މާދަމާ ދީބާޖާއަށް ބަދަލުގެ ގޮތުގައި 64 މިލިއަން ރުފިޔާ ދެނީ

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މަތި އުތުރު ޕްރޮވިންސްގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކުރި ދީބާ އިންވެސްޓުމެންޓު ކުންފުންޏަށް މާދަމާ 64 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރަން ތައްޔާރުވެއްޖެއެވެ.
ދީބާޖާއަށް ބަދަލު ނަގައިދެވިދާނެކަމަށް ސުޕްރީމް ކޯޓުން ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގައި ނިންމުމާއެކު، ނޮވެންބަރު މަހުގައި ސަރުކާރުންވަނީ ބަދަލު ނަގައިދިނުމުގެ ޚާއްޞަ އުސޫލެއް އެކުލަވައިލާ އާންމުކުރިއެވެ. ރައީސް އޮފީހުގެ އޮފިޝަލެއް ނަންނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އަށް މައުލޫމާތު ދިން ގޮތުގައި މިއީ ސީދާ ދީބާޖާއަށް ބަދަލު ދިނުމަށް އެކުލަވައިލި އުސޫލެކެވެ.
މި އުސޫލުގެ ދަށުން ދީބާޖާއަށް އެންމެ ފުރަތަމަ ދޭން އެއްބަސްވީ 100 މިލިއަން ރުފިޔާއެވެ. ނަމަވެސް ސަރުކާރުގައި ފައިސާ ނެތުމުގެ ސަބަބުން އެންމެ ފަހުން ނިންމީ ދީބާޖާއަށް ދޭ ފައިސާގެ އަދަދު 64 މިލިއަނަށް މަދުކުރުމަށެވެ. އެގޮތަށް އެއްބަސްވީ އަންނަ ސެޕްޓެންބަރު މަހުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެ ކުންފުނީގެ ވެރިން ރައީސް އިބްރާހީމަށް ތާއީދުކުރާ މަތިންނެވެ.
ޖަނަވަރީ މަހުގައި އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ފެށިގެން ދީބާޖާގެ ވެރިން އަންނަނީ ރައީސް އިބްރާހީމަށް ތާއީދުކޮށް އެމަނިކުފާނަށް ކެމްޕެއިންކޮށްދެމުންނެވެ. ރައީސް މުޙައްމަދު ނަޝީދާ ކުރިން ގާތް ގުޅުމެއް އޮތް ނަމަވެސް މިހާރު އެ ކުންފުނީގެ ވެރިން ތިއްބެވީ ރައީސް އިބްރާހީމާއެކުއެވެ.
އެމްޑީޕީގެ އިސްވެރިޔަކު "ދިޔަރެސް"އަށް ކަށަވަރުކޮށްދެއްވި ގޮތުގައި ދީބާޖާއަށް 64 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދެއްވަނީ އެ ފައިސާއިން ބައެއް އެމްޑީޕީގެ ކެމްޕެއިނަށް ދިނުން ޝަރުތުކޮށެވެ. މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލުވަނީ އޭނާގެ ބިގު ކުންފުންޏަށް ބަދަލުގެ ގޮތުގައި 30 މިލިއަން ރުފިޔާ ހޭދަކުރީ 2019 ވަނަ އަހަރުގެ މަޖިލީހުގެ ކެމްޕެއިނަށްކަމަށް އެއްބަސްވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ