ހަރަމްފުޅަށް ކެރޭން ވެއްޓުން: ބިންލާދިން ގްރޫޕް ކުށްވެރިވާ ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމައިފި

މައްކާ (15 އޮގަސްޓް 2023): ހިޖުރީ ގޮތުން 1436 ވަނަ އަހަރުގެ ހައްޖު މޫސުމުގައި މައްކާގެ ހަރަމްފުޅުގެ ތެރޭގައި ހައްޖުވެރިން ތޮއްޖެހިފައި ވަނިކޮށް އެތަނަށް ކެރޭނެއް ވެއްޓި ސަތޭކައަށްވުރެ ގިނަމީހުން މަރުވެ 200 އަށްވުރެ ގިނަމީހުން ޒަޚަމްވި ހާދިސާގެ ޒިންމާ ސައޫދީ ބިންލާދިން ގްރޫޕުން ނަގަންޖެހޭނެކަމަށް ނިންމައި ސައޫދީ އިސްތިއުނާފު ކޯޓުން އިއްވި ހުކުމް އެގައުމުގެ ސްޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ. މިމައްސަލަ އަލުން ބެލުމަށްފަހު ސައޫދީ ސްޕްރީމް ކޯޓުން އިއްޔެ އިއްވި ހުކުމުގައި ބުނެފައިވަނީ ކެރޭން ވެއްޓުމުގެ ހާދިސާގައި ބިން ލާދިން ގްރޫޕްގެ މައްޗަށް ކުށް ސާބިތުވާކަމަށާއި އެހާދިސާގެ ޒިންމާ އުފުލަންޖެހޭނީ އެކުންފުނިން ކަމަށް އިސްތިއުނާފު ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމުގައެވެ. ހަރަމްފުޅުގެ މައްޗަށް ކެރޭން ވެއްޓުނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. ކެރޭން ވެއްޓުނީ ބާރުގަދަ ވަޔާއެކު އެދުވަހު ކުއްލިގޮތަކަށް މައްކާއަށް އައި ކޮޅިގަނޑެއްގައެވެ. އެކެރޭންއަކީ ހަރަމްފުޅުގެ ސަރަހައްދު ބޮޑުކުރުމުގެ މަސައްކަތުގައި ބޭނުންކުރި ވަރަށް ބޮޑު ކެރޭނެކެވެ. ކެރޭން ވެއްޓުމުގެ މައްސަލަ ފުރުތަމަ ހުށަހެޅީ ސައޫދީ ޖިނާއީ ކޯޓަށެވެ. މައްސަލަ ބެލުމަށްފަހު އެކޯޓުން ނިންމީ ކެރޭން ވެއްޓުނީ އިންސާނެއްގެ ބާރު ނުހިނގާ ގުދުރަތީ ސަބަބެއް ދިމާވެގެންކަމަށާއި އެހެންކަމުން ބިންލާދިން ގްރޫޕާއި އެގްރޫޕުގެ އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވާކަމަށެވެ. ހަރަމްފުޅުގެ ތެރެއަށް ކެރޭން ވެއްޓިފައި ނަމަވެސް މައްކާގެ ސްޕްރީމް ކޯޓުގައި މިމައްސަލަ އިސްތިއުނާފު ކުރުމުން ސްޕްރީމް ކޯޓުން ވަނީ މި މައްސަލަ އަލުންބެލުމަށް މައްކާގެ އިސްތިއުނާފު ކޯޓަށް އަމުރުކޮށްފައެވެ. އިސްތިއުނާފު ކޯޓުންވެސް ފުރަތަމަ ނިންމީ ޖިނާއީ ކޯޓްގެ ހުކުމު ރަނގަޅު ކަމަށެވެ. ކެރޭން ވެއްޓުނީ އިންސާނެއްގެ ބާރު ނުހިނގާ ގުދުރަތީ ސަބަބެއް ދިމާވެގެންކަމަށާއި ނަތީޖާއެއްގެ ގޮތުން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވާކަމަށެވެ. ނަމަވެސް މައްކާގެ ސްޕްރީމް ކޯޓުން މިނިންމުން ގަބޫލެއް ނުކުރިއެވެ. ސްޕްރީމް ކޯޓުން އިސްތިއުނާފު ކޯޓަށް އަމުރުކުރީ މައްސަލަ މުރާޖާ ކުރަންޖެހޭނީ ފަނޑިޔާރުންގެ އައު ބެންޗަކުން ކަމުގައެވެ. އެބެންޗްގައި ކުރީގެ ހުކުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކު ހިމަނައިގެން ނުވާނެކަމަށްވެސް އެކޯޓުގެ އަމުރުގައިވެއެވެ. އައު ފަނޑިޔާރުންގެ ބެންޗުން މައްސަލަ އަލުން ބަލައި މުރާޖައާ ކުރުމަށްފަހު މިއަހަރުގެ ކުރީކޮޅު ނިންމީ މިމައްސަލާގައި ބިން ލާދިން ގްރޫޕްގެ އިހުމާލު ވަރަށް ބޮޑުކަމަށާއި އިހުމާލުގެ އަދަބެއްގެ ގޮތުން އެކުންފުނި 20 މިލިއަން ރިޔާލް (ފަސް މިލިއަން ޑޮލަރު)އިން ޖޫރިމަނާ ކުރުމަށެވެ. މީގެއިތުރުން އެކުންފުނީގެ އަށް ޑިރެކްޓަރުންގެ ތެރެއިން ކޮންމެ މީހަކުވެސް ތިން އަހަރަށް ޖަލަށްލުމަށާއި އެއިން ކޮންމެ މީހަކު 30 ހާސް ރިޔާލުން ޖޫރިމަނާކުރުމަށްވެސް ނިންމާފައިވެއެވެ. މި އަށް ޑިރެކްޓަރުންނަކީ ބިންލާދިން ގްރޫޕް ނުވަތަ އެކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނެވެ. މިމައްސަލަ އަލުން ސްޕްރީމް ކޯޓަށް ވެއްދުމުން ސްޕްރީމް ކޯޓުން އިއްޔެ ނިންމީ އިސްތިއުނާފު ކޯޓުގެ ދެވަނަ ހުކުމް މުޅިން ރަނގަޅު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ