ފައިސާ ދެއްކީ ޝަހީދު އެކަނި، އެހެން ބޭފުޅުންނާ މެދު ފިޔަވަޅު އަޅަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ވެރިންގެ ތެރެއިން، ދައުލަތް ފައިސާ ދައްކަން ޖެހިފައިވާ ފަރާތްތަކުން އެ ފައިސާ ދެއްކުމަށް ފިނޭންސް މިނިސްޓްރީ އިން މިދިޔަ ހަފްތާ އެންގި އެންގުމާ ގުޅިގެން، ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު ޝަހީދު އެ ފައިސާ މިއަދު ދައުލަތަށް ދައްކަވައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ފޮނުއްވި ސިޓީއަށް ޑރ. ޝަހީދު އިޖާބަ ދެއްވައި މިއަދުގެ ވަގުތެއްގައި އެ ފައިސާ އަނބުރާ ދައުލަތަށް ދައްކަވާފައިވާ ކަމަށެވެ. އދ ގެ އިސް މަގާމެއް ފުރުއްވަމުން ގެންދަވާ ޝަހީދު ދެއްކެވީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ. އޭނާ ވިދާޅުވީ އެ މައުލޫމާތު އަދި ހާމަކުރާ ގޮތަށް ހަމަޖެހިފައި ނެތް ކަމަށެވެ. ނަޝީދު ވެސް ހިމެނޭ ގޮތަށް އެމަނިކުފާނުގެ ސަރުކާރުގެ ހަތް ވަޒީރުން ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ދިން ހަތް ދުވަހުގެ މުއްދަތު ހަމަވި އިރު ފައިސާ ދެއްކީ ޝަހީދު އެކަނިކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"ދައުލަތަށް ލިބެން ހުރި ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓަރު ފެއްޓެވި މަސައްކަތަށް މިއީ ލިބުނު ކުރިއެރުމެއް،" އޮފިޝަލް ވިދާޅުވި އެވެ. އެފަދަ ފައިސާތައް ހޯދުމުގެ މަސައްކަތް ހުއްޓާނުލާ މިނިސްޓްރީ އިން ކުރިއަށް ގެންދަވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު ބައެއް ފަރާތްތަކުން ގެންދަވަނީ އެ ފައިސާ ދައްކަން ނުޖެހޭ ކަމަށް ވިދާޅުވަމުންނެވެ. ފައިސާ ނުދެއްކި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފިނޭންސުން މިރޭ ވެސް ބުންޏެވެ.
ނަޝީދުގެ އިތުރުން ފައިސާ ދައްކަން އަންގާފައި ވަނީ، ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި އަޙްމަދު ނަސީމް އާއި ހޯމް މިނިސްޓަރުކަން ކުރެއްވި، މިހާރުގެ މާލޭ މޭޔަރު، މުހައްމަދު ޝިހާބާއި ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޝައިހު ހުސެއިން ރަޝީދު އަހްމަދު، އަދި ކުރީގެ ކަސްޓަމްސްގެ ކޮމިޝަނާޖެނެރަލް މުހައްމަދު އަސްވާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ