ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ސޯބެ ކާމިޔާބު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރައްވައިފި އެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރަކަށް ކުރިން ހުންނެވި ޕީއެންސީގެ މެމްބަރު އަހުމަދު ސިނާންގެ މެމްބަރުކަން ސާބިތު ދަރަންޏަކާ ހެދި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުންނެވެ. 
އެހެންވެ، މިއަދު ބޭއްވި ބައި އިލެކްޝަންގައި ވާދަކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އަދި އިދިކޮޅު އެމްޑީޕީން ސޯބެ އެވެ. 
އެ އިންތިހާބުގެ ރަސްމީ ނަތީޖާ މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ނުކުރި ނަމަވެސް، އެ އިންތިހާބުގެ އެންމެ ފޮށްޓެއް ފިޔަވައި އެހެން ހުރިހާ ފޮށްޓެއްގެ ނަތީޖާއިން ސޯބެ ވަނީ ކުރި ހޯއްދަވައިފަ އެވެ.
އެހެންވެ، އެ ދާއިރާގެ ގޮނޑި އޭނާއަށް މިހާރު ވަނީ ކަށަވަރުވެފަ އެވެ. 
އެ ދާއިރާ އަށް ވޯޓުލުމުގެ ހައްގު 4،121 މީހުންނަށް ލިބިފައިވެ އެވެ. އެއީ 2،073 އަންހެނުންނާއި 2،048 ފިރިހެނުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ