ގައްބަރޭ ދޫކޮށްލުމަށް މެމްބަރު ޒަރީރު ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަރާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲ (ގައްބަރޭ) ދޫކޮށްލުމަށް ޒަރީރު ގޮވާލައްވައިފިއެވެ.
ގައްބަރޭ ދޫކޮށްލުމަށް ޒަރީރު ގޮވާލާފައި މިވަނީ އެމްޑީޕީގެ އެކްޓިވިސްޓުންތަކެއް ސޯޝަލް މީޑިއާގައި ގައްބަރޭ ދޫކޮށްލުމަށް ކެމްޕޭނެއް ފަށާފައި ވަނިކޮށެވެ. އަދި ގައްބަރޭ، ފުލުހުންގެ ހައްޔަރުގައި ހުރީ އޭނާ އާއި ދެކޮޅަށް އެއްވެސް ހެއްކެއް ނެތި ކަމަށް އެ އެކްޓިވިސްޓުން ބުނެއެވެ.
އަންގާރަ ދުވަހު ޒަރީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގައްބަރޭއަކީ އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށާއި ގައްބަރޭ މިނިވަންކުރުމަށް ބޭނުންވާކަމަށެވެ.
ގައްބަރޭގެ ބަންދަށް ކޯޓުން ފުރަތަމަ 30 ދުވަސް ދިންނަމަވެސް އޭގެ ފަހުން 15 ދުވަސް އޭނާގެ ބަންދަށް އިތުރުކުރިއެވެ. އެ 15 ދުވަސް ޖުލައި ހަޔަކަށް ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް އެ ދުވަހު ހާޒިރުކުރުމުން ގައްބަރޭ ވަނީ ދޫކޮށްލާފައެވެ. އަދި ގައްބަރޭ ބަންދުން ދޫކޮށްލި އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އޮގަސްޓުމަހުގެ 13 ވަނަ ދުވަހު ނިންމީ އޭނާ ބަންދުން ދޫކޮށްލި އަމުރު ބާތިލްކޮށް އަލުން ހައްޔަރު ކުރުމަށެވެ.
މީގެ އިތުރުން ތިން ފަންޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ބުނީ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން އެ މީހުން އަލުން ބަންދުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ނުވަތަ ފުލުހުންގެ ފަރާތުން ދަށު ކޯޓަށް ހަތް ދުވަހުގެ ތެރޭގައި ހުށަހަޅައިފި ނަމަ، އެ އަމުރު ނެރެދޭން ޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ