ރައްޔިތުން ވޯޓު ދިންތޯ ބެލުމެއް ނެތި ޚިދުމަތް ކުރާނަން: ޑރ މުއިއްޒު

ރަށްރަށަށް ކަންކަން ކޮށްދެއްވުމުގައި އެ ރަށުގެ ރައްޔިތުން ވޯޓު ދިނީ ކިހިނެތް، ކޮން ކެންޑިޑޭޓަކަށް ތޯ ނުބަލާނެކަމަށާއި ހުރިހާ ރަށްތަކް ހަމަހަމަކަމާއެކު ޚިދުމަތް ކޮށްދެއްވާނެ ކަމުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 
މިއަދު ރ މާކުރަތުގައި އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ޖަލްސާގައި އެރަށުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޑރ މުއިއްޒު ވިދާޅުވީ، ކޮންމެ ރަށަކަށްވެސް ދޭން ޖެހޭ ސަމާލުކަން އެއްވަރަކަށް އެރަށަށް ދެއްވާނެކަމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އެރަށެއްގެ ތިބި ރައްޔިތުން ވޯޓު ދިނީ ކޮން ގޮތަކަށްތޯއެއް ނުބައްލަވާނެކަމަށެވެ.
މީގެ އިތުރުން އެރަށެއްގައި ތިބީ ކޮން ޕާޓީއެއްގެ މީހުނެއްތޯ އާއި އެރަށެއްގެ ކައުންސިލް އޮތީ ކޮން ޕާޓީއަކަށްތޯއެއްވެސް ނުބައްލަވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.
Advertisement
އަދި މީގެ އިތުރުންވެސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އެފަދަ އެއްވެސް ތަފާތުކުރުމެއް ނެތި ކައުންސިލްތައް ބާރުވެރި ކުރުވައިގެން ރަށްރަށުގެ މަޝްރޫއުތައް ގާތުން ބަލައި ކުރިއަށް ގެންގޮސްދެއްވާނެކަމަށާއި ހުއްޓިފައި ހުރި މަޝްރޫއުތައް ވެސް ބާރަށް ކުރިއަށް ގެންގޮސްދެއްވާނެކަމަށެވެ.
އަދި ރައްޔިތުން ގެންނަން ބޭނުންވާ ބަދަލެއް ވާ ނަމަ އެ ބަދަލެއްވެސް މަޝްރޫއުތަކަށް ގެނެސްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.މުއިއްޒުގެ ވާހަކަފުޅުގައި ވަނީ މާކުރަތަށް ކޮށްދެއްވާނެ ތަރައްގީގެ ގިނަ ވައުދުތަކެއް ފާހަގަކުރައްވައިފައެވެ. އެގޮތުން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރޭގައި އެރަށު މަގު ހެދުން ކުރިއަށް ގެންގޮސްދެއްވާނެކަމަށާއި ޒުވާނުންގެ މަރުކަޒެއް ގާއިމްކޮށްދެއްވުމުގެ އިތުރުން ފުޓްސަލް ދަނޑު ފެންވަރު ރަނގަޅުކޮށްދިނުންމަށް ޑރ. މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ