ސްކޫލް ސާމާނު ހޯދައިފިންތަ؟ ބާކީ އޮތީ 20 ދުވަސް

ކޮންމެ އަހަރެއްގެ ދިރާސީ އާ އަހަރަށް ތައްޔާރުވުމަށް ޔުނިފޯމާއި ދަބަހާއި ބޫޓު ގަތުމާއި ފޮތްތައް ހޯދައި އޭގައި ކަރުދާސް ލެއްވުމަށް ގިނަ ވަގުތުތަކެއް ހޭދަވެ އެވެ.
ސުކޫލަށް ބޭނުންވާ ތަކެތި ހަމަޖެހިލައިގެން ގަންނަން ބޭނުން ނަމަ ބާޒަރަށް ނުކުންނަންވީ މިހާރެވެ. ބޮޑު ޗުއްޓީއަށް ފަހު 7 އޮގަސްޓްގައި ސްކޫލު ހުޅުވެން ދެން އޮތީ ބާކީ 20 ދުވަހެވެ.
މި އަހަރުގެ ސްކޫލް ސީޒަން ފެށިގެން އަންނަ އިރު ވެސް ފެންނާނީ ކުރިއެކޭ އެއް މަންޒަރެކެވެ. އީދު ބަންދަށާއި ބޮޑު ޗުއްޓީއަށް އެކި ރަށްރަށަށް ޒިޔާރާތް ކުރުމަށް ފަހު އެނބުރި އަންނަ ގޮތަށް އެއް ބަޔަކު ދުރާލާ ތައްޔާރު ވާން ފަށަ އެވެ. އަނެއް ބަޔަކު ޗުއްޓީ ނިންމާފައި އެނބުރި އަަންނާނީ ސްކޫލް ހުޅުވޭ ދުވަހާ ކައިރިކޮށްފަ އެވެ.
ސްކޫލް ޝޮޕިންގެ ހަރަދު ކުޑަ ކުރެވޭނެ އަދި ލުއިވާނެ ބައެއް ގޮތްތައް އެބަހުއްޓެވެ. 
ސްކޫލަށް ބާޒާރު ކުރަން ފެށުމުގެ ކުރިން ކުރަން އެންމެ ބުއްދިވެރި އެއް ކަމަކީ ރަނގަޅު ބަޖެޓެއް ހެދުމެވެ. ބޫޓާއި ދަބަހާއި ޔުނީފޯމާއި ސްޕޯޓްސް ޔުނީފޯމް އަދި ލަންޗްބޮކްސް އެއްފަހަރާ ހޯދަން ޖެހުމަކީ ޖީބަށް ބޮޑު ބުރައަކަށް ވެދާނެ އެވެ. ހާއްސަކޮށް އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން ތިބި ނަމަ މިއީ ހިނގާނެ ބޮޑު ހަރަދެކެވެ.
ސްކޫލަށް ގަންނަން ޖެހޭ ސާމާނަށް ހޭދަ ކުރުމުގެ ކުރިން ބަޖެޓެއް ކަނޑައަޅާށެވެ. އަދި ބޭނުންވާ ސާމާނު ލިސްޓް ކުރުން މުހިއްމެވެ. ލިސްޓަށް ލާންވީ ކޮންމެހެން ނުގަނެ ފަރުނުޖެހޭނެ އެއްޗެއްސެވެ. ބޭނުންވާ ހުރިހާ އެއްޗަކީ ކޮންމެހެން ބޭނުން އެއްޗެހި ކަމުގައި ނުވެދާނެ އެވެ.
ސްކޫލް ފޮތް ލިސްޓާ އެކު ދޭ ސްޓޭޝަނަރީ ވައުޗަރުގައި ސަރުކާރުން ހިލޭ ދޭ ފޮތް ދަބަހެއް ވެސް ހިމެނެ އެވެ. އެއީ ސްކޫލަށް ގެންދަން ހެޔޮވަރު ދަބަހެކެވެ. އެއް ބަޔަކު މި ދަބަސް ދޫކޮށްލައި އެހެން ދަބަހެއް ގަނެ އެވެ. ވަކި ބްރޭންޑެއްގެ ދަބަހެއް ހޯދުމަށް ނުވަތަ އިންޓަވަލް ދަބަހާއި ފޮތް ދަަބަސް ގުޅުވާލުމަށެވެ. މިއީ ކޮންމެހެން މުހިއްމު ކަމެއް ނޫނެވެ. ހުރިހާ އެއްޗެއް އެއް ޑިޒައިނަކުން ސެޓެއް ހަމަ ކުރާ ނަމަ އަގު ބޮޑުވެދާނެ އެވެ. 
އެންމެ ފުރަތަމަ ވަންނަ ފިހާރައިން ހުރިހާ އެއްޗެއް ގަތުމުގެ ބަދަލުގައި އެކި ތަންތަނުގެ އަގުތައް އަޅާބަލާށެވެ. އޮންލައިންކޮށް ރާއްޖޭގައި ހިންގާ ޕޭޖްތައް ވެސް ބަލާލާށެވެ.
ރާއްޖެއިން ބޭރުން ބައެއް ތަކެތި އޮންލައިންކޮށް ގަނެފި ނަމަ އަތުން ހަރަދުވާނީ ކުޑަ އެއްޗެކެވެ. މި ގޮތަށް ބާޒާރުކުރަން ވެސް އަދި ވަގުތު އެބަ އޮތެވެ. މިހާރު އޯޑަރު ދީފި ނަމަ ސްކޫލް ހުޅުވެންވާ އިރަށް ލިބުމުގެ ފުރުސަތު ބޮޑެވެ.
މިކަހަލަ ބައެއް ބަދަލުތައް ގެނެސްގެން ހަރަދު ކުޑަކުރެވިދާނެ އެވެ.
ސްކޫލް ދަބަސް ނުވަތަ ބެކްޕެކެއް ގަންނަ ނަމަ، އޭގެ ޑިޒައިނަށް ބެލުމަށް ވުރެ މުހިއްމީ ކޮނޑުގައި އަޅުވަން އަދި ގެންގުޅުން ފަސޭހަ ދަބަހެއްތޯ ބެލުމެވެ.
ސްކޫލް ދަބަހަކީ ކޮންމެ ދުވަހަކު ބޭނުން ކުރާ އެއްޗެކެވެ. ދިގު މުއްދަތަށް ބޭނުންކުރެވޭ، ފެންވަރު ރަނގަޅު ދަބަހެެއް ހޯދުން މުހިއްމުވަނީ މި ސަބަބާ ހުރެ އެވެ.
ސްކޫލް ދަބަސް ގަތުމުގެ ކުރިން މި ކަންކަމަށް ވިސްނާލާށެވެ:
ފޮތްތައް އެޅުމުން ބަރުދަން ހަމައަށް ބެހިފައިވާ ދަބަހެއްތޯ ބެލުން މުހިއްމެވެ. 
ދަބަހުގެ ވާގަނޑު ވީހާވެސް ފުޅާކޮށް ސްޕޮންޖް ލައްވާފައި ހުރެއްޖެ ނަމަ ގިނަ ވަގުތު އަދި ބަރުކޮށް ވެސް އަޅުވަން ކުއްޖާ އަށް ފަސޭހަ އެވެ. ހައްޓަށް ލުއިވެ އެވެ.
މިފަހުގެ ބެކްޕެކްތަކުގައި ބުރަކަށީގައި ޖެހޭ ބައިގައި ވެސް ހުންނަނީ ކުދިންނަށް ފަސޭހަވާނެ ގޮތަށް ސްޕޮންޖް ލައްވާފަ އެވެ. ދަބަސް ހުރީ މިގޮތަށްތޯ ބެލުން ރަނގަޅެވެ. 
ބޮޑެތި ގްރޭޑްތަކުގެ ދަރިވަރުން ގިނަ ތަކެތި ސްކޫލަށް ގެންދަން ޖެހޭތީ ގިނަ ބައިބައި ލާފައި ހުންނަ ދަބަސް ފަސޭހަވެދާނެ އެވެ. 
ކުއްޖާއާ އެކަށޭނަ ސައިޒެއްގެ ދަބަހެއް ހޯދުން މުހިއްމެވެ. ދަބަސް ގަތުމުގެ ކުރިން ކުއްޖާއަށް ހެޔޮވަރުތޯ ބަލާށެވެ. ދަބަސް މާ ބަރުނުކުރުމަށް ސްކޫލަށް ވެސް ބާރުއަޅާށެވެ.
ސްކޫލަށް ދިއުމަށް ހަމަކުރަންޖެހޭ ތަކެތީގެ ތެރެއިން ޔުނިފޯމަކީ ބޮޑު ހަރަދެއް ދާ އެކައްޗެވެ. ކޮންމެ ކުއްޖަކަށް ވެސް އެއް ޔުނީފޯމަށް ވުރެ ގިނައިން ހޯދަން ޖެހެ އެވެ. 
ޔުނިފޯމު ފެހުމާއި ގަތުމުގެ އަގުގެ ތަފާތު ބަަލާލުން ރަނގަޅެވެ. 
ފަހާ މީހުންނާ ސުވާލުކޮށްލުމުން އެނގުނު ގޮތުގައި އާއްމުކޮށް ޔުނިފޯމެއްގެ މަތީ ބައި އެކަނި ވެސް ފަހައިދޭ އަގު އުޅެނީ 100 ރުފިޔާ އިން މަތީގަ އެވެ.
ބައެއް މީހުން ބުނާ ގޮތުގައި ފޮތި ގަނެގެން ފެހުމުގެ ބަދަލުގައި ޔުނިފޯމް ގަތުމުން ހަރަދު ކުޑަ އެވެ. އަދި ރެޑީމޭޑްކޮށް ލިބެން ހުންނާތީ ކޮންމެ އިރަކު ވެސް ގޮސް ޔުނިފޯމް ގަނެލެވެ އެވެ. ނަމަވެސް ހުރިހާ ސްކޫލެއްގެ ޔުނިފޯމް މި ގޮތަށް ގަންނަން ނުލިބޭތީ އެއް ބަޔަކަށް ޔުނިފޯމް ފައްސަން މަޖުބޫރުވެ އެވެ.
ފެހިޔަސް، ގަތަސް، މިއީ، ހަމަޖެހިލައިގެން ޔުނިފޯމް ހޯދަން އެންމެ ރަނގަޅު ވަގުތެވެ. ދުރާލާ އުޅެފި ނަމަ، ވިއްކަން ހުންނަ ޔުނިފޯމްތަކުގެ ސައިޒު ހުސްވުން ފަދަ މައްސަލަތައް ދިމައެއް ނުވެ އެވެ.
ފަހާ ތަންތަނުން ޔުނިފޯމް ފެހުމަށް ބާރުބޮޑުވަނީ ސްކޫލް ހުޅުވޭ ދުވަސް ކައިރިވާ ވަރަކަށެވެ. ފަހާ މީހުން އެންމެ ފަހު ވަގުތު ކިޔާ އަގު ވެސް މަތިވެ އެވެ. ދުރާލާ ފައްސަން ދިނަސް، ސްކޫލް ހުޅުވެން އެއް ދުވަސް ކުރިން ކިރިޔާ ޔުނިފޯމް ލިބޭ ވަރު ވަނީ، ގިނަ ފަހަރަށް، އޮންނަ ޑިމާންޑާ ހެދި އެވެ. ވަގުތު އޮއްވާ ފައްސަން ނުދީފި ނަމަ ދެން ޖެހޭނީ ފަހާ މީހާ ފަހާ ދުވާށެވެ.
ވަކި ތަނަކުން ގަންނަން ޖެހޭ އެކްޓިވިޓީ ޔުނީފޯމް ހޯދަން ވެސް ކޮންމެ އަހަރަކު ބޮޑު ތުރާލަކާ ކުރިމަތިލާން ޖެހެ އެވެ.
ދިރާސީ އާ އަހަރަކަށް މުޅިން އާ އެއްޗެހި ހޯދުން ކޮންމެހެން މަޖުބޫރެއް ނޫނެވެ. މިދިޔަ އަަހަރު ބޭނުން ކުރުމަށް ފަހު ރަނގަޅު ހާލަތުގައި ހުރި އެއްޗެހި މި އަހަރު ވެސް ބޭނުން ކުރާށެވެ. 
ކުޑަކުދިންނަށް މިކަމުން ދަސްވަނީ ކުނި މަދުކޮށް، ތިމާވެއްޓާ ރައްޓެހި ގޮތުގައި ދިރިއުޅުމުގެ ރީތި ސިފަ އެވެ. އިސްރާފުނުކުރުމާއި ކޮންމެހެން ބޭނުން ޖެހިގެން ނޫނީ އެއްޗެހި ނުގަތުމުގެ އާދަ އެެވެ.
ސްކޫލު ޔުނިފޯމާ އެކު ބޭނުން ކުރާ ޓައި، ބެލްޓް، އަންޑަސްކާޓް، ޕެޓީ އަދި ބޮލުގައި ޖަހާ ދަތި ފަދަ އެހެނިހެން ސާމާނަކީ މާ ބޮޑު ނޫނަސް ކޮންމެވެސް ވަރެއްގެ ހޭދައެއް ކުރަންޖެހޭ ތަކެއްޗެވެ. މިދިޔަ އަހަރު ބޭނުން ކުރި މި ތަކެތި ރަނގަޅު ހާލާތުގައި ހުރި ނަމަ އަލުން މި އަހަރު ވެސް ބޭނުން ކުރާށެވެ.  
ޔުނިފޯމް ހޯދުމުގައި ވެސް މި ވިސްނުން  ގެންގުޅުން ރަނގަޅެވެ. އާއްމުކޮށް ޔުނިފޯމުގެ ތިރީ ބައި ނުވަތަ ފަޓުލޫނާއި ސްކާޓަކީ އެހާ އަވަހަށް ބާވާ އެއްޗެއް ނޫނެވެ. ކޮންމެހެން އާކުރަން ނުޖެހޭ ނަމަ ނުކުރިޔަސް ހަމަ ރަނގަޅެވެ. 
އަހަރުގެ މެދުތެރޭ އާ ކުރި ސްކޫލް ސާމާނު އަލުން ނުގަތުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ދަބަސް، ލަންޗްބޮކްސް އަދި ފެން އަޅާ ފުޅި ކަހަލަ ތަކެތި މި އަހަރުގެ ކުރީކޮޅު އާކޮށްފައިވާ ނަމަ އަލުން މި ތަކެތި ގަތުމުގެ ބޭނުމެއް ނެތެވެ.
ރަނގަޅު ހާލަތުގައި ހުރި ތަކެތި ހަދިޔާ ކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ބައެއް ފަހަރު ބޫޓަކީ ބާ ނުވަނީސް ކުޑަވުމުގެ ސަބަބުން އެހެން ކުއްޖަކަށް ދެވިދާނެ އެއްޗެކެވެ.
ދިރާސީ އާ އަހަރަކަށް ތަކެތި ގަނެ، ތައްޔާރުވުމުގައި ކުދިން ބައިވެރި ކުރާށެވެ. ޗުއްޓީ އަށް ފަހު އަލުން ސްކޫލް ހުޅުވުމަކީ ކުއްޖާއަށް މުހިއްމު ވަގުތެކެވެ.
ކުދިން ގޮވައިގެން ބާޒަރަށް ދާން ހަވީރާއި ރޭގަނޑުގެ ބާރުބޮޑު ގަޑިތަކަށް ވުރެ ރަނގަޅީ ދުވާލުގެ ކުރީކޮޅެވެ. މިކަމަށް ވަގުތު ހޯދާށެވެ. ސައިކަލުގައި ދިޔުމަށް ވުރެ ހިތަށް ފަސޭހައީ ހިނގާލާފައި ގޮސް މިކަން ނިންމާލުމެވެ. ހިނގާފައި ދިއުމުން، ޕާކިން ޖާގަ ހޯދަން ވަގުތު ނަގާނުލައި، ކައިރި ކައިރީގައި ހުންނަ ގިނަ ފިހާރަތަކެއް އަވަހަށް ބަލާލެވެ އެވެ.
ސްކޫލަށް ދިއުމަށް ވާން ޖެހޭ އެންމެހާ ތައްޔާރީތައް ވެފައިވާ ކަމުގެ ޔަގީންކަން ކުއްޖާއަށް އޮތް ނަމަ، ކުރިއަށް އޮތް ދިރާސީ އަހަރަކީ ކާމިޔާބު އަހަރަކަށް ހެދުމަށް، މައިންބަފައިންގެ ފަރާތުން ބޭނުންވާ އެހީތެރިކަން ލިބޭކަން ޔަގީންވެ އެވެ. ގަދައަޅާ ކިޔަވަން ހިތްވަރު ލިބެ އެވެ. އެހެންވީމާ މިކަން އަވަހަށް ފަށާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ