ފީފާ ވޯލްޑް ކަޕުގައި މިއަދު މެތިއަސް
ކޫންޔާގެ ދެ ގޯލާ އެކު ހެއިޓީ އަތުން 3-0 އިން މޮޅުވެ ބްރެޒިލުން ގްރޫޕް ސީ ގެ
އެއް ވަނަ އަށް އަރައި ދެ ވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފި އެވެ.
ފުރަތަމަ މެޗުގައި މޮރޮކޯއާ 1-1 އިން
އެއްވަރުވި ބްރެޒިލް އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ރޭ
ސްކޮޓްލެންޑް އަތުން 1-0 އިން މޮޅުވި މޮރޮކޯ އަށް ވެސް ހަތަރު ޕޮއިންޓް ވަނީ
ލިބިފަ އެވެ. ބްރެޒިލަށް ކުރި ލިބެނީ ގޯލު ތަފާތުންނެވެ. ސްކޮޓްލެންޑް ތިން
ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު، ޕޮއިންޓެއް ނުލިބި ފުލުގައި އޮތް ހެއިޓީ
މިވަނީ މުބާރާތުން ކަޓައިފަ އެވެ.
ހެއިޓީ އިން މިރޭގެ މެޗުގައި ކުޅުނީ އެ
ފެންވަރުގެ ޓީމުތަކުން އާއްމުކޮށް ކުޅޭ ވަރަށް ވުރެ ކުރިއަށް ޖެހިގެން ކަމުން
ފުރަތަމަ ހާފުގައި ބްރެޒިލަށް އޮތީ އެ ޓީމުގެ ހަލުވި، ޓެކްނިކަލީ މޮޅު ކުޅުންތެރިންގެ
ބޭނުން ހިފަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ.
އަރިމަތިން ވިނީޝިއަސް ޖޫނިއާ (ވިނީ) އުފެއްދި
ހަމަލާއެއްގައި ފުރަތަމަ ގޯލް ޖެހީ 23 ވަނަ މިނެޓުގައި މެންޗެސްޓާ ޔުނައިޓެޑުގެ
ފޯވާޑް ކޫންޔާ އެވެ. ހެއިޓީގެ ޑިފެންޑަރު ހަނެސް ޑެލްކްރޮއިކްސް ދިފާއުކުރި ބޯޅަ
ގޯލަށް ވަނީ ކޫންޔާގެ ފައިގައި ޖެހި ކުޑަކޮށް މިސްރާބު ބަދަލުވެގެންނެވެ.
ބްރެޒިލްގެ ދެ ވަނަ ލަނޑު 36 ވަނަ
މިނެޓުގައި ދުރުން ފޮނުވާލި ޝޮޓަކުން ކޫންޔާ ގޯލަށް ވައްދާލީ ވެސް ވިނީ އުފެއްދި
ފުރުސަތަކުންނެވެ.
އޭގެ ފަހުން ބްރެޒިލްގެ ފޯވާޑް
ރަފީނިއާ އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. އެކަމަކު ބްރެޒިލް ފުރަތަމަ
ހާފު ނިންމާލީ އިތުރު ވަގުތު ވިނީ ވައްދާލި ގޯލާ އެކު ތިން ލަނޑުގެ ލީޑަކާ އެކު
އެވެ.
ގްރޫޕުގެ ވާދަވެރިކަން ބޮޑުވެފައިވާތީވެ،
އެއް ވަނަ ހޯދަން ލަނޑުގެ ފަރަގު މަތިކުރަން ޖެހޭތީ ބެލެވިފައި އޮތީ ބްރެޒިލުން ދެ
ވަނަ ހާފުގައި އިތުރު ގޯލުތަކަށް އަމާޒު ހިފާނެ ކަމަށެވެ. އެކަމަކު ފެނިގެން
ދިޔައީ ބްރެޒިލް ކުޑަކޮށް ހަމަޖެހިލިތަނެވެ. ފުރުސަތުގެ ބޭނުން ހިފައި ހެއިޓީން
ވެސް ރަނގަޅު އެޓޭކްތަކެއް އުފެއްދި އެވެ. އޭގެ ތެރެއިން ދެ ހަމަލާ ސަލާމަތްކުރީ
ގޯލްކީޕަރު އެލިސަން ބެކާ އެވެ.
މި ހާފުގައި ބްރެޒިލްގެ ޒުވާން ފޯވާޑް
އެންޑްރިކް އަށް ކޯޗު ކާލޯ އަންޗެލޮޓީ ފުރުސަތު ދިނެވެ. އުމުރުން 19 އަހަރުގެ
ކުޅުންތެރިޔާ އެރުމުން ބްރެޒިލް ސަޕޯޓަރުން ހޫނު ތަރުހީބެއް ދިނެވެ. އަދި ގޯލެއް
ވެސް ވައްދާލި އެވެ. އެކަމަކު އޮފްސައިޑުގައި ހުރުމުން އެ ގޯލު ކެންސަލްވީ އެވެ.
ވޯލްޑް ކަޕަށް 52 އަހަރު ފަހުން ކޮލިފައިވި ހެއިޓީ ވެފައިވަނީ މި ފަހަރުގެ މުބާރާތުން އެންމެ ފުރަތަމަ ކެޓި ޓީމަށެވެ. ގްރޫޕް ސްޓޭޖުގައި، ކެރީބިނިއަން ސަރަހައްދުގެ ކުޑަކުޑަ ހެއިޓީ ކުޅޭ ފަހު މެޗުގައި ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.
ބްރެޒިލް ގްރޫޕުގެ ކުރިއަށް، ހެއިޓީ އެނބުރި ގައުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ