އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލައިފި

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް އަލުން ދިރާސާކުރުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލް އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިމަހުގެ 14 ވަނަ ދުވަހު މަޖިލީހުން ފާސްކުރި އެ ބިލް ތަސްދީގު ނުކޮށް، އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސް އެ ބިލް އަނބުރާ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ. 
ރައީސް އެގޮތަށް ނިންމެވީ ބިލް ފާސްކުރިއިރު މަޖިލީހުން ބިލަށް ގެނައި ބަދަލުތަކާ އެކު، އެ ބިލްގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތް ކުރެއްވުމަށްފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އެ ބިލް މިހާރު އޮތްގޮތް މުރާޖައާކޮށް، އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. 
އެހެންވެ، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލާ މެދު މަޖިލީހުން އަލުން ވިސްނުމަށް ރައީސް އެ ބިލް މަޖިލީހަށް އަނބުރާ ފޮނުއްވީ ކަމަށް ރައީސް އޮފީހުން ބުންޏެވެ. 
މަޖިލީހުން ފާސްކޮށްފައިވާ އެ ބިލްގެ ބޭނުމުގެ ގޮތުގައި ބުނެފައިވަނީ އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓް ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމެވެ. އަދި އެ ބިލްގެ ބޭނުމަކީ އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލައި، ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ހިދުމަތަކީ އެންމެންނަށް ލިބޭނެ ފެންވަރު ރަނގަޅު އަދި ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ހިދުމަތަކަށް ހެދުމަށް ކަނޑައަޅަން ޖެހޭ އުސޫލުތައް ކަނޑައެޅުން ކަމަށް ވެސް އެ ބިލްގައި ބުނެފައިވެ އެވެ.
ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހީމް ދީދީ (އައިބީ) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ