ޅ. އޮޅުވެލިފުށިއަށް ދިމާވެފައިވާ ޒަމާންވީ ކަރަންޓުގެ މައްސަލައަށް އަންނަ ރޯދަ މަހުގެ ކުރިޔަށް ހައްލު ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު މިއަދު އެންމެ ފުރަތަމަ ރަށެއްގެ ގޮތުން ވަޑައިގަތީ އޮޅުވެލިފުއްޓަށެވެ. ރަށުގެ ރައްޔިތުންނާއި މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ ރަށުގައި ފެށިގެން ދިޔަ ފަސް މަޝްރޫއަކީ ވެސް ނުހަނު ބޭނުންތެރި މަސައްކަތްތައް ކަމަށެވެ. ހާއްސަކޮށް ބަނދަރުގެ މަސައްކަތާއި، ބިން ހިއްކުމުގެ މަސައްކަތް ރައީސް ފާހަގަކުރެއްވި އެވެ.
އޮޅުވެލިފުށިއަށް ބިމުގެ ޖާގައިގެ ބޮޑު ދަތިކަމެއް ދިމާވެފައިވާއިރު ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ ދަށުން 15 ހެކްޓަރުގެ ބިން ހިއްކިގެންދާނެ އެވެ. އަދި މި މަސައްކަތާއި އެކު، ގޮނޑުދޮށް ހިމާޔަތް ކުރެވިގެން ދާނެކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަށުގައި ފެށިގެން ދިޔަ މަޝްރޫއުތަކާއި، ސޮއި ކުރި ޕްރޮޖެކްޓުތައް ވެސް އެއްވެސް ޑިލޭއެއް ނައިސް ކުރިޔަށްދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.
ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ މި ދެންނެވި ހުރިހާ މަސައްކަތެއް ވެސް ބާރު ސްޕީޑެއްގައި ވެސް ކުރިޔަށް ގޮސް ނިންމައިދޭނެކަމަށް.. އަދި މި ރަށުގައި ވެސް ހުއްޓިފައި ހުރި، އަދި ހައްލު ކުރަން ޖެހޭ މަސައްކަތްތައް ވެސް އެބަހުރި..
އޮޅުވެލިފުށިއަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައި ވަނީ، ރަށުގެ ކަރަންޓުގެ މައްސަލައަށް ހައްލެއް އައުންކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެންމެ ބޮޑު މައްސަލައަކީ ނެޓްވޯކްކަމަށްވުމާއި އެކު، ވަރަށް އަވަހަށް މި މައްސަލައަށް ހައްލު ގެނައުމަށް މަަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.
ކައުންސިލާއި އެކު އޮތް ބައްދަލުވުމުގައި މިކަން މެމްބަރުން ފާހަގަކުރައްވާފައި ވާތީ، ރޯދައިގެ ކުރިޔަށް ޖުމްލަ ހައްލެއް ގެނެެސްދޭނެކަމުގެ ޔަގީންކަން ދީފައިވާނެކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ކަރަންޓުގެ މައްސަލައަށް ހައްލު ބޭނުންވާތީ މީގެ ކުރިން ވެސް އެކިފަހަރު މަތީން ޝަކުވާތަކާއި ސިޓީތައް ވެސް ހުށަހަޅާފައި އެބަހުއްޓެވެ.
އެހެންކަމުން މި މައްސަލަ ވަރަށް ސީރިއަސްކޮށް ނަގައި، ކަމާއި ބެހޭ ފަރާތްތަކާއި ވާޙަކަ ދައްކަވާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރޯދަ މަހުގެ ކުރިން އޮޅުވެލިފުށީގެ ކަރަންޓުގެ މައްސަލަ ހައްލުކޮށްދޭނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ