިސާބުން އެ މީހާ ވެއްޓި ލޮރީގެ ދަށުވީ. ލޮރީގެ ދަށަށް ވެއްޓުނު ގޮތަށް [ފުރޮޅު ދަށުވެ] ބޯ ޗިސްޗިސްވެ ވަގުތުން މަރުވީ،" ސީސީޓީވީ ފުޓޭޖު ފެނުނު މީހާ ކިޔައިދިނެވެ. 
މި ހާދިސާ ހިނގީ ހުޅުމާލެއިން މާލެއަށް އެރި ފަހުން، ސްޓެލްކޯ ކައިރީ ހުންނަ ބަސް ސްޓޮޕާ ހިސާބުންނެވެ. 
ވީޑިއޯ ފެނުނު މީހުން ބުނި ގޮތުގައި، ސައިކަލް ދަށުވި މީހާ އުޅުނީ ލޮރީއާ އެއް ހަމައެއްގައި ދިޔަ އެހެން ސައިކަލާ ލޮރީއާ ދޭތެރެއިން ވަދެ ކުރިއަށްދާން ކަމަށް ބެލެވެ އެވެ. އެކަމަކު ކުރިއަށްދާނެ ޖާގަ ނުލިބުމުން ކުއްލިއަކަށް ބުރަކި ޖެއްސި ކަހާލައިގެން ގޮސް ލޮރީގެ ދަށުވީ ކަމަށް ބެލެވޭ ކަމަށް ބުންޏެވެ. 
އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނީ ނާސިހު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ