ގާސިމް ގޮވާލެއްވީ ޔާމީނަށް އިންސާފު ހޯދައިދޭން

ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނާ މިއަދު ބައްދަލު ކުރެއްވުމަށް ފަހު، އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ލިބެން ޖެހޭ ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ދިފާއުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޓްވީޓެއް ކުރައްވައިފި އެވެ.ގާސިމްގެ ޓްވީޓެއްގައި ވިދާޅުވީ ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ އެއް މަގުސަދަކީ މިނިވަން ކަމާއި އިންސާފުވެރި ކަމާ އެކު އަދުލު އިންސާފު ގާއިމްކޮށް ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރު ކުރުން ކަމަށެވެ."އެހެންކަމުން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ހައްގުތައް ފުރިހަމައަށް ލިބެން ޖެހެ. އެއީ ރައީސް ޔާމީން ކަމަށް ވިޔަސް ނުވަތަ އެހެން ދިވެހި ރައްޔިތެއް ކަމަށް ވިޔަސް، އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގެއް. އަދި އެއީ އިންސާނީ ހައްގެއް." ގާސިމް ވިދާޅުވި އެވެ.ގާސިމް އިޝާރާތް ކުރެއްވީ، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި ކުރިއަށް ދަނިކޮށް އެ މައްސަލައާ ހަވާލުވެ ހުންނެވި ބައެއް ފަނޑިޔާރުން ޗުއްޓީ ނަންގަވަން އޮތުމުން އުފެދިފައިވާ ކަންބޮޑުވުމަށެވެ.އެނގިފައިވާ ގޮތުގައި ފަނޑިޔާރު ހުޒައިފާ މުހައްމަދު ހުންނެވީ އާއިލީ ޒިންމާގެ ޗުއްޓީ ނަންގަވައިގެންނެވެ. އެ ޗުއްޓީ ނެންގެވީ އޭނާގެ ދަރިފުޅެއްގެ ބަލި ހާލަތު ހުންނެވި ގޮތުން ކަމަށް މައުލޫމާތު ލިބެ އެވެ.އޭގެ އިތުރަށް ފަނޑިޔާރު މުހައްމަދު ސަލީމް ވެސް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޗުއްޓީއެއް ނަންގަވާ ގޮތަށް ހަމަޖެހިފައިވާ ކަން އެނގިފައިވެ އެވެ.ފަނޑިޔާރުންގެ ޗުއްޓީއާއި ޒާތީ މައުލޫމާތު ހުރި ކަމަކަށް ވުމުން ހައި ކޯޓުން މާ ބޮޑު ތަފުސީލެއް ނުދިނެވެ.ރައީސް ޔާމިންގެ ދިފާއުގައި ގާސިމް ވާހަކަ ދައްކަވާފައި ވާއިރު، އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ލީޑަޝިޕުން މިއަދު ވަނީ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ގާސިމާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.ސަރުކާރު ކޯލިޝަންގައި ހިމެނުނު ނަމަވެސް ގާސިމްގެ ޖުމްހޫރީ ޕާޓީން ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމައި، އެ ޕާޓީގެ ރިޔާސީ ޓިކެޓު ގާސިމަށް އަރުވައިފައެވެ. އަދި، އެ ޕާޓީން އަންނަނީ ރިޔާސީ ކެމްޕޭން ވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ