ބާޒާރުގައި ފިޔާގެ އަގު އުފުލިއްޖެ، އެސްޓީއޯއަށް ފިޔާ ލިބުމުގައި ދަތިކަމެއް ނެތް

މި ދުވަސްވަރު މޫސުން ގޯސްވުމުން، ދަތުރުފަތުރު ކުރުމަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން ބާޒާރުގައި ފިޔާ ލިބުން ވަރަށް ދަތިވެ، އަގު އުފުލިއްޖެ އެވެ. 
މާލޭގެ ފިހާރަތަކުގައި ކުރިން އަށް ރުފިޔާއަށް ލިބެމުން އައި ފިޔާ ކިލޯއެއްގެ އަގު މިހާރު އުޅެނީ 25ރ. އަށެވެ. އަދި ކުރިން 1.75ރ. ލިބެން ހުރި ބިހެއްގެ އަގު ވެސް މިހާރު އުޅެނީ 2.50 - 3ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ބާޒާރުމަތީ ފިހާރަތަކާއި މާލޭގެ ފިހާރަތަކުގައި ފިޔާ ލިބުން ދަތިވެ އޭގެ އަގު ބޮޑުވެފައި ވިޔަސް، އެސްޓީއޯގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ފިޔާ ލިބުމުގެ ދަތިކަމެއް އެ ކުންފުންޏަށް ނެތް ކަމަށެވެ. 
އެސްޓީއޯއިން މިހާރު ވެސް ކުރީގެ އަގުގައި ފިޔާ ވިއްކަމުން ދާއިރު، ވަރަށް އަވަހަށް އިތުރު ޝިޕްމަންޓެއް ރާއްޖެ އަންނާނެ ކަމަށް އެ ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެންމެ ފަހުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 8،591 ބަސްތާގެ ފިޔާ އަދި 14،228 ކޭސް ބިސް ވިޔަފާރި ބަނދަރުން ނެރެފައިވެ އެވެ. އަދި ރާއްޖެ ގެނައި 4،796 ކޭސް އަލުވި ވެސް ނެރެފައިވާއިރު މުދާ ކްލިއާ ކުރުމުގައި އެއްވެސް ޑިލޭއެއް ނެތް ކަމަށް އެމްޕީއެލުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ